Roadha Mihaaru
ފަޅުރަށުގައި ހުރީ އުކާނުލެވި ހުރި ކުނިތަކެއް: ރިސޯޓް

ފަޅުރަށުގައި ހުރީ އުކާނުލެވި ހުރި ކުނިތަކެއް: ދިގުފަރު ރިސޯޓު

08 ޖޫން 2019

ބ. ކެންދޫ ކައިރީގައި އޮންނަ ފަޅުރަށަކަށް ދިގުފަރު އައިލެންޑް ރިސޯޓުން އަޅާ ކުނި ސާފުނުކޮށް، ރަށް ގޮނޑުކުރަމުންދާ މައްސަލަ ފެންމަތިވެފައިވާ އިރު، އެއީ މޫސުން ގޯސްވުމުގެ ސަބަބުން އުކާނުލެވި ހުރި ކުނިތަކެއް ކަމަށް އެ ރިސޯޓުން ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ބ. ކެންދޫ ކައިރީގައި އޮންނަ ފަޅުރަށަކަށް ދިގުފަރު އައިލެންޑް ރިސޯޓުން އަޅާ ކުނި ސާފުނުކޮށް، ރަށް ގޮނޑުކުރަމުންދާ މައްސަލަ ފެންމަތިވެފައިވާ އިރު، އެއީ މޫސުން ގޯސްވުމުގެ ސަބަބުން އުކާނުލެވި ހުރި ކުނިތަކެއް ކަމަށް އެ ރިސޯޓުން ބުނެފި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވި ފޮޓޯތަކަކުން ފެންނަ ގޮތުގައި، ރީތި ގޮނޑުދޮށެއް އޮންނަ ކެޔޮދޫގެ ގޮނޑުދޮށް ވަނީ ރިސޯޓުގެ ކުނިން ފުރާލައިފަ އެވެ. ބޮޑެތި ކަޅު ކޮތަޅުތަކުގައި ހުއްޓަސް ބައެއް ކޮތަޅުތައް ފެޅުމުން ބޭރަށް ވެސް އެޅިފައިވެ އެވެ.

ރިސޯޓެއްގެ ކުނިން ރަށެއްގެ ރީތިގޮނޑުދޮށް އެގޮތަށް ގޮނޑަކަށް ވުމުން ސޯޝަލް މީޑިއާގައި އާންމުން ކަންބޮޑުވުން ފާޅުކުރަން ފެށުމުން ދިގުފަރު ރިސޯޓުން އިއްޔެ ބުނީ އެއީ ރިސޯޓުގެ ދަށުގައި އޮންނަ ފަޅުރަށެއް ކަމަށެވެ. އަދި އެ ރަށަށް ގެންދާ ކުނި ކޮންމެ ދެ ހަފުތާއަކުން، ވެމްކޯ މެދުވެރިކޮށް އުކާލާ ކަމަށް ވެސް ބުނެފައިވެ އެވެ.

ދައުރުވިި ފޮޓޯތަކުން ފެންނަނީ ވެމްކޯއިން އުކާލަން ބަހައްޓާފައި ހުރި ކުނި ކަމަށާއި އެކަމަކު މޫސުން ގޯސްވުމުގެ ސަބަބުން ކުނި އުކާނުލެވި ލަސްވީ ކަމަށް ދިގުފަރު ރިސޯޓުން ބުންޏެވެ.

"ކުނި އަޅާ ތަނެއްގެ ގޮތުގައި އެ ރަށެއް ބޭނުމެއް ނުކުރަމެވެ. އަދި އެ ރަށް ވެސް ސާފުކޮށް ބޭއްވުމަށް މަސައްކަތް ކުރަމެވެ،" ރިސޯޓުން ކުރި ފޭސްބުކް ޕޯސްޓެއްގައި ވެ އެވެ.

އެ ޕޯސްޓާ އެކު، ކުނިތައް ނަގައި ސާފުކޮށްފައިވާ ފޮޓޯތައް ވެސް ހިމަނާފައިވެ އެވެ.

އެންވަރަޔަމެންޓް މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ އެ މައްސަލަ ހައްލުކުރަން، އެ މިނިސްޓްރީ އާއި އީޕީއޭ އާއި ފުލުހުންގެ އިތުރުން ޓޫރިޒަމް މިނިސްޓްރީން ވަގުތުން ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

ދިގުފަރު ރިސޯޓްގެ ކުނި ވަގުތީ ގޮތުން ޖަމާކުރާ ތަނަކަށް ކެޔޮދޫ ވީ ކީއްވެގެން ކަމެއް ނޭނގެ އެވެ. އެކަމަކު ފޭސްބުކް ޕޯސްޓްގައި އެ ރިސޯޓުން ބުނީ ކުނި ބަހައްޓާ ތަނެއްގެ ގޮތުގައި އެތަން ބޭނުންނުކުރާނެ ކަމަށެވެ.

ރިސޯޓްތަކުން އުކާލާ ކުނި ކަނޑަށް އަޅާ މައްސަލަ އަކީ ވެސް ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ. އެ ކުނިތައް ރަށްރަށަށް ލައްގަ އެވެ. އަދި އަޑިއަށް ގޮސް ފަރުތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ފޯރުވަ އެވެ.