Roadha Mihaaru
ވެމްކޯގެ ކުނި ޕިކަޕްގެ ފީ 500ރ.އަށް ކުޑަކޮށްފި

ވެމްކޯގެ ކުނި ޕިކަޕްގެ ފީ 500ރ. އަށް ކުޑަކޮށް، ގޭޓްފީ ނެގުން ހުއްޓާލައިފި

16 މެއި 2024

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން މާލެ ސަރަހައްދުގެ ކުނި ޕިކަޕްގެ ފީ 500 ރުފިޔާ އަށް ކުޑަކޮށް، ގޭޓްފީ ނެގުން ހުއްޓާލައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން މާލެ ސަރަހައްދުގެ ކުނި ޕިކަޕްގެ ފީ 500 ރުފިޔާ އަށް ކުޑަކޮށް، ގޭޓްފީ ނެގުން ހުއްޓާލައިފި އެވެ.

ގެތަކުން ނެރޭ ބޮޑެތި ކުނިތައް ވެމްކޯގެ ޕިކަޕްތަކުގައި އުކާލަން މީގެ ކުރިން ނަގަމުން އައީ 750ރ. އެވެ. ކުނި އުކާލުމަށް ނަގަމުން އައި ފީ ކުޑަކުރަން ސަރުކާރުން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ މިދިޔަ މަހުގެ ފުރަތަމަ ދުވަހު އެވެ.

ވެމްކޯ އިން ކުރި އިއުލާނެއްގައި ބުނީ މިދިޔަ އަންގާރަ ދުވަހުން ފެށިގެން އާންމުންނާއި ކުދި ވިޔަފާރިތަކާއި ވިޔަފާރި އުސޫލުން ކުނިއުފުލުމުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ޓްރާންސްފާ ސްޓޭޝަންތަކަށް ގެންދާ ކުނި ޓަނަކަށް ނަގާ ޓިޕިންގް ފީ 500ރ. އަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އަދި ޓްރާންސްފާ ސްޓޭޝަންތަކަށް ވަންނަ ކޮންމެ އުޅަނދަކުން ނަގަމުންދިޔަ 150ރ. ގެ ގޭޓް ފީ ވެސް އެ ދުވަހުން ފެށިގެން ނެގުން ހުއްޓާލާފައިވާ ކަމަށް ވެމްކޯ އިން ބުންޏެވެ.

މީގެ އިތުރުން މާލެ ސަރަހައްދުގެ ހުރިހާ ޓްރާންސްފާ ސްޓޭޝަންތަކެއްގައި ކުނީގެ ބަރުދަން ބެލުމުގެ އިންތިޒާމް ނުވަތަ ވެއި ބްރިޖް ގާއިމުކުރެވެންދެން މާލެ ޓްރާންސްފާ ސްޓޭޝަންގައި ބަރުދަން ބަލައި އަގު ނެގުން ހުއްޓާލާފައިވާ ކަމަށް ވެސް ވެމްކޯ އިން ބުންޏެވެ.

މިދިޔަ ރޯދަ މަސް ފެށުނުއިރު މުޅި މާލެ އޮތީ ވަރަށް ބޮޑަށް ގޮނޑުވެފަ އެވެ. މާލޭގެ އެކި ގޯޅިތަކަށް ބޮޑެތި ކުނިތައް ނެރެފައި ހުންނަ މައްސަލަ ބޮޑުވެ، މާލޭ ސިޓީ ކައުންސިލާއި ވެމްކޯ އަދި ފުލުހުން ގުޅިގެން އެކަން ހައްލުކުރަން ވެސް މަސައްކަތް ކުރި އެވެ.

އެކަމަކު ކުނި ނެރުން ނުހުއްޓި، ގޯޅިތަކުގައި ކުނި ބަހައްޓާ މީހުންގެ ފޮޓޯ ވެސް އަންނަނީ އާންމުކުރަމުންނެވެ. ކުނި އަޅައިގެން 180 އަށް ވުރެ ގިނަ މީހުން ޖޫރިމަނާ ކޮށްފައިވެ އެވެ.