އެމެރިކާއަށް އިންޑިއާއިން އެކްސްޕޯޓުކުރާ މުދަލުން 50 ޕަސެންޓާ ހަމައަށް ޑިޔުޓީ ބޮޑުކުރުމުގެ ނިންމުމަށް އިއްޔެއިން ފެށިގެން އަމަލުކުރަން ފެށުމާ އެކު، ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރަށް ވަނީ އިގުތިސާދީ އާ މިސްރާބެއް ހިޔާރުކުރަން މަޖުބޫރުވެފަ އެވެ.
އެމެރިކާއަށް އިންޑިއާއިން އެކްސްޕޯޓުކުރާ މުދަލުން 50 ޕަސެންޓާ ހަމައަށް ޑިޔުޓީ ބޮޑުކުރުމުގެ ނިންމުމަށް އިއްޔެއިން ފެށިގެން އަމަލުކުރަން ފެށުމާ އެކު، ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރަށް ވަނީ އިގުތިސާދީ އާ މިސްރާބެއް ހިޔާރުކުރަން މަޖުބޫރުވެފަ އެވެ.
އިންޑޯ-ޕެސިފިކްގައި ސަރަހައްދީ ބާރު ދެމެހެއްޓުމަށް އެމެރިކާއަށް އިންޑިއާ ކިތަންމެ މުހިންމުވިޔަސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ މި ނިންމުން ގުޅިފައިވަނީ ރަޝިޔާއާ އެވެ.
އެމެރިކާއިން ބޭނުންވަނީ އިންޑިއާއިން ރަޝިޔާގެ ތެޔޮ ގަތުން ހުއްޓުވާށެވެ. އެހެންވެ، ރަޝިޔާއިން ތެޔޮ ގަންނާތީ އިތުރު 25 ޕަސެންޓުގެ "އަދަބެއް" އިންޑިއާގެ މުދަލުން ނަގާ 25 ޕަސެންޓުގެ ޓެރިފުގެ އިތުރުން ހިމެނީ އެވެ.
ނަމަވެސް، އެމެރިކާގެ މި "ބޭއިންސާފު" ފިޔަވަޅުތަކަށް ދޫދިނުމުގެ ވިސްނުމެއް އިންޑިއާގެ ނެތް ކަމަށް މޯދީ ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ. އިންޑިއާގެ 1.4 ބިލިއަން މީހުންގެ އާބާދީއަށް ބޭނުންވާ ތެޔޮ ހޯދާނީ އިންޑިއާއަށް އެންމެ ފައިދާ ބޮޑު ގޮތަކަށް ކަމަށް ވިދާޅުވަމުންނެވެ.
އިންޑިއާގައި ބޭރު ފައިސާ މާރުކުރާ ތަނެއްގައި މުވައްޒަފަކު ރުޕީސް އާއި އެމެރިކާ ޑޮލަރުތަކެއް ގެންގުޅެނީ. --ފޮޓޯ: އޭއެފްޕީ
އެ ފިޔަވަޅު މަތީގައި އިންޑިއާއިން ސާބިތުވެ އޮންނާނެކަމަށް ބުންޏަސް، އިންޑިއާގެ އިގުތިސާދީ ކުރިއެރުމަށް މިކަމުން ވަރުގަދަ ލޮޅުމެއް އަންނާނެކަމަށް އިގުތިސާދީ މާހިރުން ވަނީ ލަފާކޮށްފަ އެވެ.
ދުނިޔޭގެ ފަސް ވަނައަށް އެންމެ ބޮޑު އިގުތިސާދު، އިންޑިއާއިން އެންމެ ގިނަ އަދަދަކަށް މުދާ ބޭރުކުރަނީ އެމެރިކާ އަށެވެ. އެއީ ދެ ގައުމުގެ މެދުގައި އަހަރަކު ގާތްގަނޑަކަށް 212 ބިލިއަން ޑޮލަރުގެ ވިޔަފާރި އެވެ.
އިގުތިސާދީ މާހިރުން އަންދާޒާކުރާ ގޮތުގައި، ޑިޔުޓީ ބޮޑުކުރުމުގެ ސަބަބުން، އެމެރިކާއަށް މުދާ ބޭރުކޮށްގެން މި މި އަހަރު ލިބޭނެކަމަށް ބެލެވޭ 86.5 ބިލިއަން ޑޮލަރު، އަންނަ އަހަރު ގާތްގަނޑަކަށް 50 ބިލިއަން ޑޮލަރަށް ވެއްޓޭނެ އެވެ.
މިގޮތުން، ރަން ރިހީގެ ބާވަތްތަކާއި އަންނައުނު އަދި ކާޕެޓު ފަދަ ބާވަތްތަކުން އެމެރިކާއަށް ކުރާ އެކްސްޕޯޓު 70 ޕަސެންޓާ ހަމައަށް ވެއްޓި، އެތައް ހާސް ބައެއްގެ ވަޒީފާ ގެއްލުމުގެ ބިރު ބޮޑުކަމަށް ލަފާކޮށްފައި ވެ އެވެ.
"އަޅުގަނޑުމެންގެ އަމާޒަކަށް ވާންވީ އަމިއްލަ ފައިމައްޗަށް ތެދުވުން. މަޖުބޫރީ ހާލަތެއްގެ ބަދަލުގައި މިކަން ވާންވީ ގައުމީ ފަހުރަކަށް. އިގުތިސާދަށް ކުރިމަތިވެދާނެ ދަތިކަމަކާ މެދު ހިތާމަކުރަން ނުތިބެ، އަމިއްލައަށް އިސްވެ ހައްލުތަކެއް ހޯދަން ތެދުވަންޖެހޭ،" މި މަހު ފާހަގަކުރި އިންޑިއާގެ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ގައުމާ މުހާތަބު ކުރައްވައި މޯދީ ވިދާޅުވި އެވެ.
އިންޑިއާގައި ބޮޑުވަޒީރު ނަރެންދުރަ މޯދީ --ފޮޓޯ: އޭއެފްޕީ
އެ ހިތާބުގައި މޯދީ ވަނީ، އެމެރިކާގެ ފިޔަވަޅުތަކުން ކުރިމަތިވާނެ ލޮޅުންތަކަށް، އެތެރޭގެ އިގުތިސާދުން ފޫބައްދަން އަޅާ ފިޔަވަޅުތައް ވެސް އިއުލާނުކުރައްވައިފަ އެވެ.
މިކަން ކުރަން ނިންމާފައިވަނީ، އިންޑިއާގެ އެތެރޭގެ އިގުތިސާދަށް މަގުފަހިކުރުމުގެ ގޮތުން، މުދަލާއި ހިދުމަތުގެ އަގުން އާންމުންގެ އަތުން ނަގާ ޓެކްސް ރޭޓުތައް ކުޑަކޮށްގެންނެވެ.
މިގޮތުން، 12 ޕަސެންޓާއި 28 ޕަސެންޓުގެ ގިންތި އުވާލައި، ދެން ޖީއެސްޓީ ނަގާނީ ފަސް ޕަސެންޓާއި 18 ޕަސެންޓުގެ ރޭޓުގަ އެވެ. މައި ސަރުކާރުގެ ވިސްނުމަކީ 12 ޕަސެންޓުގެ ޓެކްސް ނަގަމުން އައި މުދަލާއި ހިދުމަތުގެ 99 ޕަސެންޓުގެ ޓެކްސް ފަސް ޕަސެންޓަށް ތިރިކުރުމެވެ.
މި ބަދަލުން، އާންމު ގޮތެއްގައި ބޭނުންކުރާ ގިނަ ބާވަތްތަކެއްގެ މުދަލުގެ އަގު ވަރަށް ބޮޑަށް ހެޔޮ ވާނެ ކަމަށް އިގުތިސާދީ މާހިރުން ވަނީ ލަފާކޮށްފަ އެވެ.
އިންޑިއާގެ ރޭލެއްގައި ކޮންޓެއިނަރުތަކެއް އުފުލަނީ. --ފޮޓޯ: އޭއެފްޕީ
އިންޑިއާގެ އުފެއްދުންތެރިކަމުގެ ނުވަތަ ޖީޑީޕީގެ 60 ޕަސެންޓު މިހާރު ވެސް ހިއްސާކުރަނީ އެތެރޭގެ އިގުތިސާދުންނެވެ.
މޯދީގެ ސަރުކާރުގެ އަމާޒަކީ، ޓެކްސް ރޭޓުތައް ކުޑަކުރުމުން، އާންމުން ކުރާ ހޭދަ މަތިކުރަން ބާރުއަޅައި އެތެރޭގެ އިގުތިސާދީ ދުވެލި ހަލުވި ކުރުމެވެ.
އެއާ އެކު ޓެކްސް އާމްދަނީ ގެއްލޭ ބައި، އެތައް ގުނައަކުން އެތެރޭގެ އިގުތިސާދީ ހަރަކާތްތައް ފުޅާކޮށްގެން މައި ސަރުކާރަށް އަނބުރާ ހޯދޭނެކަމަށް މާހިރުން އަންދާޒާކުރެ އެވެ.
އަދި ޓެކްސް ލުއިކުރުމުން، ބޭރުގެ އިންވެސްޓަރުންގެ ޝައުގުވެރިކަން ވެސް އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
ޓެރިފް ބޮޑުކުރިޔަސް ބޮލެއް ނުލަނބާނަން: އިންޑިއާ
ޓްރަމްޕުގެ ފޯނަށް މޯދީ ޖަވާބެއް ނުދެއްވާ: ރިޕޯޓް
އިންޑިއާ-ޗައިނާގެ "ބޯޑަރު ވިޔަފާރި" އަލުން ފަށަނީ
އިންޑިއާގެ މުދަލުން އެމެރިކާއިން 50 ޕަސެންޓް ޓެރިފް
ރަޝިޔާގެ ތެޔޮ ގަންނާތީ އިންޑިއާގެ ޓެރިފް ބޮޑުކުރަނީ
އެމެރިކާ-އިންޑިއާގެ ބާރުގަދަ ސެޓެލައިޓެއް ލޯންޗުކޮށްފި
އެމެރިކާއިން އިންޑިއާގެ މުދަލުން 25 ޕަސެންޓް ޓެރިފް
އިންޑިއާ އާއި ޕާކިސްތާނުން ހަމަލާތައް ހުއްޓާލައިފި
މުމްބާއީ ހަމަލާގެ މީހަކު އެމެރިކާއިން އިންޑިއާއަށް
މޯދީ އާއި ޓްރަމްޕު އަންނަ ހަފުތާގައި ބައްދަލުކުރައްވަނީ