Roadha Mihaaru
ވެމްކޯއިން ބޮޑެތި ކުނި ހިލޭ އުކައިދޭން ފަށައިފި

ވެމްކޯއިން ބޮޑެތި ކުނި ހިލޭ އުކައިދޭން ފަށައިފި

10 މާޗް 2024

މާލެ އާއި ހުޅުމާލޭގެ ގޭގެއިން މަގުތަކަށް ބޮޑެތި ކުނި އުކަމުންދާ މައްސަލަ ހައްލުކުރުމުގެ ގޮތުން ވެމްކޯއިން ތިން ދުވަހަށް އާންމުންނަށް ހިލޭ ކުނި އުކާލަދިނުމުގެ އިންތިޒާމު މިއަދު ހަމަޖައްސައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލެ އާއި ހުޅުމާލޭގެ ގޭގެއިން މަގުތަކަށް ބޮޑެތި ކުނި އުކަމުންދާ މައްސަލަ ހައްލުކުރުމުގެ ގޮތުން ވެމްކޯއިން ތިން ދުވަހަށް އާންމުންނަށް ހިލޭ ކުނި އުކާލަދިނުމުގެ އިންތިޒާމު މިއަދު ހަމަޖައްސައިފި އެވެ.

ވެމްކޯއިން ކުރި އިއުލާނެއްގައި ބުނީ ރޯދައާ ދިމާކޮށް ބޮޑެތި ކުނި އުފައްދާ މިންވަރު އިތުރުވެ، ކުނި އުކާލުމަށް ދިމާވެފައިވާ ދަތިތަކާ ގުޅިގެން އެ މައްސަލަ ހައްލުކުރުމުގެ ގޮތުން މިއަދު އިރުއޮއްސި 6:00 އިން ފެށިގެން އަންނަ ބުދަ ދުވަހުގެ ރޭ 11:59 ގެ ނިޔަލަށް، މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތަކަށް ގޭގެއިން ގެންދާ ބޮޑެތި ކުނި ހިލޭ އުކާލަދިނުމުގެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

"ނަމަވެސް ހިލޭ އުކޭ ކުނީގެ ތެރޭގައި ތެތް ކުނި (ކާބޯތަކެތި، ފަނާވާޒާތުގެ ކުނި) އަދި އިމާރާތްކުރުމާއި އިމާރާތް ތަޅާލުމުގައި އުފައްދާ ކުނި ނުހިމެނޭނެ ވާހަކަ ދަންނަވަމެވެ،" އެ އިއުލާނުގައި ބުންޏެވެ.

ގޭތައް ސާފުކުރުމަށް ފަހު މަގަކަށް ނެރެފައިވާ ކުނިތައް.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ގޭތައް ސާފުކުރުމަށް ފަހު މަގަކަށް ނެރެފައިވާ ކުނިތައް.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ވެމްކޯއިން ބުނީ މާދަމާ އަކީ މުލަ ރޯދަ ދުވަހަށް ވާތީ، ވޭސްޓް ޓްރާންސްފާ ސްޓޭޝަންގެ ހިދުމަތް ފަށާނީ މެންދުރުފަހު 2:00 ގައި ކަމަށެވެ.

ހިލޭ ކުނި އުކާލަން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އާންމުން ގެންދާ ކުނި އުފުލާ ވެހިކަލްތަކުން އެންޓްރީ ފީ އާއި ޑިސްޕޯސަލް ޗާޖް ވެސް ނުނަގާނެ ކަމަށް ވެމްކޯއިން ބުންޏެވެ.

ނަމަވެސް، އެ މުއްދަތުގެ ތެރޭގައި ވިޔަފާރިތަކުން ގެންދާ ކުނި އުކާލަދޭނީ މިހާރު ވެސް އޮންނަ އުސޫލުގެ ދަށުން އެންޓްރީ ފީގެ 150ރ. އާ އެކު، ކިލޯއަކަށް 75 ލާރީގެ މަގުން ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި އެ ކުންފުނިން ބުނީ ސަރުކާރުގެ މުއައްސަސާތަކާއި ވިޔަފާރި އުސޫލުން ގަވާއިދުން ކުނި ނެގުމުގެ ހިދުމަތް ދޭ ފަރާތްތަކުން ވެސް މިހާރު އޮންނަ އުސޫލުގެ ތެރެއިން ކިލޯއަކަށް 2.66ރ. ދައްކަން ޖެހޭނެ ކަމަށެވެ.

ވެމްކޯއިން ހިލޭ ކުނި އުކާލަދޭން މި ނިންމީ ރޯދަ މަހާ ދިމާކޮށް ގެތައް ސާފުކޮށްފައި ނެރެފައިވާ ކުނިތަކުން މާލޭގެ މަގުތައް ވަރަށް ބޮޑަށް ގޮނޑުވެފައި އޮއްވަ އެވެ. ބާވެފައި ހުންނަ ފަރުނީޗަރާއި ގޭގޭގައި ހިފާގެންގުޅޭ އެހެން ސަމާނު މަގުތަކަށް ނެރެ، ޕޭވްމަންޓުތަކަށާއި މަގުމަގުގެ ކަންމައްޗަށް ހުރީ ފުނިޖަހައިފަ އެވެ.

މި މައްސަލަ ބޮޑުވެ މާލޭ ސިޓީ ކައުންސިލާއި އެޗްޑީސީން ވެސް އަންނަނީ މަގުތަކުން ކުނި ނެގުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މިގޮތަށް މަގުތަކަށް ކުނި ނޫކުމަށް ވެސް އެ އިދާރާތަކުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފަ އެވެ.