Roadha Mihaaru

ރަށްރަށުގައި ކުނި މެނޭޖުކުރާނެ ފައިސާ ހޯދުމަށްޓަކައި ފަޅާއި ފަޅުރަށްރަށުގައި އިންވެސްޓްކުރާނެ ބަޔަކު ހޯދަނީ

ރަށްރަށުގައި ކުނި މެނޭޖުކުރަން ބޭނުންވާ ފައިސާ ހޯދުމަށް ބައެއް ރަށްރަށުގެ ފަޅާއި ފަޅުރަށްރަށް ތަރައްގީކޮށް، އެ ތަންތަނުގައި ވިޔަފާރި އުސޫލުން އިންވެސްޓް ކޮށްދޭނެ ފަރާތްތައް ހޯދަން ވެމްކޯ އިން އިއުލާންކޮށްފި އެވެ.

ކުނި މެނޭޖު ކުރާނެ ފައިސާ ހޯދަން އިންވެސްޓަރުން ހޯދަނީ
އިފްރާޒް އަލީ
އިފްރާޒް އަލީ

16 އޯގަސްޓް 2025

ރަށްރަށުގައި ކުނި މެނޭޖުކުރަން ބޭނުންވާ ފައިސާ ހޯދުމަށް ބައެއް ރަށްރަށުގެ ފަޅާއި ފަޅުރަށްރަށް ތަރައްގީކޮށް، އެ ތަންތަނުގައި ވިޔަފާރި އުސޫލުން އިންވެސްޓް ކޮށްދޭނެ ފަރާތްތައް ހޯދަން ވެމްކޯ އިން އިއުލާންކޮށްފި އެވެ.

އެގޮތަށް ކުއްޔަށް ދޭން ނިންމާފައި ދެ ތަނަކަށް ބީލަން ހުށަހަޅަން ވެމްކޯ އިން މި މަހުގެ ތިންވަނަ ދުވަހު އިއުލާންކޮށްފައިވެ އެވެ. އެއީ، ކ. ހިންމަފުށީގެ ފަޅުން ބަޔަކާއި ކ. ގުރައިދޫ ކައިރީގައި އޮންނަ ފަޅުރަށެއް ކަމަށްވާ ޅޮސްފުއްޓެވެ.

އެ ދެ އިއުލާނުގައި ވެސް ބުނިގޮތުގައި، އެ ތަންތަން ދެނީ ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ތަރައްގީކުރާ ގޮތަށެވެ. އަދި އެ ތަންތަނުގެ ޕްލޭނިން އާއި ޑިޒައިން އަދި ތަރައްގީގެ ކަންކަން ކުރަން ޖެހޭނީ ބީލަން ކާމިޔާބުކުރާ ފަރާތުން އަމިއްލަ އަށް ކަމަށާއި އެ ތަންތަން ތަރައްގީ ކުރުމަށް ވެމްކޯ އާއި ކައުންސިލްތަކުން އެއްވެސް ހަރަދެއް ނުކުރާނެ ކަމަށް އިއުލާންތަކުގައި ބުނެފައިވެ އެވެ.

ހިންމަފުށީ ފަޅާއި ޅޮސްފުށި ތަރައްގީކުރަން ޝައުގުވެރިވާ ފަރާތްތަކުން މި މަހު 28 ގެ ކުރިން ބީލަން ހުށަހަޅަން އެ އިއުލާންތަކުގައި ބުނެފައިވެ އެވެ.

މި އިއުލާންތަކާ ގުޅިގެން ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލް "މިހާރު" އަށް މިރޭ ވިދާޅުވީ، އެ ކުންފުނިން ނިންމާފައި ވަނީ ރަށްރަށުގެ ކުނި މެނޭޖު ކުރުމަށްޓަކައި ސަރުކާރުގެ ސަބްސިޑީއާ ނުލައި، ވިޔަފާރި އުސޫލުން އެ ހިދުމަތް ދެވޭނެ ގޮތެއް ހޯދަން ކަމަށެވެ. އެހެންވެ، ރަށްރަށުން ބިމާއި ފަޅު ހޯދަނީ ވިޔަފާރީ އުސޫލުން އެ ތަނުގައި އިންވެސްޓް ކޮށްދޭނެ ބަޔަކު ހޯދަން ކަމަށް އޭނާ ވިދާޅުވި އެވެ.

"ވިޔަފާރި އުސޫލުން ބިން މި ހޯދަނީ. އެ ތަނަށް އިންވެސްޓް ކޮށްގެން އެ ތަން ހިންގާނީ ވެމްކޯއަކުންނެއް ނޫން. ބީލަމުގެ އުސޫލުން އެ ތަން ނަގާ ބައެއްގެ ކަމެއް ތަން ހިންގުމަކީ. ތަނުން ލިބޭ ނަފާއިން ބައެއް އަޅުގަނޑުމެން ވެމްކޯ އަށް އެ ބަޔަކު ދޭން މި ޖެހެނީ. އަޅުގަނޑުމެން ވެމްކޯއިން މި އުޅެނީ ގެސްޓް ހައުސް ހިންގާކަށް ނޫން،" މުޖުތަބާ ވިދާޅުވި އެވެ.

"އެ ތަނުގެ ކުލިން ލިބޭ ފައިސާއިން އެ ރަށެއްގެ ކުނި މެނޭޖުކުރެވޭނެ ގޮތް މި ހޯދަނީ."