Roadha Mihaaru

ވެމްކޯ އިން ކުނި ނެގުން ލަސްވާ ކަމުގެ ޝަކުވާ ބޮޑުވެއްޖެ

މާލޭގެ ގެތަކުން ކުނި އުކާލުމުގެ މަސައްކަތް ކުރަމުން އަންނަ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ މުވައްޒަފުން ގަވާއިދުން ކުނި ނަގަން ގެތަކަށް ނުދާ ކަމުގެ ޝަކުވާ ބޮޑުވެއްޖެ އެވެ.

ވެމްކޯ އިން ކުނި ނެގުން ލަސްވާކަމުގެ ޝަކުވާ ބޮޑުވެއްޖެ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

07 އޯގަސްޓް 2025

މާލޭގެ ގެތަކުން ކުނި އުކާލުމުގެ މަސައްކަތް ކުރަމުން އަންނަ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ މުވައްޒަފުން ގަވާއިދުން ކުނި ނަގަން ގެތަކަށް ނުދާ ކަމުގެ ޝަކުވާ ބޮޑުވެއްޖެ އެވެ.

މި މައްސަލާގައި "މިހާރު"އާ ވާހަކަ ދެއްކި އެކަކު ބުނީ އޭނާ ދިރިއުޅޭ ގޭގެ އެއްވެސް ފްލޯއަކުން ވެމްކޯއިން ކުނި ނުނަގާތާ ހަތަރު ދުވަސް ވެފައިވާ ކަމަށެވެ.

"ވެމްކޯއަށް ގުޅާއިރަށް ބުނޭ ފޮނުވާނަމޭ. އެކަމަކު އެންމެ ދުވަހަކު ވެސް ނާދޭ. މިހާރު ގޭގަ ކުނި ބަހައްޓައިގެން އުޅޭތާ މިވީ އެހާ ދުވަސް. ބޭރަށް ނެރެފައި މަގުމަތީގައި ބަހައްޓަން ވެސް ހިތަށް އަރާ،" އެ ގޭގެ ވެރިމީހާ ބުންޏެވެ.

އެހެން މީހަކު ބުނި ގޮތުގައި އެ ގެއިން ކުނި ނަގަން އަންނަނީ ދެ ދުވަހުން އެއް ދުވަހެވެ. އެގޮތަށް އަންނަނީ، ވެސް ކޮންމެ ދުވަހަކު ގުޅައި އުނދަގޫ ކޮށްގެން ކަމަށް އޭނާ ބުންޏެވެ.

"ކުރިން ބުނާނެ ކުނި ނުނަގަނީ ބިލު ނުދައްކާތީއޭ. މިހާރު ކަރަންޓު ބިލާ އެއްކުރީމަ ދައްކާނެތާ، އެކަމަކު މިހާރު ކުނި ނަގާކަށް ނާދޭ. ޖުލައި 26 އަށް ބަންދުކުރިއިރު ތިން ދުވަސްވި ކުނި ނުނަގައި،" އޭނާ ބުންޏެވެ.

އެކަމާ ގުޅޭގޮތުން ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލަށް ގުޅުމުން އަދި މެސެޖަކަށް ވެސް ޖަވާބެއް ނުދެއްވަ އެވެ.

"މިހާރު"އާ ވާހަކަ ދެއްކި، ވެމްކޯގެ މުވައްޒަފަކު ބުނީ ގަވާއިދުން ގެތަކަށް ނުދެވެނީ، ވެމްކޯގައި ކުނި ނެގުމުގެ މަސައްކަތްކުރާ މީހުން މަދުވުމުން ކަމަށެވެ.

"އަމީނީ މަގުގެ މާފަންނު ކޮޅުން ފެށިގެން މަޖީދީ މަގާ ހަމައަށް ކުނި ނަގަން މި ޖެހެނީ އެއް ރެއިން. [މި ސަރަހައްދުގައި] މަސައްކަތް ކުރަން މިތިބީ ތިން މީހުން. ކިހިނެއް ހުރިހާ ގެއަކުން ކުނި ނަގާނީ،" އޭނާ ބުންޏެވެ.

މީގެ ނުވަ އަހަރު ކުރިން 2016 ގައި ވެމްކޯއިން ކުނި ނެގުމުގެ މަސައްކަތް ފެށިއިރު އެ ކުންފުނީގައި ތިބި 90 ޕަސެންޓު މުވައްޒަފުންނަކީ ދިވެހިންނެވެ. ނަމަވެސް މިހާރު އެ އަދަދު ވަރަށް ބޮޑަށް ވަނީ ދަށްވެފަ އެވެ.