Roadha Mihaaru
އަންނަ މަހުން ފެށިގެން ކުނި ނަގާނީ ބައިބައި ވަކިކޮށް

އަންނަ މަހުން ފެށިގެން ވެމްކޯއިން ކުނި ބަލައިގަންނާނީ ބައިބައި ވަކިކޮށްގެން

26 މެއި 2022

އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކުނި ބަލައިގަންނާނީ އެކި ބާވަތުގެ ކުނި ވަކިކޮށްގެން ބަހައްޓާފައިވާ ނަމަ އެކަނި ކަމަށް ސަރުކާރުން ހަމަޖައްސައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކުނި ބަލައިގަންނާނީ އެކި ބާވަތުގެ ކުނި ވަކިކޮށްގެން ބަހައްޓާފައިވާ ނަމަ އެކަނި ކަމަށް ސަރުކާރުން ހަމަޖައްސައިފި އެވެ.

އެންސީއައިޓީ ބިލްޑިންގްގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެންވަޔަރްމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވީ ކުންޏަކީ ތިމާވެށީގެ ގޮތުން ދިމާވެފައިވާ ބޮޑު މައްސަލަ ކަމަށެވެ. އެކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މަސައްކަތުގެ ތެރެއިން، ކުނި މެނޭޖްކުރުމުގެ ގަވައިދަށް މިނިސްޓްރީން ވަނީ މިދިޔަ އޮގަސްޓް މަހު ބަދަލެއް ގެނެސްފަ އެވެ. އޭގައިވާ ގޮތުން އަންނަ ޖޫން އެކަކުން ފެށިގެން ކުނި އުކާލާ ކުނި ނެރެން ޖެހޭނީ އެކި ބައިތަކަށް ވަކިކޮށްގެންނެވެ.

މާލެ ސަރަހައްދުގައި އުފެދޭ ކުނި ވަކިކުރަން ޖެހޭނީ ތިން ބަޔަކަށެވެ. އެއީ ކުނިވާ ޒާތުގެ ކުންޏާއި އަމިއްލައަށް ފަނާވާ ޒާތުގެ ކުނި އެއްކޮށް، ޕްލާސްޓިކް ފުޅި ވަކިން އަދި އެހެނިހެން ހުރިހާ ބާވަތުގެ ކުންޏެއް ވެސް ވަކިންނެވެ.

އެހެން ސަރަހައްދުތަކުން ކުނިވާ ޒާތުގެ ކުންޏާއި އަމިއްލައަށް ފަނާވާ ޒާތުގެ ކުނި ބަންދުކުރަން ޖެހޭނީ އެއް ކޮތަޅެއްގަ އެވެ. ޕްލާސްޓިކް ފުޅި ވަކިން އަދި މައުދަނާއި ބިއްލޫރީގެ ބާވަތްތައް ވެސް ޖެހޭނީ ވަކިން ބަންދުކުރާށެވެ.

އެންސީއައިޓީ ބިލްޑިންގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި އެންވަޔަރްމަންޓް މިނިސްޓަރު ޝައުނާ ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެންސީއައިޓީ ބިލްޑިންގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި އެންވަޔަރްމަންޓް މިނިސްޓަރު ޝައުނާ ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

މިނިސްޓަރު ވިދާޅުވީ ހުރިހާ ބާވަތެއްގެ ކުންޏެއް އެއްކޮށްގެން ތިލަފުއްޓަށް ގެންދިޔަ ނަމަވެސް، އެ ތަނުގައި ވެމްކޯގެ މުވައްޒަފުން ކުނިތައް ވަކިކުރާ ކަމަށެވެ. އެކަމަކު، ވޭސްޓް އެނާޖީ ޕްލާންޓް ގާއިމްކުރެވެންދެން އެ ކުނިތައް ބަހައްޓާނީ ކުނިތައް ވަކިކޮށް، ބަންޑެލި ކޮށް، ޕެކްކޮށްފައި ކަމަށް އޭނާ ވިދަޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މާލެ ސަރަހައްދުން އެކަނި ވެސް ދުވާލެއްގެ މައްޗަށް 1،200 އެއްހާ ޓަނުގެ ކުނި އުފައްދަ އެވެ. އެ ރޭޓުގައި ކުނި އުފައްދާނަމަ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި މުޅި ތިލަފުށި ފުރިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުނީގެ މައްސަލަ ހައްލުކުރުމުގެ ބޮޑު މަސައްކަތުގެ ތެރެއިން ވަނީ ތިލަފުށިން ވިއްސަކަށް އަހަރުވަންދެން އަރަމުންދިޔަ ބޯ ދުންގަނޑު ނިއްވާލައިފަ އެވެ. އެ މަޝްރޫއުގެ ފޭސް އެކެއްގެ އިންފްރާސްޓްރަކްޗާ ނިންމައި އޮޕަރޭޝަން ވަނީ ފެށިފަ އެވެ. ޕްރޮޖެކްޓް އެއްކޮށް ނިމުމުން ކޮންސްޓްރަކްޝަން ކުންޏާއި ދަގަނޑާއި ޕްލާސްޓިކް އަދި ނުރައްކާތެރި ވޭސްޓު ވެސް ވަކިކޮށްފައި ބެހެއްޓޭނެ ވަސީލަތްތައް ތިލަފުށީގައި ގާއިމްކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެންސީއައިޓީ ބިލްޑިންގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި އެންވަޔަރްމަންޓް މިނިސްޓަރު ޝައުނާ އަދި ވެމްކޯގެ ޑީއެމްޑީ ސިރާޖު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެންސީއައިޓީ ބިލްޑިންގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި އެންވަޔަރްމަންޓް މިނިސްޓަރު ޝައުނާ އަދި ވެމްކޯގެ ޑީއެމްޑީ ސިރާޖު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ޝައުނާ ވިދާޅުވީ އަންނަ އަހަރު ތިލަފުށީގައި ވޭސްޓް މެނޭޖްމަންޓް ސިސްޓަމެއް ގާއިމްކުރުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ. އެ ހިދުމަތް ފެށުމުން ދުވާލަކު އަށް މެގަވޮޓާއި 10 މެގަވޮޓުގެ ކަރަންޓު ވެސް ވަސީލަތްތަކުގެ ތެރެއިން އުފެދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިންފްރަސްޓްރަކްޗާ ގާއިމްކުރާއިރު ކުންޏާ މެދު މީހުން އަމަލުކުރާ ގޮތަށް ވެސް ބަދަލުތައް އަންނަން ޖެހޭ. އެންމެ ބޮޑު އެއް ސަބަބަކީ ކުނި އުފެދޭ ހިސާބުން ވަކިކުރުމުގެ މުހިއްމުކަން" އޭނާ ވިދާޅުވި އެވެ.

އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު ވިދާޅުވީ ކުނި ވަކިކޮށްގެން އުކާލިއަސް އެ ކުންފުނީގެ ހިދުމަތް ދޭ ގަޑިތަކަށް ބަދަލެއް ނާންނާނެ ކަމަށެވެ.

ސިރާޖު ވިދާޅުވީ އެ މަސައްކަތް އެންމެ ފުރިަހަމައަށް ކުރަން ހުރެއްޖެނަމަ އެކަން ނުވާނެ ކަމަށެވެ. ބޭނުންވަނީ ހުރި ވަސީލަތްތަކުން އެކަންކުރަން ކަމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރާ ކުންފުންޏަކަށް ވެމްކޯ ހެދުމަށް މަސައްކަތް ކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވެމްކޯއިން މި ފަހުން ވަނީ ހިޔާ ފްލެޓު ސަރަހައްދުން ވެސް، އެކި ބާވަތުގެ ކުނި ވަކިކޮށްގެން ނަގަން ފަށައިފަ އެވެ. އެކަމަށް އާއްމުންގެ ބޮޑު ސަމާލުކަމެއް ލިބޭ ކަމަށް މިނިސްޓްރީން ބުންޏެވެ.