Roadha Mihaaru
އެއާޕޯޓުން ކުނި އުފުލުން އަނެއްކާވެސް ވެމްކޯއަށް

އެއާޕޯޓުން ކުނި އުފުލުން އަނެއްކާވެސް ވެމްކޯއާ ހަވާލުކޮށްފި، ޓަނަކަށް 2،660ރ.

10 ޑިސެމްބަރ 2024

ވެލާނާ އިންޓަނޭޝަަލް އެއާޕޯޓް (ވީއައިއޭ) ގައި އުފެދޭ ކުނި އުފުލުމުގެ މަސައްކަތް އަނެއްކާ ވެސް ވެމްކޯއާ ހަވާލުކުރަން އެމްއޭސީއެލް އިން ނިންމައިފި އެވެ.

ވެލާނާ އިންޓަނޭޝަަލް އެއާޕޯޓް (ވީއައިއޭ) ގައި އުފެދޭ ކުނި އުފުލުމުގެ މަސައްކަތް އަނެއްކާ ވެސް ވެމްކޯއާ ހަވާލުކުރަން އެމްއޭސީއެލް އިން ނިންމައިފި އެވެ.

އެ މަސައްކަތް ވެމްކޯއާ އަލުން ހަވާލުކުރީ ޓަނަކަށް 2،660ރ. ގެ ރޭޓުންނެވެ. އެއީ ކިލޯއެއް 2.66ރ. ގެ ރޭޓުން ކަނޑައަޅާފައިވާ އަގެކެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި، ރައީސް އޮފީހުގެ ދަށުގައި އޮންނަ އިކޮނޮމިކް ކައުންސިލުން ވަނީ މާލޭގައި ކުނި މެނޭޖު ކުރާނެ ގޮތުގެ އުސޫލެއް ކަނޑައަޅައިފަ އެވެ. އެ އުސޫލާ އެއްގޮތަށް އަދި ފިނޭންސް މިނިސްޓްރީން ކަނޑައެޅި ރޭޓުގައި ވެމްކޯ މެދުވެރިކޮށް އެއާޕޯޓުގެ ކުނި އުކާލުން ކުރިއަށް ގެންދަން އެ މިނިސްޓްރީން މިދިޔަ ހޮނިހިރު ދުވަހު ވަނީ އަންގައިފަ އެވެ.

ފިނޭންސް މިނިސްޓްރީން އެމްއޭސީއެލް އަށް އެކަން އެންގީ، އެ ކުންފުނިން، އަމިއްލަ ފަރާތަކާ ކުނި އުކުމުގެ މަސައްކަތް ހަވާލުކުރުމާ ގުޅިގެންނެވެ. އެ މަސައްކަތް ހަވާލުކުރީ، ސީ ޓްރޭޑިން ޕްރައިވެޓް ލިމިޓެޑާ އެވެ. އެއީ މަހަކަށް 7.5 މިލިއަން ރުފިޔާއަށެވެ. އެއީ އެއާޕޯޓުން ކުނި ނަގައިގެން، ތިލަފުއްޓާ ހަމައަށް ފޮނުވުމަށް ދާ ހަރަދެ އެވެ. އޭގެ ތެރޭގައި ކުނި އުކާލުމަށް ވެމްކޯއިން ނަގާ ހަރަދު ވެސް ހިމެނެ އެވެ.

އެމްއެމްއޭސީއެލް އިން ބުނީ، މިދިޔަ އޮކްޓޫބަރު މަހާ ހަމައަށް އެ ކުންފުނީގެ ކުނި އުކުމުގެ މަސައްކަތް ކުރަމުން ދިޔައީ ވެމްކޯއިން ކަމަށާއި އެ އަށް ފަހު ވެމްކޯއާ ހަވާލު ނުކޮށް، ބިޑަށް ހުޅުވައިލީ، ކުނި އުކުމުގެ އަގު ބޮޑުވުމާ ގުޅިގެން އެކަމަށް އެކަށީގެންވާ ހައްލެއް ނުލިބުމުން ކަމަށެވެ.

ސެކިއުރިޓީ ސަބަބުތަކާ ހެދި އެއާޕޯޓުގެ އެތެރެއަށް ކުނި އުފުލާ ވެމްކޯގެ ޓްރަކްތަކަށް ނުވަދެވޭތީ، އެއާޕޯޓު އެތެރޭގެ ކުނި ކަލެކްޓުކޮށް ބޭރަށް ނެރެނީ އެމްއޭސީއެލް އިންނެވެ.