Roadha Mihaaru
ވެމްކޯއިން ނަގާ ފީތައް ކުޑަކޮށްދޭނަން: މުއިއްޒު

ކުނި އުކާލުމަށް ވެމްކޯއިން ނަގާ ފީތައް ކުޑަކޮށްދޭނަން: މުއިއްޒު

06 ސެޕްޓެމްބަރ 2023

ކުނި އުކާލުމަށް ވެމްކޯ އިން މާލޭގައި ނަގަމުން އަންނަ އަގުތައް ވަރަށް ބޮޑު ކަމަށާއި އޭނާގެ ވެރިކަމެއްގައި އެ އަގުތައްް ކުޑަކޮށްދެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކުނި އުކާލުމަށް ވެމްކޯ އިން މާލޭގައި ނަގަމުން އަންނަ އަގުތައް ވަރަށް ބޮޑު ކަމަށާއި އޭނާގެ ވެރިކަމެއްގައި އެ އަގުތައްް ކުޑަކޮށްދެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މާފަންނުގައި ޕީޕީއެމްގެ ޖަގަހައެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މާލޭގެ މޭޔަރު ކަން ވެސް ކުރައްވާ މުއިއްޒު ވިދާޅުވީ ވެމްކޯގެ އަގުތައް ހުރީ އާންމުންނަށް ބޮޑު ތަކުލީފަކަށް ވާ މިންވަރަށް މަތިކޮށްފައި ކަމަށެވެ. އެއީ މާލޭގައި ދިރިއުޅޭ މީހުންނަށް ޖައްސާފައިވާ ނުކަތާ ވަރުގެ ބުރައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ވެމްކޯ އިން އަގަށް ނެގައި ބަދަލުގެ ސަބަބުން އާންމުންނަށް ދަތިވާއިރު، ކުދި އަދި މެދުފަންތީގެ ވިޔަފާރިކުރާ މީހުން ތިބީ ބަނގުރޫޓުވާ ހިސާބުގައި ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އެހެންވީމަ އަޅުގަނޑު ދޭ ޔަގީން ކަމަކީ، އަޅުގަނޑަށް ރައްޔިތުން އިތުބާރު ކުރައްވައި މި އަންނަ ހޮނިހިރު ދުވަހުގެ ވޯޓުގައި މި މާލެ ސިޓީން ވޯޓު ދެއްވައި އިންތިހާބުކޮށްފި ނަމަ، ވެމްކޯގައި މިހިރަ އެއްގޮތަކަށް ވެސް ބަލައި ނުގަނެވޭ ބޮޑު އަގުތައް ކުޑަކޮށްދީ، ރައްޔިތުންނަށް ފޯރާވަރުގެ އަގުތަކަކަށް ހަދައިދޭނަން،" އޭނާ ވިދާޅުވި އެވެ.

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މާލޭގައި ޖަގަހައެއް ހުޅުއްވައިދެއްވަނީ.-- ފޮޓޯ: ޕީޕީއެމް

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މާލޭގައި ޖަގަހައެއް ހުޅުއްވައިދެއްވަނީ.-- ފޮޓޯ: ޕީޕީއެމް

މުއިއްޒު ވިދާޅުވި ގޮތުގައި، ވެމްކޯގެ އަގުތައް ބޮޑުކޮށްގެން އުޅެނީ ކުންފުންޏަށް ފައިދާ ނުވާތީއެއް ނޫނެވެ. އެކަން ކުރީ ކުންފުނިން ހިންގަން ނޭނގިގެންނެވެ. ކުންފުނި ހިންގަން އެނގޭ އިހުލާސްތެރި ވެރިން ލައިގެން، ކުންފުނި ރަނގަޅަށް ސްޓަރަކްޗާކޮށްފި ނަމަ، ބޮޑު އަގު ނުނަގާ ވެސް ވެމްކޯ އަކީ ފައިދާވާ ކުންފުންޏަކަށް ހެދިދާނެ އެވެ.

ބޮޑު އަގެއް ނަގައިގެން، ވެމްކޯއަށް ރަނގަޅަށް ހިދުމަތް ވެސް ނުދެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މީހުން ދިރިއުޅޭ ގޭބިސީތައް ފިޔަވާ އެހެން ތަންތަނުން ކުނި އުކާލުމަށް ވެމްކޯ އިން ނަގާ ފީ އަށް ބަދަލު ގެނައީ މިދިޔަ ޖުލައި މަހުން ފެށިގެންނެވެ. އެ އަގުތައް އުޅެނީ 250ރ. އާއި 950ރ. އާ ދެމެދުގަ އެވެ. އަދި ޖުލައި މަހުން ފެށިގެން ކުނި ބިލާއި ކަރަންޓު ބިލުގައި ހިމަނައިގެން ފޮނުވާ ގޮތަށް ވަނީ ބަދަލު ގެނެސްފަ އެވެ.

ވެމްކޯ އިން އަގުތަކަށް ގެނައި ބަދަލާ ގުޅިގެން ވިޔަފާވެރިންނާއި މާލޭ ސިޓީ ކައުންސިލުން ވެސް އޭރު ކަންބޮޑުވުން ފާޅުކުރި އެވެ.

މުއިއްޒުގެ ދެކަނބަލުން މިއަދު ވަނީ މާލޭގެ ބައެއް ގޭގެއަށް ވެސް ވަޑައިގެން އާންމުންނާ ބައްދަލުކުރައްވައިފަ އެވެ.