Roadha Mihaaru
މަގުތަކަށް ކުނިއަޅާ މީހުންގެ ފޮޓޯ ފޮނުވަން ހޮޓްލައިނެއް

މަގުތަކަށް ކުނި އަޅާ މީހުންގެ ފޮޓޯ އާއި ވީޑިއޯ ހިއްސާކުރަން ހޮޓްލައިނެއް

23 މާޗް 2024

ރޯދަ މަހާ ދިމާކޮށް މާލޭގެ މަގުތައް ވަރަށް ބޮޑަށް ގޮނޑުވެފައިވާތީ އެކަން ހައްލުކުރުމަށް ކުނި އަޅާ މީހުންގެ ފޮޓޯ އާއި ވީޑިއޯ އާންމުކޮށް، ފިޔަވަޅު އެޅުމަށް ހާއްސަ ހޮޓްލައިނެއް މާލޭ ސިޓީ ކައުންސިލުން ގާއިމުކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރޯދަ މަހާ ދިމާކޮށް މާލޭގެ މަގުތައް ވަރަށް ބޮޑަށް ގޮނޑުވެފައިވާތީ އެކަން ހައްލުކުރުމަށް ކުނި އަޅާ މީހުންގެ ފޮޓޯ އާއި ވީޑިއޯ އާންމުކޮށް، ފިޔަވަޅު އެޅުމަށް ހާއްސަ ހޮޓްލައިނެއް މާލޭ ސިޓީ ކައުންސިލުން ގާއިމުކޮށްފި އެވެ.

ގޭތެރެ ސާފުކުރުމަށް ފަހު، ގޭގައި ހިފައި ގެންގުޅޭ ބާ ސާމާނުތަކާއި ފަރުނީޗަރާއި އެ ނޫން ވެސް ބޮޑެތި ކުނިތައް މަގުތަކަށް ނެރެފައި ހުންނަ މައްސަލަ މި ދުވަސްވަރު ވަރަށް ބޮޑެވެ. ވެމްކޯ އާއި ކައުންސިލު ގުޅިގެން މަގުތަކުން ކުނި ނެގުމުގެ މަސައްކަތް ކުރަމުންދިޔަ ނަމަވެސް ނަގާ ވަރަކަށް ކުނި އަޅަމުންދާތީ އެކަމަށް އަދިވެސް ހައްލެއް ނުލިބެ އެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ މާލޭގެ މަގުތަކުގައި ކުނި ބަހައްޓަމުންދާ މީހުން ފާހަގަކުރަމުން އަންނާތީ އެ މަސައްކަތަށް އާންމުން އެހީވުމުގެ ގޮތުން ފޮޓޯ އާއި ވީޑިއޯ ހޮޓްލައިނަށް ހިއްސާކުރެވޭނެ ކަމަށެވެ.

ގޯޅިގަނޑެއްގެ ކަންމައްޗަށް ބަޔަކު ކުނި ނެރެފައި.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ގޯޅިގަނޑެއްގެ ކަންމައްޗަށް ބަޔަކު ކުނި ނެރެފައި.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ކައުންސިލުން އެދެނީ ކުނިއަޅާ މީހުންގެ ފޮޓޯ އާއި ވީޑިއޯ 9341144 ނަމްބަރަށް ވައިބާ ނުވަތަ ވަޓްސްއެޕް ކޮށްދިނުމެވެ. އަދި އާންމުންގެ ކަންބޮޑުވުންތައް ކައުންސިލުގެ ވެބްސައިޓު މެދުވެރިކޮށް ވެސް ހިއްސާކުރެވޭނެ ކަމަށް ބުންޏެވެ.

ކުނި އަޅާ ފަރާތްތަކުގެ ވީޑިއޯ އާއި ފޮޓޯ ފޮނުވުމަށް ހޮޓްލައިނެއް ގާއިމުކުރިއިރު ކައުންސިލުން މިހާރު ވަނީ ކުނި އަޅާ މީހުންގެ ފޮޓޯ ވެސް އާންމުކުރަން ފަށައިފަ އެވެ.

އިއްޔެ އެކަނި ވެސް މާލޭގެ މަގުތަކުން 30 ޓަނުގެ ކުނި ނަގާފައިވެ އެވެ.

ކައުންސިލާ ގުޅިގެން އެ މަސައްކަތް ހައްލުކުރުމަށް ފުލުހުން ވެސް މަސައްކަތް ކުރަމުން އަންނައިރު އެ އިދާރާ އިން ބުނީ މަގުތަކަށް ކުނިއަޅާ މީހުންނަށް ނަސޭހަތް ދީ ޖޫރިމަނާ ކުރުމުގެ މަސައްކަތް ވެސް ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ. އެ ކުނިތައް އަޅާ މީހުން ލައްވައި ކުނި ނެގުމުގެ މަސައްކަތްކުރާ ކަމަށް ވެސް ފުލުހުން ބުންޏެވެ.