Roadha Mihaaru

އެމެރިކާ އާއި އިންޑިއާއިން ބާރުގަދަ މޮނިޓަރިން ސެޓެލައިޓެއް ލޯންޗުކޮށްފި

އެމެރިކާ އާއި އިންޑިއާ ގުޅިގެން އުފެއްދި ބާރުގަދަ އާ ރާޑަރު ސެޓެލައިޓެއް އިއްޔެ ލޯންޗްކޮށްފި އެވެ.

އެމެރިކާ-އިންޑިއާގެ ބާރުގަދަ ސެޓެލައިޓެއް ލޯންޗުކޮށްފި

އެމެރިކާ އާއި އިންޑިއާ ގުޅިގެން އުފެއްދި ބާރުގަދަ އާ ރާޑަރު ސެޓެލައިޓެއް އިއްޔެ ލޯންޗްކޮށްފި އެވެ.

މިއީ ބިމާއި ގަނޑުފެނުގެ ސަރަހައްދުތަކަށް އަންނަ ބަދަލުކޮށް މޮނިޓަކޮށް، ގުދުރަތީ އަދި އިންސާނުންގެ ސަބަބުން ކުރިމަތިވާ ކާރިސާތައް އަންދާޒާކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ސެޓެލައިޓެއް ކަމަށް ވަނީ ބުނެފަ އެވެ.

ނިސާރު (ނާސާ-އިސްރޯ ސިންތެޓިކް އެޕާޗާ ރާޑާ) ގެ ނަން ދީފައިވާ، ޕިކަޕް ޓްރަކް ސައިޒުގެ ޖައްވީ އުޅަނދު އިންޑިއާގެ ދެކުނުއިރުމަތީ އައްސޭރިފަށުގައި ހުންނަ ސަތީޝް ދަވަން ސްޕޭސް ސެންޓަރުން ލޯންޗްކުރީ އިސްރޯ ޖިއޯސިންކްރޮނަސް ސެޓެލައިޓް ލޯންޗް ވެހިކަލް ރޮކެޓެއް ބޭނުންކޮށްގެންނެވެ.

ސައިންސްވެރިން ވަރަށް ބޮޑަށް އިންތިޒާރު ކުރަމުން އަންނަ މި މިޝަނަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވެރިކަމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބުނު މުހިންމު ކުރިއެރުމެއްގެ ގޮތުގައި ވެސް ވަނީ ފާހަގަކޮށްފަ އެވެ.

"އަހަރެމެންގެ ޕްލެނެޓްގެ ސާފޭސް އަބަދުވެސް އަންނަނީ ބަދަލުވަމުން އަދި މިއީ މުހިންމު ބަދަލުތަކެއް،" ނާސާގެ އާތު ސައިންސް ޑިވިޝަންގެ ޑިރެކްޓަރު ކެރެން ސެއިންޓް ޖާމައިން، މި ސެޓެލައިޓް ލޯންޗް ކުރުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވި އެވެ.

"ބައެއް ބަދަލުތައް އަންނަނީ ލަސްލަހުން. ބައެއް ބަދަލުތައް ކުއްލިއަކަށް. ބައެއް ބަދަލުތައް ވަރަށް ބޮޑު. ބައެއް ބަދަލުތައް ވަރަށް ކުދި."

ޖައްވުގައި ނިއުޅުވާލާ 12 މީޓަރުގެ ޑިޝްއެއް ހިމެނޭ ނިސާރު ސެޓެލައިޓު 464 މޭލު (747 ކިލޯމީޓަރު) ގެ އުސްމިނުން ކޮންމެ 12 ދުވަހަކުން ދެ ފަހަރު، ގާތްގަނޑަކަށް މުޅި ދުނިޔޭގެ ބިމާއި އައިސްގެ ސަރަހައްދުތަކުގެ ރެކޯޑް އެއްކުރާނެ އެވެ.

އެއް ސެންޓިމީޓަރު (0.4 އިންޗި) ވަރުގެ ކުޑަ މިންވަރެއްގެ ބަދަލު ބިމުގެ ވާޓިކަލް ޝިފްޓްތަކުން ދެނެގަތުމުގެ ގާބިލްކަން މި ސެޓެލައިޓަށް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ މިއީ ބިންހެލުމާއި ބިންގަނޑު ކަނޑައިގެން ދިއުމާއި އަލިފާން ފަރުބަދަތައް ގޮވުމާއި ދުވަސްވީ ޑޭމްތަކާއި ބްރިޖް ފަދަ އުމްރާނީ ވަސީލަތްތަކަށް އަންނަ ބަދަލުން ކާރިސާތަކުގެ އިންޒާރުގެ ނިޝާންތައް ހޯދޭނެ އެއްޗެއް ކަމަށް ވެސް ވިދާޅުވި އެވެ.

މި ސެޓެލައިޓުން އިންޑިއާ ބޮޑަށް ޝައުގުވެރިވަނީ އައްސޭރިފަށާއި ގޮނޑުދޮށްތަކާއި ކޯރުތައް ފަދަ ތަންތަނަށް އަންނަ ބަދަލާއި އެ ތަންތަނުގެ އަޑީގައި އޮންނަ ބިމަށް އަންނަ ބަދަލުތައް ބަލަމުން ދިއުމެވެ. މީގެ އިތުރުން ދަނޑުވެރިކަމުގެ ސިޔާސަތަށް އިރުޝާދު ދިނުމާއި ދަނޑުވެރިކަމުގެ ސިޔާސަތު ބައްޓަންކުރުމާއި، ގަސްގަހާގެހީގެ ދުޅަހެޔޮކަމާ ގުޅޭ ކަންކަން ބެލެހެއްޓުމާއި، ބިންގަނޑުގެ މޮއިސްޗާ ލެވެލް ބެލުމަށް ވެސް މި ސެޓެލައިޓްގެ ޑޭޓާ ބޭނުންކުރާނެ އެވެ. -- އޭއެފްޕީ