02 ނޮވެމްބަރ 2020
ރާއްޖެ އަށް ނޮވެމްބަރު 3، 1988 ގައި ދިން އުދުވާނީ ހަމަލާއިން ރާއްޖެ ދިފާއުކުރީ ދިވެހި ސިފައިން ކަަމަށްް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ސިފައިންނަށް މިއަދު ތައުރީފުކުރައްވައިފި އެވެ.
ރާއްޖެ އަށް ނޮވެމްބަރު 3، 1988 ގައި ދިން އުދުވާނީ ހަމަލާއިން ރާއްޖެ ދިފާއުކުރީ ދިވެހި ސިފައިން ކަަމަށްް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ސިފައިންނަށް މިއަދު ތައުރީފުކުރައްވައިފި އެވެ.
ރައްޔިތުންްގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން ނަޝީދު ވިދާޅުވީ މާދަމާއަކީ "ރާއްޖޭގެ ފަޚުރުވެރި ނަސްރުގެ ދުވަސް ކަމަށެ"ވެ. އެއީ ނޮވެމްބަރު ތިނެއްގައި ސިފައިންގެ މައި މަރުކަޒަށް ދިން ހަމަލާ ދިވެހި ސިފައިން ދިފާއުކުރި ދިފާއުކުރުން ކަމަށް ވިދާޅުވި އެވެ.
އެއީ، ނަޝީދު ސިފަކުރެއްވި ގޮތުގައި، ލަންކާގެ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ޕީޕަލްސް ލިބަރޭޝަން އޯގަނައިޒޭޝަން އޮފް ޓެމިލް އީލާމް (ޕްލޮޓް) ޖަމާއަތުން ރާއްޖެ ހިފަން ދިން ހަމަލާއެކެވެ.
އެކަމަކު އެ ހަމަލާގެ ފަހަތުގައި ތިބީ ދިވެހިގެ ބައެކެވެ. އެހެންކަމުން އަބަދުވެސް ދިވެހިން ގަބޫލުކުރަނީ އެއީ ކުލީ ސިފައިންގެ ގޮތުގައި ޓެރަރިސްޓުން ގެނެސްގެން ރާއްޖެއަށް ދިން ހަމަލާއެއް ކަމަށެވެ.
"އަޅުގަނޑުމެން އަބަދުވެސް ނަސްރުގެ ދުވަހެއްގެ ގޮތުގައި ފާހަގަ، ހަގީގަތުގައި މިކުރަނީ ސާބިތުކަމާ އެކީގައި ސިފައިން ރައްދު ހަމަލާދީ އެ މަރުކަޒު ސިފައިން ހިމާޔަތްކުރި ކުރުން،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ ދުވަހު ސިފައިން ކުރި މަސައްކަތާ މެދު ޝައްކު އުފެދި އަދި އެކަން އޮޅިގެން ވެސް ނުވާނެ އެވެ. ސިފައިންގެ މައި މަރުކަަޒު ދިފާއުކުރި އިރުު ރައީސް މައުމޫނު އަބްދުލްގައްޔޫމް ހެޔޮ ހާލުކޮޅުގައި ހުންނެވި ކަމަށާއި އެމަނިކުފާނު ގެންދެވީ ސިފައިންގެ ވެރިންނާ ވާހަކަފުޅު ވެސް ދައްކަވަމުން ކަމަށް ނަޝީދު ވިދާޅުވި އެވެ.
ސިފައިން އެ ދުވަހު ކުރި މަަސައްކައްތާ މެދު ޝައްކު އުފައްދައިގެން ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވީ އެ ދުވަހު ބައެއް ސިފައިން ފިލި ކަމަށާއި ރާއްޖެ ސަލާމަތްކޮށްދިނީ އިންޑިއާއިން ކަމަށް މިއަދުގެ ޖަލްސާގައި މެމްބަރަކު ވިދާޅުވެފައި ވަނިކޮށެވެ. ބިލެތްދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވީ އެ ދުވަހު ޑިފެންސް މިނިސްޓަރު "އޮތީ ފާރެއްގެ މަތިން ފުންމާލައިގެން އަތް ބިނދިގެން" ކަމަށާއި ރައީސް ވެސް އޮންނެވީ ފިއްލަވައި ކަމަށެވެ.
އޭރުގެ ޑިފެންސް މިނިސްޓަރަކީ ރައީސް މައުމޫނެވެ. އެކަމަކު ދޮންބިލެތް ހަލީމުގެ އެ ވާހަކައިގެ އަމާޒަކީ އޭރުގެ ޑިފެންސް މިނިސްޓަރުގެ ނައިބުގެ ގޮތުގައި ހުންނެވި އިލްޔާސް އިބްރާހިމް ކަމަށް ވުން އެކަށީގެންވެ އެވެ. އިލްޔާސް އަތުލަން ޓެރަރިސްޓުން ވަނީ އޭނާ އޭރު ދިރިއުޅުއްވި ކިނބިގަސްދޮށުގެއަށް ވެސް ގޮސްފަ އެވެ. އެކަމަކު ގޭގެ ބިއްދޮށް ފާރުމަތިން ފުންމާލައްވައިގެން އިލްޔާސް ފިއްލެވީ އެވެ. ފުންމާލެއްވުމުން އެއް އަތް ބިނދުނެވެ.
ހަލީމްގެ ވާހަކައަށް ފަހު ނަޝީދު ވިދާޅުވީ މައުމޫނު ހެޔޮ ހާލުކޮޅުގައި ހުންނަވައި ސިފައިންގެ އިސް ވެރިންނާ ވެސް ވާހަކަދެއްކެވުމުގެ އިތުރުން ކެބިނެޓާ ވެސް މަޝްވަރާކުރެއްވި ކަމަށެވެ. ހުރިހާ ގައުމެއްގެ އެހީ އަށް ރާއްޖޭން އެ ދުވަހު އެދެން ނިންމެވީ ވެސް މަޝްވަރާކުރެއްވުމަށް ފަހު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ދިވެހިރާއްޖޭން އެދުނު އެދުމަށް އެމެރިކާ އާއި އިނގިރޭސިވިލާތާއި ސްރީ ލަންކާ އަދި އިންޑިއާ ވަރަށް ބޮޑަށް އިޖާބަދިން،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެ ދުވަހު ރާއްޖެއަށް ހަތިޔާރާ އެކު ސިފައިން ފޮނުވަން އެއްބަސްވީ ހަަމައެކަނި އިންޑިއާއިން ކަމަށާއި ޓެރަރިސްޓުން ފަހާގޮސް ހައްޔަރުކޮށްްގެން ގެނެސްދިނީ ވެސް އިންޑިއާ ސިފައިން ކަމަށެވެ.
އެފަހަރު ރާއްޖެ އަށް އައި އިންޑިއާ ސިފައިން ދެ އަހަރު ދުވަހު ތިބި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖެއިން ފުރައިގެން ދިޔައީ އަމިއްލަ އަށް ކަމަށެވެ. އެ މީހުން ފޮނުވާލަން ދިވެހިން އޭރު ނޫޅޭ ކަަމަށް ވެސް ވިދާޅުވި އެވެ.
"ނުވަދިހަ ވަނަ އަހަރުގެ ޖަނަވަރީ މަހުގައި އިންޑިއާ ސިފައިން ރާއްޖެ ދޫކޮށް ދިޔައީ، އެއްވެސް ބޭފުޅަކު، އެއްވެސް ދިވެއްސަކު އެ ދުވަހު އިންޑިއާ ސިފައިންް އެހާ އަވަަހަށް ދިއުމަށް ހަގީގަތުގައި މާ ބޮޑަށް ނޭދި ތިއްބާ،" ނަޝީދު ވިދާޅުވި އެވެ.
ދެން ވިދާޅުވީ އޭރުއްސުރެ މިއަދާ ހަމައަށް ވެސް ރާއްޖޭގެ ދިފާއު ވަރުގަދަކޮށްދޭން އިންޑިއާއިން އެހީތެރިވަމުން އަންނަ ކަމަށެވެ. އަދި އެއީ ހަމައެކަނި ވަކި ސަރުކާރަކުން ކުރި ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
ނޮވެމްބަރު 3 އަށް އިޝާރަތްކުރައްވާ ނަޝިދު އެގޮތަށް ވާހަކަފުޅު ދެއްކެވި އިރު، އިންޑިއާ އިން ރާއްޖެއަށް ދިން ހެލިކޮޕްޓަރުތައް އޮޕަރޭޓްކުރަން އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭތީ އިދިކޮޅު ފަރާތްތަކުން ގެންދަނީ އެކަމާ ދެކޮޅަށް އަޑުއުފުލަމުންނެވެ.
ނޮވެމްބަރު 3ގެ އަނެއް ފަރާތް: އޮޕަރޭޝަން ކެކްޓަސް 1
އުތުރު ތިލަފަޅުގެ އެއްބަސްވުން ހޯދަން މަޖިލީހުން އެދެނީ
ސިފައިން، ސިޔާސީ ނުފޫޒުން އެއްކިބާކުރަން ކަންކަން ކުރޭ
އިންޑިޔާގެ އެހީތެރިކަން ހަނދާންކުރަން: މައުމޫން
ނަޝީދާ އެކު އުޅެން މައުމޫން ލަދު ގަންނަން ޖެހޭ:ނިހާން
ޓެރަރިސްޓް ހަމަލާތަކަށް ހުޝިޔާރުވާންޖެހޭ: އާދަމް ޝަރީފް
ވަފާތެރި ލަޝްކަރެއް އޮތްކަން ދައްކަންވީ ވަގުތު ޖެހިއްޖެ
ނަތީޖާ ދަށް ދަރިވަރުން ޕޮލިހާއި ސިފައިންގެއަށް ވައްދަނީ
"ކުއްލި ނުރައްކަލަށް ދިވެހިން ތިބެން ޖެހޭނީ ހޭލާ"
މައުމޫނާއި ނަސްރީނާ ނޮވެމްބަރު 3 ގެ ހަނދާންތަކާ އެކު