Roadha Mihaaru
ޖޫރިމަނާ ދައްކަން ތުލުސްދޫ ކައުންސިލުން ދެކޮޅު ހަދައިފި

މިނިސްޓްރީ އާއި އީޕީއޭ ކުށްވެރިކޮށް ތުލުސްދޫ ކައުންސިލުން ޖޫރިމަނާ ދައްކަން ދެކޮޅު ހަދައިފި

11 އޯގަސްޓް 2022

އެންވަޔަރުމެންޓް މިނިސްޓްރީ އާއި އެންވަޔަރުމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ކުށްވެރިކޮށް، ކ. ތުލުސްދޫ ކައުންސިލުން ޖޫރިމަނާގެ ފައިސާ ދައްކަން ދެކޮޅު ހަދައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އެންވަޔަރުމެންޓް މިނިސްޓްރީ އާއި އެންވަޔަރުމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ކުށްވެރިކޮށް، ކ. ތުލުސްދޫ ކައުންސިލުން ޖޫރިމަނާގެ ފައިސާ ދައްކަން ދެކޮޅު ހަދައިފި އެވެ.

އެ ކައުންސިލުން ކާބޯތަކެތީގެ ޑަސްބިންތައް މޫދަށް އަޅާތީ އީޕީއޭ އިން ޖޫރިމަނާ ކުރީ މިދިޔަ އާދިއްތަ ދުވަހު އެވެ. ޖޫރިމަނާކޮށްފައި ވަނީ ކުނި މެނޭޖުކުރުމާ ބެހޭ ގަވާއިދުގެ ދަށުން ކަނޑައަޅާފައިވާ މިންގަނޑާ ހިލާފަށް ކުނި މެނޭޖްކުރުމުގެ މަސައްކަތް ކޮށްފައިވާތީ 45،000ރ. އިން ކަމަށް އީޕީއޭ އިން ބުންޏެވެ.

އެކަމާ ދެކޮޅު ހަދައި، އެ ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އީޕީއޭ އިން އެ އިދާރާ އަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ އެ ކައުންސިލުން ހަދާފައިވާ ކުނި މަނޭޖުކުރުމުގެ ގަވާއިދެއްގެ ދަށުން ޖޫރިމަނާކުރަން ނިންމާފައިވާ ކަމަށް ކަމަށެވެ. އެކަމަކު އެފަދަ އެއްވެސް ގަވާއިދެއް ހަދައި، އެ ކައުންސިލުން އަމަލުނުކުރާ ކަމަށް ބުންޏެވެ.

އެހެންވެ، އެ ފައިސާ އަކީ ދައްކަން ޖެހޭ އެއްޗެއް ނޫން ކަމަށް އެ ކައުންސިލުން ގަބޫލުކުރާ ކަމަށް ބުންޏެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީން އަމަލުކުރަމުން އަންނަ ކުނި މެނޭޖުކުރުމުގެ ގަވާއިދުގެ ދަށުން ގަވާއިދާ ހިލާފު ކަމެއް ހިނގާ ނަމަ ތަންފީޒީ އިދާރާއަކުން ބަލައި ފާސްކުރަން ޖެހޭނެ ކަމަށާއި އޭގެ ފަހުން ރިޕޯޓެއް ހަދައި ހުށަހަޅަން ޖެހޭނެ ކަމަށް ބުނެފައި އޮތަސް، ޖޫރިމަނާކުރުމުގެ ކުރިން އެ ރިޕޯޓް ލިބިފައި ނުވާ ކަމަށް ތުލުސްދޫ ކައުންސިލުން ބުންޏެވެ.

އެ ކަހަލަ މައްސަލައެއްގެ ރިޕޯޓް ނޮވެމްބަރު 18، 2020 ގައި އެލްޖީއޭ މެދުވެރިކޮށް، އީޕީއޭ އިން އެ ކައުންސިލަށް އަންގާފައިވާ ކަމަށާއި އެކަމަކު ކުނި މެނޭޖުކުރުމުގެ އެއްވެސް ވަސީލަތެއް އެ ކައުންސިލްގައި ނެތުމުން، ރަށުގައި ބަހައްޓާފައިވާ ޑަސްބިންތައް ނެގުމުގެ ސަބަބުން ރަށް އިތުރަށް ހަޑިވެ، މެހީގެ އުނދަގޫ ބޮޑުވެ، ރަށުތެރޭގައި އިތުރު ބަލިމަޑުކަމެއް އުފެދިދާނެ ކަމުގެ ބިރުވެރިކަން ބޮޑުވެގެން ދިޔަ ކަމަށެވެ.

ކައުންސިލުން ބުނީ ތުލުސްދޫގައި ކުނި މަނޭޖުކުރަނީ އެލްޖީއޭ އިން އަންގާފައިވާ ގޮތަށް ރަށު ފެންވަރުގައި އެކަން ކުރެވޭނެ ގޮތަށް ކަމަށެވެ.

ތުލުސްދޫގައި ވޭސްޓް މެނޭޖުމަންޓް ސެންޓަރެއް ހަދަން މިދިޔަ އަހަރު ޖޫން 17 ގައި އެންވަޔަރަމަންޓް މިނިސްޓްރީއާ އެކު އެއްބަސްވުމެއް ސޮއިކުރި ނަމަވެސް، މިހާތަނަށް އެކަމާ ގުޅޭ އެއްވެސް މަސައްކަތް ވެސް ފެށިފައި ނުވާ ކަމަށް ބުންޏެވެ. އަދި އެ މަސައްކަތް އަވަސްކޮށްދިނުމަށް ތަކުރާރުކޮށް މިނިސްޓްރީގައި އެދިފައި ވާނެ ކަމަށް ވެސް ބުންޏެވެ.

"... މިނިސްޓްރީ އޮފް އެންވަޔަރަމަންޓާއި ދައުލަތުން ކުރަންޖެހޭ ކަންކަން ލަސްވުމުގެ ސަބަބުން އަޅުގަނޑުމެންގެ ކައުންސިލުން ކުރަން ނުޖެހޭ ހަރަދުތައް ކުރަން ޖެހުމުގެ ސަބަބުން، ކައުންސިލުގެ ބަޖެޓުން މި މަސައްކަތް ކުރުމަށް ކައުންސިިލްގެ 2022 ވަނަ އަހަރު 45 ވަނަ ޖަލްސާގައި ވަނީ ފާސްކޮށްފަ އެވެ،" އެ ބަޔާނުގައި ބުންޏެވެ.

އީޕީއޭއިން އަމަލުކުރި ގޮތުން ރަށުގެ ނަން ކިލަބުވެ، ލޯކަލް ޓޫރިޒަމަށް އަސަރުކުރާނެތީ އެކަން ކުށްވެރިކުރާ ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.

އީޕީއޭ އިން ވަނީ ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައި 30 ދުވަހުގެ ތެރޭގައި ޖޫރިމަނާ އަށް ވާ ފައިސާ އެ އިދާރާ އަށް ދެއްކުމަށް ތުލުސްދޫ ކައުންސިލަށް އަންގައިފަ އެވެ.

ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި އެ ރަށު ކައުންސިލުން، ރަށު ފެންވަރުގައި ކުނި މެނޭޖްކުރުމުގެ ޕްލޭނެއް އެކުލަވައިލުމަށް ވެސް އަންގާފައިވެ އެވެ. އަދި ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށް ހަދާފައިވާ އެންމެހާ ގާނޫނާއި ގަވާއިދުތަކަށް ބޯލަނބާ ކިޔަމަންތެރިވެ އެއާ ހިލާފު އެންމެހާ އަމަލުތަކުން ދުރުވެ ތިބުމަށް ވަނީ އަންގައިފަ އެވެ.

ތުލުސްދޫ ކައުންސިލުން އެ ރަށުގައި ބަހައްޓާފައި ހުންނަ ޑަސްބިންތައް މޫދަށް ހުސްކުރާ މަންޒަރު ފެންނަ ވީޑިއޯތަކެއް ދާދިފަހުން ވަނީ އާންމުވެފަ އެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.