Roadha Mihaaru
ފިންލެންޑްސްކޫލް ކައިރިއަށް ކޮންމެ ދުވަހަކު ކުނި އަޅަނީ

ފިންލެންޑް ސްކޫލް ސަރަހައްދަށް ކުނި އަޅާ މައްސަލަ ކަންބޮޑުވެއްޖެ

24 މެއި 2023

ފިންލެންޑް ސްކޫލާއި ކެންގަރޫ ކިޑްސް ކައިރިއަށް އެ ސަރަހައްދުގައި އުޅޭ ގެތަކުގެ މީހުން ކުނި އަޅާތީ، އެ ދެ ސްކޫލު ހިންގާ އައިލެންޑާސް އެޑިއުކޭޝަނުން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ފިންލެންޑް ސްކޫލާއި ކެންގަރޫ ކިޑްސް ކައިރިއަށް އެ ސަރަހައްދުގައި އުޅޭ ގެތަކުގެ މީހުން ކުނި އަޅާތީ، އެ ދެ ސްކޫލު ހިންގާ އައިލެންޑާސް އެޑިއުކޭޝަނުން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެ ކުންފުނީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެ ދެ ސްކޫލް ހިމެނޭ ލޮނު ޒިޔާރަތް މަގާއި ޝަހީދު އަލީ މިސްކިތާ ގުޅޭ ކަންމައްޗަށް ކުނިއަޅާ މައްސަލައިގައި ކަމާބެހޭ ފަރާތްތަކާ ވާހަކަ ދައްކައިގެން ވެސް ހައްލު ކުރެވޭތޯ މަސައްކަތްކުރި ކަމަށެވެ.

އެ ތަންތަނަށް އަޅާ ކުނިތައް ސިޓީ ކައުންސިލުން ނެގިއަސް އެ ތަނާ ކައިރީގައި އުޅޭ މީހުން ނުކުމެ އަނެއްކާ ވެސް ކުނި އަޅަން ފަށާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، އެ ސަރަހައްދަށް ކުނިތައް ޖަމާކުރުން، ފިންލެންޑް ސްކޫލާއި ކެންގަރޫ ކިޑްސްގެ ކުދިންނާއި ބެލެނިވެރިންނަށް ވަރަށް ބޮޑު އުނދަގުލަކަށް ވަނީ ވެފަ އެވެ.

އެ ސްކޫލް ހުންނަ ސަރަހައްދުގައި، ކެންގަރޫ އާއި ފިންލެންޑުގެ އިތުރުން އަމީރު އަހުމަދު ޕްރީ ސްކޫލް އަދި ކަލާފާން ސްކޫލް ވެސް ހިންގަ އެވެ.

"މި ހަތަރު ސްކޫލަށް ދާ ދަރިވަރުންނާއި ބެލެނިވެރިން އަދި މުވައްޒަފުންނަށް ވެސް މީގެ އުނދަގޫވާނެ. އަދި ކައިރީގައި މި ހުރި މިސްކިތަށް ދާ މީހުން ވެސް އެ މަގު ބޭނުން ކުރާނެ،" އޮފިޝަލް ވިދާޅުވި އެވެ.

ފިންލެންޑު ސްކޫލު ސަރަހައްދަށް ކުނި އަޅާފައި.

ފިންލެންޑު ސްކޫލު ސަރަހައްދަށް ކުނި އަޅާފައި.

އެ ކަމާ ގުޅޭގޮތުން ސިޓީ ކައުންސިލްގެ މިީޑިއާ އޮފިޝަލް ވިދާޅުވީ، އެ ކައުންސިލްގެ "މަގުފާރަވެރިން" މިއަދު ހެނދުނު ވެސް ފިންލެންޑް ސްކޫލް ސަރަހައްދު ބެލި ކަމަށެވެ. އެކަމަކު، އޭރު ކުނި އަޅާފައި ނެތް ކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ.

"މިއަދު ހެނދުނު ވެސް އަޅުގަނޑުމެން ޓީމުން އެ ސަރަހައްދުގައި ރައުންޑް ޖެހި. އޭރު ވެސް ކުންޏެއް ނެތް،" އޭނާ ވިދާޅުވި އެވެ.

ސިޓީ ކައުންސިލްގެ އޮފިޝަލް ވިދާޅުވީ މަގުމަތީގައި ހުރި ކުނިތައް ސިޓީ ކައުންސިލުން ގަވާއިދުން ނަގަމުންދާ ކަމަށެވެ.

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު ވިދާޅުވީ، މަގުމަތީގައި ހުންނަ ކުނިވާޒާތުގެ ކުނިތައް އެ ކުންފުނީގެ މުވައްޒަފުން ނަގާ ކަމަށެވެ.

"އަޅުގަނޑުމްންގެ ވެހިކަލްތައް ކުނި ކަލެކްޓް ކުރަން ނުކުންނަ ވަގުތު މަގުމަތީގައި ކުނިވާ ޒާތުގެ ކުނި ހުރިއްޔާ އެ ކަލެކްޓްކޮށްފައި ދަނީ. އެކަމަކު ބަލްކް ކުނި ހުރެއްޖެއްޔާ އަޅުގަނޑުމެން ގޭގެއިން ކުނި ކަލެކްޓްކުރަން ބޭނުންކުރާ ވެހިކަލްތަކުގައި ބަލްކު ކުނި ކަލެކްޓެއް ނުކުރެވޭނެ،" ސިރާޖު ވިދާޅުވި އެވެ.

މާލޭގެ އާންމު ތަންތަނަށް ކުނި އެޅުން ވަނީ އާންމު ކަމަކަށް ވެފަ އެވެ.

އެކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރި މީހަކު ބުނީ ސިޓީ ކައުންސިލުން މަގުތަކުގައި ކުނި ނަގާކަން އެނގޭތީ ގޭގޭގައި އުކާލަން ހުންނަ ކުނި މަގުމައްޗަށް ނެރެ ޖަމާ ކުރާ ކަމަށެވެ.

"ރަނގަޅަށް ކަމެއް ކޮށްދޭ ތަން ފެންނާތީ އޭގެ ނާޖާއިޒު ފައިދާ ނަގާތަން މި ފެންނަނީ،" އޭނާ ބުންޏެވެ.