Roadha Mihaaru

އެމެރިކާގެ ބައެއް ވިސާތަކަށް 15،000 ޑޮލަރުގެ ބޮންޑެއް

ގާނޫނާ ހިލާފަށް އެމެރިކާގައި އުޅޭ މީހުންގެ އަދަދު މަދުކުރުމަށް އަޅަމުން ގެންދާ ހަރުކަށި ފިޔަވަޅުތަކުގެ ދަށުން، ބައެއް ގައުމުތަކުގެ މީހުންނަށް ވިސާ ދޭއިރު 15،000 ޑޮލަރާ ހަމައަށް ބޮންޑެއް ބަހައްޓަންޖެހޭ ގޮތަށް ވަރަށް އަވަހަށް ބަދަލުކުރާނެ ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ބުނެފި އެވެ.

އެމެރިކާގެ ބައެއް ވިސާތަކަށް 15،000 ޑޮލަރު ނަގަނީ

ގާނޫނާ ހިލާފަށް އެމެރިކާގައި އުޅޭ މީހުންގެ އަދަދު މަދުކުރުމަށް އަޅަމުން ގެންދާ ހަރުކަށި ފިޔަވަޅުތަކުގެ ދަށުން، ބައެއް ގައުމުތަކުގެ މީހުންނަށް ވިސާ ދޭއިރު 15،000 ޑޮލަރާ ހަމައަށް ބޮންޑެއް ބަހައްޓަންޖެހޭ ގޮތަށް ވަރަށް އަވަހަށް ބަދަލުކުރާނެ ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ބުނެފި އެވެ.

ޕައިލޮޓް ޕްރޮގްރާމެއްގެ ގޮތުގައި މިކަން މި މަހުގެ ފަހުކޮޅު ފަށާނެ ކަމަށާއި މިގޮތަށް ބޮންޑު ބަހައްޓަންޖެހޭ ގައުމުތަކުގެ މީހުންގެ އަތުން މަދުވެގެން 5،000 ޑޮލަރު، އިންޝޫރަންސެއްގެ ގޮތުގައި ބަހައްޓަން ޖެހޭނެ ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ބުންޏެވެ.

އެ އިދާރާއިން ބުނީ މިގޮތަށް ބަހައްޓާ ފައިސާ، އެ މީހެއްގެ ވިސާގެ އުސޫލުތަކާ އެއްގޮތަށް އުޅުން ބަހައްޓައިފި ނަމަ އަނބުރާ ދޭނެ ކަމަށެވެ. އަދި ވިސާގެ މުއްދަތު ފަހަނަޅައި ދާއިރު އެމެރިކާއިން ނުގޮސް ހުރެއްޖެ ނަމަ ފައިސާ އަނބުރާ ނުދޭނެ ކަމަށް ވެސް ބުންޏެވެ.

"ކޮންސިއުލާ އޮފިސަރުން ވިސާ ދޫކުރުމަށް 15،000 ޑޮލަރުގެ ބޮންޑެއް ދިނުމަށް ނޮންއިމިގްރަންޓް ވިސާއަށް އެދޭ ފަރާތްތަކުގެ ކިބައިން އެދެވޭނެ،" އެމެރިކާގެ ފެޑެރަލް ރަޖިސްޓްރީގައި އަންގާރަ ދުވަހު ޝާއިއުކުރުމަށް ހަމަޖެހިފައިވާ ނޯޓިސްގައި ބުނެފައިވެ އެވެ.

މިއީ 12 މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށާއި މި އުސޫލު ހިނގާނީ "ވިސާ އޯވަސްޓޭ ރޭޓް މަތި" ކަމަށް ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީގެ 2023 ވަނަ އަހަރުގެ ރިޕޯޓުގައި ބުނެފައިވާ ގައުމުތަކުގެ މީހުން އެކަނި ކަމަށް ވެސް ބުންޏެވެ.

ސްކްރީން ކުރުމާއި ވެޓިން މައުލޫމާތު އެކަށީގެންވާ މިންވަރަށް ނެތް ކަމަށް ބެލެވޭ ގައުމުތަކުގެ މީހުންގެ އިތުރުން ރެސިޑެންސީ ޝަރުތުތައް ފުރިހަމަ ނުކޮށް ރަށްވެހިކަން ދޭ މީހުން ވެސް މި އުސޫލުގެ ދަށުން ބޮންޑަށް ފައިސާ ދައްކަން ޖެހޭނެ އެވެ.

މި ނިންމުން ދިފާއުކޮށް ސްޓޭޓް ޑިޕާޓްމަންޓުން ބުނީ ވިސާގެ މުއްދަތު ހަމަވުމަށް ފަހު ވެސް އެމެރިކާގައި އުޅޭ މީހުންގެ ފަރާތުން ގައުމީ ސަލާމާތަށް ނުރައްކާވާ ކަމަށާއި އެހެންވެ މިއީ ޓްރަމްޕުގެ ސިޔާސަތުގެ ދަށުން ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެއް ކަމަށެވެ.

ވެރިކަމާ ދެ ވަނަ ފަހަރަށް ހަވާލުވެ ވަޑައިގަތް ހިސާބުން ފެށިގެން ޓްރަމްޕު ގެންދަވަނީ ބިދޭސީންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ. އަދި އެތައް ހާސް ބަޔަކު ވަނީ ޑީޕޯޓް ވެސް ކޮށްފަ އެވެ. -- އޭއެފްޕީ