Roadha Mihaaru

ސީއެސްސީއަށް ނާސިހު އަލުން ކުރިމަތިލައްވައިފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މިހާރުގެ ތިން މެމްބަރުގެ ދައުރު ހަމަވާތީ އެ މަގާމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި އެ ކޮމިޝަނުގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ނާސިހު އަލުން ކުރިމަތިލައްވައިފި އެވެ.

ސީއެސްސީއަށް ނާސިހު އަލުން ކުރިމަތިލައްވައިފި
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

18 އޯގަސްޓް 2025

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މިހާރުގެ ތިން މެމްބަރުގެ ދައުރު ހަމަވާތީ އެ މަގާމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި އެ ކޮމިޝަނުގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ނާސިހު އަލުން ކުރިމަތިލައްވައިފި އެވެ.

ސީއެސްސީގެ ތިން މެމްބަރުންގެ ދައުރުހަމަވަނީ އަންނަ މަހުގެ ތިނެއްގަ އެވެ. އެހެންވެ، ހުސްވާ އެ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލި މުއްދަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސަށް ފެނިވަޑައިގަންނަވާ ހަ ނަމެއް ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފަ އެވެ.

ރައީސް ފޮނުއްވި ނަންތަކުގެ ތެރޭގައި ހިމެނެނީ ސީއެސްސީގެ ރައީސް ކަމުގައި ހުންނެވި އަދި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ނާސިހާއި ސްޕްރީމް ކޯޓުގެ ކުރީގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމުގައި ހުންނެވި ދަފްތަރު ނަމްބަރު 1325، ޑރ. ހުސެއިން ފާއިޒާއި މ. ވައިޓްވޭލް، ޑރ. ދީބާ މޫސާ އާއި ދަފްތަރު ނަމްބަރު ރސ. 2414، ބަދްރިއްޔާ މޫސާގެ އިތުރުން ގއ. ވިލިނގިލީ، ވާދީއާގެ ފާތިމަތު މުނާ އާއި ސ. މަރަދޫ، މޫންލައިޓްހައުސް، އައިމިނަތު އުއްމުކުލްސޫމް އެވެ.

އޭގެ ތެރެއިން އުއްމުކުލްސުމްއަކީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އާންމުންގެ ފަރާތުން ކަނޑައަޅާ މެމްބަރަކަށް އެންމެ ފަހުން ހުންނެވި މެމްބަރެވެ. އޭނާގެ ޖޭއެސްސީގެ މެމްބަރުކަމުގެ ދައުރު ހަމަވީ ދާދިފަހުންނެވެ.

އެ ނަންތައް އިއްވުމަށް ފަހު، ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ.

ސީއެސްސީގެ ރައީސް ކަމަށް ނާސިހު އައްޔަންކުރެއްވީ 2020 ގަ އެވެ.

އެ ކޮމިޝަނުގެ މެމްބަރު ކަމަށް ނާސިހު އަލުން ކުރިމަތިލެއްވިއިރު މިދިޔަ އަހަރުގެ ތެރޭގައި ވަނީ މަޖިލިހުގެ ދާއިމީ ކޮމިޓީއަކަށް ހުށަހަޅައިގެން ނާސިހުގެ އިތުރުން އިލެކްޝަންސް ކޮމިޝަން (އީސީ) އާއި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެންބަރުންތަކެއް މަގާމުން ވަކިކުރުމުގެ މަސައްކަތްކޮށްފަ އެވެ. ހައްސާސް މައްސަލައެއްގެ ގޮތުގައި އެކަން ބަލައި އެ ކޮމިޝަނުތަކުން އޭރު ބައެެއް މެމްބަރުން ވަކި ކުރި އެވެ.