Roadha Mihaaru

ސީއެސްސީ އަށް އައްޔަންކުރަން ކުރީގެ މެންބަރު މުޖުތާޒަށް ރުހުން ދީފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ހުސްވެފައިވާ މެންބަރު ކަމަށް، ހަނިމާދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުޖުތާޒް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ސީއެސްސީ އަށް މުޖުތާޒް އައްޔަންކުރަން ފާސްކޮށްފި
އައިޝަތު ނުޒުހާ
އައިޝަތު ނުޒުހާ

16 އެޕްރީލް 2025

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ހުސްވެފައިވާ މެންބަރު ކަމަށް، ހަނިމާދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުޖުތާޒް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އޭނާ އެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް މަޖިލިހުގެ މިއަދުގެ ޖަލްސާގައި ފާސްކުރީ ވޯޓުގައި ބައިވެރިވި 71 މެންބަރުންގެ އިއްތިފާގުންނެވެ.

މުޖުތާޒް ވަނީ 17 ވަނަ މަޖިލީހުގައި ހަނިމާދޫ ދާއިރާގެ މެންބަރު ކަން ކުރައްވައިފަ އެވެ. އޭގެ ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭނާ ހުންނެވީ ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގަ އެވެ.

ސީއެސްސީން ހުސްވި ގޮނޑިއަށް އައްޔަން ކުރުމަށް މަޖިލީހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުވާފައިވަނީ ވެސް މުޖުތާޒްގެ ނަން އެކަންޏެވެ.

ސީއެސްސީގެ ގޮނޑިއެއް ހުސްވެފައިވަނީ އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އިބްރާހިމް ރަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ އިސްތިއުފާ ދެއްވާފައިވަނީ އޭނާގެ މައްސަލަތަކެއް ބަލައި މަގާމުން ވަކިކުރުމުގެ މަސައްކަތް މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމިޓީން ފަށާފައިވަނިކޮށެވެ.