Roadha Mihaaru

ސީއެސްސީއަށް ނާސިހާއި ދީބާ އަދި ފާއިޒު އައްޔަންކުރަން ފާސްކޮށްފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސްގެ މަގާމުގައި މިހާރު ވެސް ހުންނެވި މުހައްމަދު ނާސިހު އިތުރު ދައުރަކަށް އައްޔަން ކުރުމަށާއި އަދި އެ ކޮމިޝަންގެ މެމްބަރު ކަމަށް އިތުރު ދެ ބޭފުޅަކު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.

ސީއެސްސީއަށް ނާސިހާއި ދީބާ އަދި ފާއިޒް އައްޔަންކުރަނީ
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

27 އޯގަސްޓް 2025

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސްގެ މަގާމުގައި މިހާރު ވެސް ހުންނެވި މުހައްމަދު ނާސިހު އިތުރު ދައުރަކަށް އައްޔަން ކުރުމަށާއި އަދި އެ ކޮމިޝަންގެ މެމްބަރު ކަމަށް އިތުރު ދެ ބޭފުޅަކު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.

ސީއެސްސީގެ ތިން މެމްބަރެއްގެ ދައުރު ހަމަވަނީ އަންނަ މަހުގެ ތިން ވަނަ ދުވަހު އެވެ. އެހެންވެ، އެ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލި މުއްދަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސަށް ފެނިވަޑައިގަންނަވާ ހަ ނަމެއް މަޖިލީހަށް ފޮނުވި އެވެ.

އޭގެ ތެރެއިން މަޖިލީހުން ރުހުން ދިނީ މިހާރު ވެސް އެ ކޮމިޝަނުގެ ރައީސް ކަމުގައި ހުންނެވި ނާސިހާއި ޑރ. ދީބާ މޫސާ އަދި ޑރ. ހުސެއިން ފާއިޒަށެވެ. އޭގެ ތެރެއިން ދީބާއަކީ ހެލްތު މިނިސްޓަރު ނާޒިމްގެ އަނބިކަނބަލުންނެވެ. އަދި ޑރ. ފާއިޒަކީ ސުޕްރީމް ކޯޓުގެ ކުރީގެ ސެކެޓްރީ ޖެނެރަލެވެ.

ސީއެސްސީއަށް ނާސިހު އައްޔަންކުރަން ރުހުން ދިނީ 52 މެމްބަރުންގެ ވޯޓުންނެވެ. އަދި ހަތަރު މެމްބަރަކު ވަނީ އޭނާއާ ދެކޮޅަށް ވޯޓު ދީފަ އެވެ.

ދީބާ އައްޔަން ކުރުމަށް ފެންނަ ކަމަށް 60 މެމްބަރުން ވޯޓު ދެއްވިއިރު، ޑރ. ފާއިޒު އެ މަގާމަށް އައްޔަންކުރުމަށް 54 މެމްބަރަކު ވޯޓު ދެއްވި އެވެ.

ދީބާ ވަނީ ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) ގެ ޑެޕިއުޓީ ވައިސް ޗާންސެލަރު ކަން ވެސް ކުރައްވައިފަ އެވެ.

ސީއެސްސީގެ މެމްބަރު ކަމަށް 2020 ގައި އައްޔަންކުރި ނާސިހާއި އިތުރު މެމްބަރުންތަކެއްގެ މައްސަލަ މިދިޔަ އަހަރުގެ ތެރޭގައި ވަނީ މަޖިލިހުގެ ދާއިމީ ކޮމިޓީއަކަށް ހުށަހަޅައިގެން، މެމްބަރުންތަކެއް ވަކިކުރުމުގެ މަސައްކަތްކޮށްފަ އެވެ. އަދި ހައްސާސް މައްސަލައެއްގެ ގޮތުގައި އެކަން ބަލައި އެ ކޮމިޝަންގެ ބައެެއް މެމްބަރުން އޭރު ވަކިކުރިޔަސް އެ މައްސަލައިން ނާސިހު ސަލާމަތްވީ އެވެ.

މިއަދު ޖަލްސާގައި ވަނީ ހިއުމަން ރައިޓްސް ކޮމިޝަންގެ މެމްބަރު ކަމަށް ސ. ހުޅުދޫ، އަހުމަދު މަގްސޫމް އައްޔަން ކުރަން ވެސް ފާސްކޮށްފަ އެވެ. އޭނާ އެ މަގާމަށް އައްޔަންކުރަން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގަތް 62 މެމްބަރުންގެ ތެރެއިން 58 މެމްބަރުންގެ ވޯޓުންނެވެ.