04 އޮކްޓޯބަރ 2017
މީގެ ތެރެއިން ބައެއް މީހުން ކުރިން އުޅުނީ މާރުކޭޓު ކައިރީ ސަލާން ޖަހަން، ނޫން ނަމަ ކޮންމެވެސް އޮފީހެއްގެ ސެކިއުރިޓީ ބަލަހައްޓަން ނުވަތަ ވަޒީފާއެއް ނުލިބިގެން ވަރަށް ހާލުގަ އެވެ. މާލޭގައި ކުއްޔަށް އުޅެމުން، އަނގަޔާއި އަތާ ދިމައެއް ނުވެ އެވެ. އެކަމަކު މިހާރު އެ މީހުންނަށް ވަޒީފާއެއް ލިބިއްޖެ އެވެ. އަތްމަތި ވެސް ރަނގަޅުވެއްޖެ އެވެ.
މީގެ ތެރެއިން ބައެއް މީހުން ކުރިން އުޅުނީ މާރުކޭޓު ކައިރީ ސަލާން ޖަހަން، ނޫން ނަމަ ކޮންމެވެސް އޮފީހެއްގެ ސެކިއުރިޓީ ބަލަހައްޓަން ނުވަތަ ވަޒީފާއެއް ނުލިބިގެން ވަރަށް ހާލުގަ އެވެ. މާލޭގައި ކުއްޔަށް އުޅެމުން، އަނގަޔާއި އަތާ ދިމައެއް ނުވެ އެވެ. އެކަމަކު މިހާރު އެ މީހުންނަށް ވަޒީފާއެއް ލިބިއްޖެ އެވެ. އަތްމަތި ވެސް ރަނގަޅުވެއްޖެ އެވެ.
މިއީ ކުނި މެނޭޖްކުރުމުގެ މަސައްކަތާ ހަވާލުވެފައިވާ ސަރުކާރުގެ ކުންފުނި ވެމްކޯގައި ކުނި އުކާ އަންހެނުންނެވެ. ގޭގެއަށް ވަދެ، އެ ގޭގެ ކުނި އުކާލުމުގެ ވަޒީފާ ލިބުމުން އެ މީހުން ތިބީ އިންތިހާއަށް އުފާވެފަ އެވެ. އެ މީހުންގެ ދިރިއުޅުން ބަދަލުވީ އެވެ.
ނާޒިމާގެ ފިރިމީހާގެ މީގެ އަހަރުތަކެއް ކުރިން ވަނީ މަރުވެފަ އެވެ.. މާލޭގައި ގެދޮރު ނެތުމާއި ވަޒީފާއެއް ވެސް ނުލިބުމުން، ދަރިންގެ ހައްގުގައި ނިކުންނަން ޖެހުނީ މަގުމައްޗަށެވެ. ގޭގެ ކުލި ދައްކައި، ދަރިންނަށް ކާންދީ އަދި އެ ކުދިންގެ ތައުލީމަށް ފައިސާ ހޯދަން އެއީ ހަޑި މަސައްކަތެއް ކަމަކަށް އޭނާ ގަބޫލެއް ނުކުރެ އެވެ. އެކަމަކު ނާޒިމާ ބުނިގޮތުގައި އެއީ އެއް އިރެއްގައި ވެސް އޭނާ ކުރަން ބޭނުންވި ކަމެއް ނޫނެވެ.
"އޭރު ވެސް ބުނަން ވަޒީފާއެއް ލިބިއްޖެ ނަމަ މިހެން ބާޒާރު މައްޗަށް، ސަލާން ޖަހަން ނާންނާނަމޭ. އޭރު އެކަން ކުރީ ހާލަތު ހުރި ގޮތުން މަޖުބޫރު ވެގެން،" 17 ވަރަކަށް އަހަރު ސަލާން ޖެހުމުގައި އުޅުނު ނާޒިމާ ބުންޏެވެ.
އެކަމަކު މިހާރު އޭނާ ފެންނަނީ ބާޒާރު މައްޗަކުންނެއް ނޫނެވެ. ވެމްކޯގެ ޔުނީފޯމުގައި ގޭގެއަށް ގޮސް ކުނި އުކާތަނެވެ. ވެމްކޯގެ ވަޒީފާއަށް ހުޅުވާލުމާ އެކު ވީ އެންމެ އަވަހަށް އެ ވަޒީފާއަށް އޭނާ ފޯމުލި އެވެ.
ނާޒިމާ ދެކޭ ގޮތުގައި ވެމްކޯގެ އެ ވަޒީފާ އަކީ އޭނާއަށް ލެއްވި ނަސީބެކެވެ.
"ވަރަށް އުފާވޭ މަސައްކަތެއް ލިބުނީމައި. މިއަދު ހުރިހާ ކަމެއް ވެސް ރަނގަޅު،" ނާޒިމާ ބުންޏެވެ.
ސަލާން ޖަހަން އުޅުނު ނާޒިމާ "މިހާރު"އާ ވާހަކަ ދައްކަނީ: ދިރިއުޅުން މިހާރު ހަމަޖެހޭ ކަމަށް ބުނި
ގއ. މާމެންދުއަށް އުފަން ޝާހިދާ ވަޖުދީ މާލެ ބަދަލުވީ، އޭނާގެ ލޭ އަޅާ ދަރިފުޅަށް ރަށުން އެންމެ އެކަށީގެންވާ ފަރުވާ ލިބެން ނެތުމުންނެވެ. ތިން ދަރިންނާ އެކު މާލެއަށް ބަދަލުވެ، ކުޑަ ކޮޓަރިއެއް ކުއްޔަށް ހިފައިގެން އުޅޭ އެ މަންމަގެ ޝަކުވާތައް ބައިވަރެވެ.
ލޭ އަޅާ ކުއްޖާ އާއި ދެން ތިބި ދަރިންނަށް ފިރިމީހާގެ އެއްވެސް އެހީތެރިކަމެއް ނުލިބެ އެވެ. ވަޒީފާއަކަށް ދާން އާދޭސް ކުރުމުން ވެސް އެކަން ނުކުރުމުން، އާމްދަނީ ހޯދަން ނިކުންނަން ޖެހުނީ ޝާހިދާ އަށެވެ. މި ހުރިހާ ދުވަހު އޭނާ އުޅުނީ، 6،000 ރުފިޔާގެ މުސާރައަކަށް ތަނެއްގެ ސެކިއުރިޓީ ގާޑަކަށެވެ.
"ސޯޅަ ގަޑިއިރު މަސައްކަތް ކުރުމުން ވެސް ލިބޭނީ 6،000 ރުފިޔާ. ކޮޓަރީގެ ކުއްޔަށް 5،000 ރުފިޔާ ދައްކަން ޖެހޭ،" މިހާރު ފިރިމީހާ ކައިރިން ވަރިވެގެން ހުރި ޝާހިދާ ބުންޏެވެ.
ލޭ އަޅާ ކުއްޖެއް ބަލަމުން އަންނަ ޝާހިދާ: ކުރިން އޭނާ ވަޒީފާ އަދާކުރީ ސެކިއުރިޓީ ގާޑެއްގެ ގޮތުގައި
ވެމްކޯގެ ވަޒީފާއަށް ހުޅުވާލުމުން އެންމެ ފުރަތަމަ އެކަމަށް ކުރިމަތިލި މީހުންގެ ތެރޭގައި ޝާހިދާ ހިމެނެ އެވެ. ފޯމު ލީތާ ތިން ވަނަ ދުވަހު އޭނާއަށް ވަޒީފާ ލިބިއްޖެ އެވެ. އަދި 9،000 ރުފިޔާގެ ވަޒީފާ އޭނާ މިހާރު އަދާ ކުރަމުން އަންނަނީ އުފަލުންނެވެ.
"މިތަނުގެ މީހުން ވަރަށް ހެޔޮ. ހަފުތާއަކު އެއް އޮފް ދުވަސް ލިބޭއިރު އެ ދުވަހު އަޅުގަނޑު ދަނީ ދަރިފުޅު ގޮވައިގެން ލޭ އަޅަން،" ޝާހިދާ ބުންޏެވެ.
ދަރިފުޅުގެ ސިއްހަތަށްޓަކައި، އޭނާއަށް މާލޭގައި ދިރިއުޅެން ވަނީ މަޖުބޫރުވެފަ އެވެ. އެކަމަކު މަސައްކަތް ނުކޮށް ނޫޅެވޭނެތީ، އޭނާ އެ އަންނަނީ ދަރިންގެ ހައްގުގައި ކުނި އުފުލައިދެމުންނެވެ.
މީގެ އަހަރުތަކެއް ކުރިން، ބަޔަކު ވެލްޑަން ކުރަނިކޮށް ދިމާވި ހާދިސާއެއްގައި، މަރިޔަމް އަމީނާ އަހުމަދުގެ ކަނާތު ފައިގެ ކުޑަހުޅަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފަ އެވެ. އެ ހުޅުގެ އޮޕަރޭޝަނަށް ފަހު ބަރު އެއްޗެހި އުފުލުމަކީ އޭނާއަށް ފަސޭހަ ކަމެއް ނޫނެވެ.
އެކަމަކު އަށް ދަރިންގެ މަންމައަށް، ކުނި އުކައިގެން މިހާރު ލިބޭ 9،000 ރުފިޔާގެ މުސާރައަކީ ރަނެއް ފަދަ އެއްޗެކެވެ.
އަމީނާ: ފަޔަށް ލިބިފައިވާ އަނިޔާއާ އެކު ވެސް އޭނާ އަންނަނީ ބުރަކޮށް މަސައްކަތް ކުރަމުން
އަމީނާ މީގެ ކުރިން މަސައްކަތް ކުރީ ސްކޫލެއްގައި އޯޓިޒަމް ކުދިން ބެލެހެއްޓުމަށެވެ. ތަނެއް ކުއްޔަށް ހިފައިގެން އުޅޭއިރު، އާމްދަނީގެ ގޮތުގައި އޭރު އޭނާއަށް ލިބެނީ 4،000 ރުފިޔާ އެވެ.
"ތަންތަން ކުއްޔަށް ހިފައިގެން އުޅެން މި ޖެހެނީ. ދަރިން ވެސް ކިޔަވާ ނުނިމޭތީއާ އެކު، ވަޒީފާ އަދާކުރަން އެބަ ޖެހޭ،" އަމީނާ ބުންޏެވެ.
އޭނާ ދެކޭ ގޮތުގައި ވެމްކޯ އަކީ ވަޒީފާ އަދާކުރަން ރަނގަޅު ތަނެކެވެ. އޭނާގެ ފައިގެ އޮޕަރޭޝަނެއް ކޮށްފައި ހުރިކަން، އެކުގައި މަސައްކަތް ކުރާ މީހުން ދަނެ އެވެ. އެހެންކަމުން ބަރު ޑަސްބިން އުފުލާކަށް ނުޖައްސަ އެވެ. މަސައްކަތު އެކުވެރިންގެ ފަރާތުން ލިބޭ އެފަދަ އެހީތެރިކަމާ އެކު ގޭގެއަށް ގޮސް ކުނި އުކަނީ އުފަލުން ހުރެ އެވެ.
"މިތަނުގެ ބޮޑެތި މީހުންނާއި މުވައްޒަފުން ވެސް ވަރަށް ހެޔޮ. ވަރަށް އޯގާތެރި،" އަމީނާ ބުންޏެވެ.
ހދ. ނޭކުރަންދޫ އޮފީހުގައި ވަޒީފާ އަދާކުރަމުން އައި ޒުބައިދާ އަލީ ވެސް މާލެ ބަދަލުވާން މަޖުބޫރުކުރުވީ އޭނާގެ ނުކުޅެދުންތެރިކަން ހުންނަ ދަރިފުޅެވެ. ދަރިފުޅުގެ ފުރާނަ ސަލާމަތް ކުރަން މަގުމައްޗަށް ނިކުމެ މަސައްކަތް ކުރަން ޖެހުނު ނަމަވެސް، އޭނާ ގަބޫލުކުރާ ގޮތުގައި އެއީ ނުވާނެ ކަމެއް ނޫނެވެ.
"އަޅުގަނޑު ނުދެކެން މިއީ މުޑުދާރު ކަމެއް ކަަމަކަށް. މިއީ އަޅުގަނޑުމެންނަށް ލިބުނު ކުރިއެރުމެއް،"
ޒުބައިދާ އޭނާގެ ވާހަކަ "މިހާރު"އާ ހިއްސާކުރަނީ
މަސައްކަތާ މެދު ސުވާލުކޮށްލުމުން ޒުބައިދާގެ ޖަވާބަކީ އެއީ އެވެ.
ޒުވާން މަންމަ އޭނާގެ މަސައްކަތަށް ނިކުންނަނީ ވަރަށް ރީތި ވެލައިގެންނެވެ. އޭނާ ފެންނަ ކޮންމެ މީހަކަށް ވެސް އެކަން ފާހަގަކުރެވޭނެ އެވެ. އަބަދުވެސް ރީތިކޮށް ހުންނަން ބޭނުންވާ ޒުބޭދާގެ މި އާދަ، އޭނާ އަދާކުރާ ވަޒީފާއަކުން ވަކި ބަދަލެއް ނުވި އެވެ.
"މި މަސައްކަތަކީ މުޑުދާރު ކަމެއް ނޫން. އެކަމަކު މުޑުދާރުކޮށް ހުންނަން އަޅުގަނޑު ބޭނުމެއް ނޫން. ބްރޭކެއް ލިބޭއިރު އަޅުގަނޑު ގެއަށް ގޮސް ފެންވަރައިގެން އަންނަނީ،" ޒުބޭދާ ބުންޏެވެ.
ލައްކައަކަށް ވުރެ މީހުން ދިރިއުޅެމުން އަންނަ މާލޭގައި، ކުނި އުކާލުމަކީ މިއޮތް ހުރިހާ ދުވަހު، ބިދޭސީންގެ މަސައްކަތެކެވެ. އެކަމަކު މި މަސައްކަތާ ދިވެހި ކުންފުންޏަކުން ހަވާލުވެ، ވަޒީފާތައް ދިވެހިންނަށް ހާއްސަ ކުރުމުން ގިނަ ބަޔަކަށް އޭގެ ފައިދާ އަންނަނީ ކުރަމުންނެވެ. މިއީ އުމުރުން ހަގު ވެމްކޯގެ ވަރަށް ހާއްސަ ސިފައެކެވެ.
ގައިމު ވެސް މި އަންހެނުންގެ ދިރިއުޅުން، ވެމްކޯގެ ސަބަބުން، ބަދަލުވެއްޖެ އެވެ.
ކުނިނަގާ މީހުންނަށް ބޮޑެތި އަނިޔާވޭ: ވެމްކޯ
އޭޑީބީން ރާއްޖެ އަށް 33 މިލިއަން ޑޮލަރު ދެނީ
ޝަކުވާ ބޮޑުވުމުން، ކުނި ނަގާ ވަގުތު އިތުރުކޮށްފި
ކުނި އުކުން ރަނގަޅަށް ކުރިއަށް ގެންދެވޭނެ: ތޯރިގު
ކުންޏާ އެކު އާންމުންގެ ޝަކުވާތައް ވެސް ފުނިޖެހިއްޖެ
ވެމްކޯއިން ބޮޑެތި ކުނި ހިލޭ އުކައިދޭން ފަށައިފި
ވެމްކޯގެ އޮޑިޓް: 103 މިލިއަންގެ ކޮރަޕްޝަން ހިންގި!
"ސިޓީއަކަށް މުހިންމުވާ އަސާސީ ހިދުމަތްތައް ހަމަވެެއްޖެ"
މާލޭގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުވައިފި
ތިން ބިލް ނުދައްކައިފި ނަމަ ކުންޏެއް ނުނަގާނެ: ވެމްކޯ