Roadha Mihaaru
އާޒިމް ވިދާޅުވީ ހަތަރުމަސް ފަހުން ކުނި ނުފެންނާނެކަމަށް

އާޒިމް ވިދާޅުވަނީ ހަތަރު މަސް ފަހުން މާލޭ މަގުމަތިން ކުނި ނުފެންނާނެ ކަމަށް

10 މާޗް 2024

މާލެ ސިޓީ ކައުންސިލްގެ ކެޕޭސިޓީ އިތުރުކޮށް، ކުރިއަށް އޮތް ހަތަރު ވަރަކަށް މަސް ތެރޭ މަގުތަކަށް ކުނިއަޅާ މައްސަލަ ހައްލު ވާނެ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މާލެ ސިޓީ ކައުންސިލްގެ ކެޕޭސިޓީ އިތުރުކޮށް، ކުރިއަށް އޮތް ހަތަރު ވަރަކަށް މަސް ތެރޭ މަގުތަކަށް ކުނިއަޅާ މައްސަލަ ހައްލު ވާނެ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

މީގެ ތިން ހަފްތާ ކުރިން ފެށިގެން ރޯދަ މަހަށް ގެތައް ސާފުކޮށް ނެރެފައިހުރި ކުނިތަކުން މާލޭގެ މަގުތައް ވަރަށް ބޮޑަށް ވަނީ ގޮނޑުވެފަ އެވެ. މާލޭގެ ބޮޑެތި މަގުތަކާއި ގޯޅިތަކުގެ ކަންކަން މަތި ފުރިފައި ވަނީ ގޭގެއިން ނެރެފައިވާ ބާ ފަރުނީޗަރާއި ހިފާ ގެންގުޅޭ ސާމާނުތަކުންނެވެ.

އެންމެ ގިނައިން ކުނި އަޅާފައިވާ މާވެޔޮ މަގުގެ ފަތަހަ މޯލް ކުރިމަތީ މިއަދު ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ މިދިޔަ ދެ ހަފްތާ ތެތޭ ސިޓީ ކައުންސިލުން މާލެ ތެރޭގެ ކުނި ނެގުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

"މާލެ ސިޓީ ކައުންސިލްގެ އެއްވެސް މުވައްޒަފަކު މަޑުންނެއް ނުތިބެން. މާލެ ތެރެއިން ކޮންމެ ދުވަހަކު 10 ވަރަކަށް ޓަނުގެ ކުނި ނަގަމުން އެބަ ދަން. އަދި ވެމްކޯ އިން ވެސް ހަމަ އެ އަދަދުގެ ކުނި ނަގަމުން އެބަދޭ. މާލޭގެ އެތަން މިތަނުން 20 ވަރަކަށް ޓަނުގެ ކުނި ކޮންމެ ދުވަހަކު މި ނަގަނީ،" އޭނާ ވިދާޅުވި އެވެ.

މަގުތަކަށް ކުނިތަކެއް ނެރެފައި.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

މަގުތަކަށް ކުނިތަކެއް ނެރެފައި.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ކުނީގެ މައްސަލަ ހައްލު ކުރުމަށް ކުރަން ޖެހޭ ކަމަކީ ސިޓީ ކައުންސިލް އާއި ވެމްކޯ އަދި ޕޮލިހުންގެ ވެސް ކެޕޭސިޓީ އިތުރުކުރުން ކަމަށާއި އެކަމަށް ވަގުތު ބޭނުންވާނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.

"މި މަސައްކަތް ކުރަނީ ކެޕޭސިޓީ ބިލްޑްކޮށް، އިތުރު ކުރުމުގެ މަސައްކަތް ކުރުމަށް. ކެޕޭސިޓީ އިތުރު ކުރުމަށް މީހުން ހޯދަން ޖެހޭ، ވެހިކަލް ހޯދަން ޖެހޭ. މިކޮޅަށް ބޭނުންވާ އެކިއެކި ސޮފްޓްވެއާ ހޯދަން އެބަ ޖެހޭ. މިއީ އެއް މަސްދުވަހުން ވާނެ ކަންކަމެއް ނޫން،" މޭޔަރު ވިދާޅުވި އެވެ.

"އަޅުގަނޑު އަބަދު ވެސް ބުނަމުން އައީ އަޅުގަނޑަށް ބޭނުންވާނޭ ވަގުތު، ކެޕޭސިޓީ ބިލްޑް ކުރަން. ތިން މަސް ނޫނީ ހަތަރު މަސް ނަގާނޭ ކެޕޭސިޓީ ބިލްޑް ކުރަން. އެއަށް ފަހު ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ މާލެ މަގުމަތިން ކުނި ނެތް މަންޒަރު ފެނިގެންދާނެ."

މަގުތަކަށް ހުސް ފޮށިތަކެއް ނެރެފައި: މިގޮތަށް މާލޭގެ އެކި ސަރަހައްދުތަކުގައި ކުނި ނެރެފައި އެބަ ހުރި-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

މަގުތަކަށް ހުސް ފޮށިތަކެއް ނެރެފައި: މިގޮތަށް މާލޭގެ އެކި ސަރަހައްދުތަކުގައި ކުނި ނެރެފައި އެބަ ހުރި-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އާޒިމް ވިދާޅުވީ މާލޭގެ ކުނީގެ މައްސަލައަށް އެއްވެސް އިދާރާއަކުން ތައްޔާރުވެފައި ނުވާ ކަން ފާހަގަވާ ކަމަށެވެ. ކުރިއަށް އޮތް ތަނުގައި މިފަހަދަ ކަމެއް ތަކުރާރު ނުވާނެ ގޮތަކަށް ތައްޔާރުވާން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު މިއަދު ދޭ ޔަގީން ކަމަކޫ ކުރިއަށް އޮތް ދެތިން މަސް ތެރޭގައި ތިބޭފުޅުން [ރައްޔިތުމީހާ] ގުޅާލުމުން ކުނި ނެގުމާއި ވަކިން ޗާޖެއް ކޮށްފައި މިކަން ކުރެވޭނެ ރަނގަޅު އިންތިޒާމެއް ހަޖައްސަން ޖެހޭ،"

އާޒިމް ވިދާޅުވީ ކުނި އުކާލުމަށްދާ ޕިކަޕްތަކުން އާންމު މީހުންގެ ނާޖާއިޒް ފައިސާ ނަގަމުންދާ ކަމަށެވެ. އެގޮތުން އެކި މީހުން އެކި އަގު ނެގުމާއި އަގު ބޮޑުކޮަށް ކުނި އުކާދޭކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ރައްޔިތުންނަށް ފަސޭހަ ވާނެ ގޮތަށް ކުނި އުކުމުގެ އިންތިޒާމު މާލެ ސިޓީ ކައުންސިލުން ހަޖައްސައިދޭނެ ކަމުގެ ޔަގީންކަން އާޒިމް ދެއްވި އެވެ.