Roadha Mihaaru
ދެން ޖެހޭނީ ކުނި ވަކިކުރަން، އެހެން ނޫނީ ޖޫރިމަނާ

ދެން ޖެހޭނީ ކުނި ވަކިކުރަން، އެހެން ނޫނީ ޖޫރިމަނާ

17 އޯގަސްޓް 2021

ގޭބީސީތަކުން ވެސް ކުނި ވަކިކޮށްގެން ނެރެން ޖެހޭ ގޮތަށް ހަމަޖައްސައި، އެކަން ނުކޮށްފި ނަމަ ޖޫރިމަނާ ކުރެވޭނެ ގޮތަށް ކުނި މެނޭޖް ކުރުމާ ބެހޭ ގަވައިދު އިސްލާހުކޮށްފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ގޭބީސީތަކުން ވެސް ކުނި ވަކިކޮށްގެން ނެރެން ޖެހޭ ގޮތަށް ހަމަޖައްސައި، އެކަން ނުކޮށްފި ނަމަ ޖޫރިމަނާ ކުރެވޭނެ ގޮތަށް ކުނި މެނޭޖް ކުރުމާ ބެހޭ ގަވައިދު އިސްލާހުކޮށްފި އެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ވަނީ ކުނި މެނޭޖް ކުރުމުގެ ގަވައިދަށް ގެނައި ފަސް ވަނަ އިސްލާހު މިއަދު ގެެޒެޓުކޮށްފަ އެވެ. އެ އިސްލާހުގައިވާ ގޮތުން ކުނި އުފައްދާ ފަރާތުން ކުނި ނެރެން ޖެހޭނީ ބައިބަޔަށް ވަކި ކޮށްގެންނެވެ. އެކަން އެގޮތަށް ނުކޮށްފި ނަމަ ޖޫރިމަނާ ވެސް ކުރެވިދާނެ އެވެ.

އިސްލާހުގައިވާ ގޮތުން މާލެ ފިޔަވައި ރަށްރަށާއި ސިޓީތަކުންނާއި ސިނާއީ ރަށްރަށުންނާއި ރިސޯޓުތަކުން ކުނި އުފައްދާ ތަންތަނުގައި ކުނި ބަހައްޓަން ވާނީ ކުނިވާ ޒާތުގެ ކުންޏާއި، ޕްލާސްޓިކް ފުޅި އާއި، މައުދަނާއި ބިއްލޫރީގެ ބާވަތްތައް، އެހެން ހުރިހާ ބާވަތެއްގެ ކުންޏާ ވަކިކޮށްފަ އެވެ.

މާލޭގައި ވެސް ކުނިވާ ޒާތުގެ ކުންޏާއި، ޕްލާސްޓިކް ފުޅި އެެހެން ބާވަތްތަކުގެ ކުންޏާ ވަކި ކުރަން ޖެހޭނެ އެވެ. ނަމަވެސް، މައުދަނާއި ބިއްލޫރީގެ ބާވަތްތައް ވަކި ކުރާކަށް ނުޖެހެ އެވެ.

މި ބާވަތްތަކުގެ ކުނި ނޫން އުކާލާ ފަރުނީޗަރާއި ފްރިޖު ފަދަ އެހެން ބޮޑެތި ކުނިތައް އެހެން ކުންޏާ އެއްކޮށްގެން ނުވާނެ އެވެ.

އިސްލާހުގައިވާ ގޮތުން މިގޮތަށް މާލެ ފިޔަވައި އެހެން ރަށްރަށާއި ރިސޯޓުތަކުން ކުނި ވަކި ކުރަން ފަށަން ޖެހޭނީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެންނެވެ. އަދި މާލޭގައި އެކަން ކުރަން ފަށަން ޖެހޭނީ އަންނަ އަހަރުގެ ޖޫން މަހުން ފެށިގެންނެވެ.

މާލޭގެ ޕޭވްމަންޓެއް މަތީގައި ގޭބީސީތަކެއްގެ ކުނި ކޮތަޅުތަކެއް ބަހައްޓާފައި -- ފޮޓޯ: އަހުމަދު އަވްޝަން /މިހާރު

މާލޭގެ ޕޭވްމަންޓެއް މަތީގައި ގޭބީސީތަކެއްގެ ކުނި ކޮތަޅުތަކެއް ބަހައްޓާފައި -- ފޮޓޯ: އަހުމަދު އަވްޝަން /މިހާރު

އިސްލާހުގައިވާ ވަނީ އެ ގަވައިދުގެ ދަށުން ކަނޑައެޅޭ ޖޫރިމަނާތަކުގެ ޖަދުވަލުގެ ތެރެއަށް ކުނި ވަކި ނުކުރުމުން ކުރާނެ ޖޫރިމަނާތައް ވެސް ހިމަނައިފަ އެވެ.

އިސްލާހުން އިތުރު ކުރި އަދަބުތައް:

- ގޭބީސީއަކުން ކުނި ވަކި ނުކޮށްފި ނަމަ ފުރަތަމަ ފަހަރު އޮންނަ 300ރ.ގެ ޖޫރިމަނާއެއް ދެވަނަ ފަހަރު 500ރ. އަދި ތަކުރާރުވާ ކޮންމެ ފަހަރަކު ވެސް 500ރ. ގެ ޖޫރިމަނާއެއް

- ކައުންސިލުތަކުންނާއި، ސިޓީ ނުވަތަ ރަށު ފެންވަރުގައި ވިޔަފާރިކުރާ ފަރާތްތަކާއި، ޔޮޓު، ސަފާރީ، ލިވަބޯޑުތަކާއި، ދައުލަތުގެ އިދާރާތައް، އަދި ކުނި އުފައްދާ އެހެން ފަރާތަކުން ކުނި ވަކި ނުކޮށްފި ނަމަ ފުރަތަމަ ފަހަރު 500ރ.، ދެވަނަ ފަހަރު 700ރ.ގެ ތިން ވަނަ ފަހަރާއި އޭގެ އިތުރުން ވެސް ތަކުރާރު ކުރާ ފަހަރުތަކުގައި 1000ރ. ގެ ޖޫރިމަނާއެއް

- ސިނާއީ ރަށެއް ނުވަތަ ރިޒޯޓަކުން ކުނި ވަކި ނުކޮށްފި ނަމަ ފުރަތަމަ ފަހަރު އަދަބަކީ 1000ރ.، ދެވަނަ ފަހަރު 1500ރ. އަދި ތިން ވަނަ ފަހަރާއި އޭގެ އިތުރަށް ކުނި ވަކި ނުކުރާ ފަހަރުތަކުގައި 2000ރ.ގެ ޖޫރިމަނާއެއް

ކުނި ވަކިކޮށްފައި ނުވާ ނަމަ ކުނި ބަލައިނުގަތުމުގެ އިހްތިޔާރު ވެސް ކުނި މެނޭޖް ކުރުމުގެ ޒިންމާއާ ހަވާލުވެފައިވާ ފަރާތަށް ލިބިގެންވާ ކަމަށް ވެސް އަލަށް ގެނައި އިސްލާހުގައިވެ އެވެ.