Roadha Mihaaru

ސީއެސްސީގެ ރައީސަކަށް މުޖުތާޒު، ނައިބަކަށް ނާސިހު އައްޔަން ކުރަން މަޖިލިހުގެ ރުހުން ހޯދަން ހުށަހަޅައިފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސަކަށް، އެ ކޮމިޝަނަށް އަލަށް އައްޔަންކުރި މުހައްމަދު މުޖުތާޒު އަދި ނައިބު ރައީސަކަށް އެ ކޮމިޝަންގެ މިހާރުގެ ރައީސް މުހައްމަދު ނާސިހު އައްޔަން ރައްޔިތުންގެ މަޖިލިހުގެ ރުހުން ހޯއްދަވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވައިފި އެވެ.

ސީއެސްސީގެ ރައީސަކަށް މުޖުތާޒު، ނައިބަކަށް ނާސިހު
މުހައްމަދު ނަސީމް
މުހައްމަދު ނަސީމް

15 ސެޕްޓެމްބަރ 2025

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސަކަށް، އެ ކޮމިޝަނަށް އަލަށް އައްޔަންކުރި މުހައްމަދު މުޖުތާޒު އަދި ނައިބު ރައީސަކަށް އެ ކޮމިޝަންގެ މިހާރުގެ ރައީސް މުހައްމަދު ނާސިހު އައްޔަން ރައްޔިތުންގެ މަޖިލިހުގެ ރުހުން ހޯއްދަވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވައިފި އެވެ.

އެ ދެ މަގާމަށް ދެބޭފުޅުން އައްޔަން ކުރުމާ މެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން އޮތްކަން ނުވަތަ ނޫންކަން ކަނޑައަޅައި ދެއްވުން އެދި ފޮނުއްވި ސިޓީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވުމަށް ފަހު، ދިރާސާކުރުމަށްޓަކައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް މަޖިލިހުގެ ރިޔާސަތުން ފޮނުވި އެވެ.

ސީއެސްސީގެ ރައީސަކަށް އައްޔަން ކުރައްވަން މަޖިލިހަށް ނަން ފޮނުއްވި މުޖުތާޒު ސީއެސްސީގެ މެންބަރުކަމަށް އައްޔަން ކުރެއްވީ މިދިޔަ އޭޕްރީލް މަހު އެވެ.

މޯލްޑިވްސް ކޮލެޖު އޮފް ހަޔާ އެޑިއުކޭޝަނުން ބެޗްލާސް އޮފް ލޯ ހާސިލު ކުރައްވާފައިވާ މުޖުތާޒް ވަނީ 17 ވަނަ މަޖިލީހުގައި ހަނިމާދޫ ދާއިރާގެ މެންބަރު ކަން ކުރައްވައިފަ އެވެ. އޭގެ ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭނާ ހުންނެވީ ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގަ އެވެ.

ސީއެސްސީގެ ނައިބަކަށް އައްޔަން ކުރައްވަން ރައީސް މުއިއްޒު ނަން ހުށަހެޅުއްވި ނާސިހު މިހާރު ހުންނެވީ އެ ކޮމިޝަނުގެ ރައީސަކަށެވެ. އޭނާ އެކޮމިޝަނަށް އައްޔަންކުރީ 2020 ވަނަ އަހަރު އެވެ. އެހެންވެ، މިއީ އެ ކޮމިޝަންގައި މަސައްކަތް ކުރައްވާ އޭނާގެ ދެވަނަ ދައުރެވެ.