28 އޯގަސްޓް 2023
މާލޭގައި މިރޭ ހުޅުވި ވޭސްޓް ޓްރާންސްފާ ސްޓޭޝަނާ އެކު، ތަރައްގީވެފައިވާ ސިޓީއެއްގައި ހުންނަންޖެހޭ މުހިންމު ހުރިހާ އަސާސީ ހިދުމަތެއް މާލޭގައި ގާއިމުކޮށް ނިމިއްޖެ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.
މާލޭގައި މިރޭ ހުޅުވި ވޭސްޓް ޓްރާންސްފާ ސްޓޭޝަނާ އެކު، ތަރައްގީވެފައިވާ ސިޓީއެއްގައި ހުންނަންޖެހޭ މުހިންމު ހުރިހާ އަސާސީ ހިދުމަތެއް މާލޭގައި ގާއިމުކޮށް ނިމިއްޖެ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.
އިންޑަސްޓްރިއަލް ޒޯނުގައި ވެމްކޯގެ ސައިޓުގައި ހެދި ވޭސްޓް ޓްރާންސްފާ ސްޓޭޝަން މިރޭ ހުޅުއްވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.
އެ ރަސްމިއްޔާތުގައި މިނިސްޓަރު ޝައުނާ ވިދާޅުވީ ކުނި މެނޭޖުކުރުމަށް މި ސަރުކާރުން ތިލަފުށީގައި ހިންގަމުން އަންނަ ވޭސްޓް މެނޭޖުމަންޓުގެ ބޮޑު ޕްރޮޖެކްޓަކީ މި ސަރަހައްދުގެ ތިމާވެށި ރައްކާތެރިކުރުމަށް ސަރުކާރަކުން މިހާތަނަށް ކުރަމުން އަންނަ އެންމެ މުހިންމު މަސައްކަތް ކަމަށެވެ. އެ މަސައްކަތުގައި ބޮޑު ކާމިޔާބީއެއް ލިބިއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.
މާލޭ އިންޑަސްޓްރިއަލް ޒޯނުގައި ހެދި ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ހަވާ އަރުވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
"ތިލަފުށީގައި ކުރަމުން އަންނަ މަސައްކަތަކީ އާންމުންނަށް ނުފެނުނު ކަމުގައި ވިޔަސް، އޭގެ ސަބަބުން މާލެ ސަރަހައްދުގެ ތިމާވެށި ރައްކާތެރިކުރުމަށްޓަކައި ސަރުކާރަކުން މިހާތަނަށް ކުރަމުންދާ އެންމެ މުހިންމު އެއް މަސައްކަތް،" މިނިސްޓަރު ވިދާޅުވި އެވެ.
"މާލޭ ވޭސްޓް ޓްރާންސްފާ ސްޓޭޝަނަކީ ސަރުކާރުން މާލެ ސަރަހައްދުގެ ކުނި މެނޭޖުކުރުމަށް ގެނެސްދޭ އެންމެ ޒަމާނީ، ފުރިހަމަ ހައްލުކަން އަޅުގަނޑު ފާހަގަކޮށްލަން."
މިނިސްޓަރު ވިދާޅުވީ މި ސްޓޭޝަން ހުޅުވުމާ އެކު މާލެ ސަރަހައްދުގެ ކުނި މެނޭޖުކުރުމަށް ވަރަށް ބޮޑު ފަސޭހައެއް ލިބޭނެ ކަމަށެވެ. ކުނި ބައިބަޔަށް ވަކިކޮށްގެން އުކާލުމަށް ވެމްކޯއަށް ބޭނުންވާ ވެހިކަލްތަކާއި ވަސީލަތްތައް ވެސް މިހާރު ރާއްޖެ ގެނެސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މާލޭގައި ކުނި ވަކިކޮށްގެން އުކާލުމަކީ އުނދަގޫ ކަމެއް ކަން ގަބޫލުކުރައްވާ ކަމަށާއި ނަމަވެސް ފަރުދީ ފެންވަރުގައި އާންމުންގެ އެއްބާރުލުން ލިބިއްޖެ ނަމަ، އެކަން ކުރެވޭނެ ކަމުގެ ޔަގީން ކަން އެބައޮތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މާލޭ އިންޑަސްޓްރިއަލް ޒޯނުގައި ހެދި ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތު.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ތަރައްގީވެފައިވާ ސިޓީއެއްގައި ހުންނަން ޖެހޭ މުހިންމު ހުރިހާ ޔުޓިލިޓީ ހިދުމަތެއް މިރޭ މާލެ ސިޓީގައި މި ގާއިމްވެ ނިމުނީ: މިނިސްޓަރު
މިނިސްޓަރު ވިދާޅުވި ގޮތުގައި، މި ވޭސްޓް ޓްރާންސްފާ ސްޓޭޝަން ފަރުމާކޮށްފައި ވަނީ ޖަރުމަނުވިލާތުގެ ފަންނީ މާހިރުންގެ ލަފާގެ މަތިން، ތިމާވެށީގެ އަދި މޫސުމީ ހިރާސްތަކުން ރައްކާތެރިކަން ލިބޭނެހެން، އެންމެ ތަހުޒީބީ މުޖުތަމައުތަކުގައި ކުނި މެނޭޖުކުރާ ގޮތަށެވެ. މި ސްޓޭޝަންގެ އޮޕަރޭޝަން ފެށުމުން ކުނި އުކާލުމަށް ވެހިކަލްތަކުން ބާޖަށް ކުނި އެޅުން ހުއްޓާލާނެ އެވެ. މާލެއިން ތިލަފުއްޓަށް ކުނި ގެންދާނީ ކޮންޓެއިނަރުގައި ބަންދުކޮށްގެން ވަހައި ކުނި ބޭރު ނުވާނެ ގޮތަށެވެ.
"ތަރައްގީވެފައިވާ ސިޓީއެއްގައި ހުންނަން ޖެހޭ މުހިންމު ހުރިހާ ޔުޓިލިޓީ ހިދުމަތެއް މިރޭ މާލެ ސިޓީގައި މި ގާއިމްވެ ނިމުނީ،" މިނިސްޓަރު ވިދާޅުވި އެވެ.
މާލޭ އިންޑަސްޓްރިއަލް ޒޯނުގައި ހެދި ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމް، ތިމާވެއްޓާ ބެހޭ މިނިސްޓަރު އާމިނަތު ޝައުނާ، ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް، މައްޗަަންގޯޅި ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ވޭސްޓް ޓްރާންސްފާ ސްޓޭޝަންގެ ބޭނުމަށް ވެމްކޯ ސައިޓުގައި ވަނީ ދެ އިމާރާތެއް ހަދައިފަ އެވެ. އެއީ ކުނި ޖަމާކުރަން ހެދި ތިން ފްލޯގެ އިމާރާތަކާއި މިނިސްޓްރީގެ ވޭސްޓް ޑިޕާޓްމަންޓާއި ވެމްކޯ އަދި އީޕީއޭ ހިންގަން ހެދި ހަތް ބުރީގެ އޮފީސް އިމާރާތެކެވެ.
މި ސްޓޭޝަން ހެދުމަށް މިދިޔަ އަހަރުގެ ޖޫން 24 ގައި، ތިމާވެއްޓާ ބެހޭ މިނިސްޓްރީން ހަވާލުކުރީ ޗައިނާގެ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން (ސީއެސްސީއީސީ)އާ އެވެ. އިމާރާތްކުރުމުގެ މަސައްކަތުގެ އިތުރުން މި ސްޓޭޝަނަށް ބޭނުންވާ ސަމާނު ގެނެސް، އިންސްޓޯލްކުރުމުގެ މަސައްކަތް ވެސް ކުރީ އެ ކުންފުނިންނެވެ.
އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ޖޭއެފްފީއާއާރް އާއި ޓީއޭއެސްއެފް އަދި ދިވެހި ސަރުކާރުން ހަރަދުކޮށްގެން ހިންގި މި ވޭސްޓް ޓްރާންސްފާ ސްޓޭޝަން ޕްރޮޖެކްޓަށް 11.8 މިލިއަން ޑޮލަރު (183 މިލިއަން ރުފިޔާ) ހަރަދުކުރި އެވެ.
މާލޭގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުވައިފި
ވޭސްޓް ޓްރާންސްފާ ސްޓޭޝަން ޖުލައި މަހަށް ނިންމަނީ
ކުނި ނެގުމުގެ ފީ ކަރަންޓް ބިލުގައި ހިމަނަން ފަށަނީ
އަންނަ މަހުން ފެށިގެން ކުނި ނަގާނީ ބައިބައި ވަކިކޮށް
ވެމްކޯއަށް 42 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުލިބި
ވޭސްޓް އެނާޖީ ޕްރޮޖެކްޓުން ކުންޏަށް ބޮޑު ހައްލެއް
ކުނި ނައްތާލާނެ ގޮތް ލ. ގަމުގައި ކިޔައިދީފި
ކުނި އެންދުން ހުއްޓާލައި އިންގިލާބީ ބަދަލަކާ ދިމާލަށް
ކުނި މެނޭޖްކުރުމަށް 165 މިލިއަން ޑޮލަރު ހަމަޖެހިއްޖެ
މާލެ އާއި ވިލިމާލެ ސާފުކުރުން ވެމްކޯއަށް