Roadha Mihaaru
މާލޭގެ މަގުތަކަށް ކުނި އުކައިގެން 6،000 މައްސަލަ

މާލޭގެ މަގުތަކަށް ކުނި އުކައިގެން އަހަރުގެ މިހާތަނަށް 6،000 އަށް ވުރެ ގިނަ މައްސަލަ

29 ޖުލައި 2024

މާލޭގެ މަގުތަކަށް ކުނި އުކާލުމާ ގުޅޭ 6،000 އަށް ވުރެ ގިނަ މައްސަލަ މިދިޔަ ހަ މަސް ދުވަހުގެ ތެރޭގައި މާލޭ ސިޓީ ކައުންސިލަށް ރިޕޯޓްކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭގެ މަގުތަކަށް ކުނި އުކާލުމާ ގުޅޭ 6،000 އަށް ވުރެ ގިނަ މައްސަލަ މިދިޔަ ހަ މަސް ދުވަހުގެ ތެރޭގައި މާލޭ ސިޓީ ކައުންސިލަށް ރިޕޯޓްކޮށްފި އެވެ.

އެ ކައުންސިލުން ރޭ އާންމުކުރި މިދިޔަ ހަ މަސް ދުވަހުގެ މަސައްކަތްތަކުގެ ރިޕޯޓުގައިވާ ގޮތުން، މާލޭގެ މަގުމައްޗާއި ގޯޅިތަކާއި ހުސްބިންތަކަށް ކުނި އަޅައިގެން މިދިޔަ ހަ މަސްދުވަހުގެ ތެރޭގައި 6،560 މައްސަލަ ވަނީ ހުށަހަޅައިފަ އެވެ.

މާލޭގެ މަގުމައްޗަށް ކުޅި އަޅާ މައްސަލަ މި ފަހުން ބޮޑުވެގެން ސިޓީ ކައުންސިލުން ވަނީ ފުލުހުންނާ ގުޅިގެން އެ މީހުން ހޯދައި ޖޫރިމަނާ ވެސް ކޮށްފަ އެވެ. މިދިޔަ ރޯދަމަހަށް ގޭތެރެ ސާފުކޮށް، ފަރުނީޗަރާއި ގޭގޭގައި ހިފައި ގެންގުޅޭ އެހެން ސާމާނު ބައެއް މީހުން ނެރުނީ މަގުތަކަށެވެ. އެހެންވެ، މާލޭގެ އެކި ސަރަހައްދުތައް ވަރަށް ބޮޑަށް ގޮނޑުވެ، ކަންކަން ބޮއްސުންލައިގެން ދިއުމުން ސިޓީ ކައުންސިލާއި ވެމްކޯ އިން ވަނީ މަގުތައް ސާފު ވެސް ކޮށްފަ އެވެ.

ސިޓީ ކައުންސިލްގެ ރިޕޯޓުގައިވާ ގޮތުގައި، މިދިޔަ ހަ މަސްދުވަހުގެ ތެރޭގައި އެ ކައުންސިލުން ވަނީ 2،359.2 ޓަނުގެ ކުނި މާލެ އިން ނަގައިފަ އެވެ. އެހެނިހެން ގޮތްގޮތުން ނެގި ކުންޏާ އެކު 6،475.1 ޓަނުގެ ކުނި އުކާލާފައި ވެ އެވެ.

ރިޕޯޓުން ފާހަގަވި ބައެއް ކަންކަން:

• މަދިރި ކޮންޓްރޯލް ކުރުމަށް 11،607 ތަނެއް ބެލި.

• ޕާކުތަކާއި މިސްކިތްތަކުގައި މީހުން ނިދުމުގެ 1،212 މައްސަލަ.

• އުޅަނދުތައް ގަވާއިދާ ހިލާފު ވެގެން 1،088 ސްޓިކާ ޖަހާފައިވޭ.

• އެކި މައްސަލަތަކުގައި 437 ފަހަރު ޖޫރިމަނާ ކޮށްފައިވޭ.

• ބޯޑު ނެތި މަގުމަތީގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރުމުގެ 366 މައްސަލަ.

• މަގުމަތީގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރުމުގެ 322 މައްސަލަ.

• ހަތަރު ފުރޮޅުލީ 312 ވެހިކަލް ގަރާޖު ކުރުމުގެ ހުއްދަ ދީފައިވޭ.

• ފިހާރައިން ބޭރުގައި މުދަލާއި އަދި ތަކެތި ބެހެއްޓުމުގެ 223 މައްސަލަ.

• އިމާރާތްކުރުމަށް ގެންނަ ތަކެތި މަގުމަތީގައި ބެހެއްޓުމުގެ 141 މައްސަލަ.

• ޕާކިންގެ 33 މައްސަލަ.