Roadha Mihaaru

ގާނޫނުއަސާސީ ހިމާޔަތްކުރަންޖެހޭ ކަމެއް ނޭނގެ: ޓްރަމްޕު

ގައުމުގެ ރައީސްގެ ހައިސިއްޔަތުން ގާނޫނުއަސާސީ ހިމާޔަތްކުރަންޖެހޭކަން އެނގިވަޑައިނުގަންނަވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެ އެވެ.

ގާނޫނުއަސާސީ ހިމާޔަތްކުރަންޖެހޭ ކަމެއް ނޭނގެ: ޓްރަމްޕު

ގައުމުގެ ރައީސްގެ ހައިސިއްޔަތުން ގާނޫނުއަސާސީ ހިމާޔަތްކުރަންޖެހޭކަން އެނގިވަޑައިނުގަންނަވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެ އެވެ.

އެންބީސީގެ "މީޓް ދަ ޕްރެސް" ގައި އަމާޒުވި ސުވާލުތަކަށް ޖަވާބު ދެއްވަމުން 78 އަހަރުގެ ޓްރަމްޕު ވަނީ ތިން ވަނަ ދައުރަކަށް ވާދަކުރެއްވުމަކީ އޭނާ ސީރިއަސްކޮށް ވިސްނަވާ ކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. އޭނާ އެހެން ވިދާޅުވި އިރު އެކަކު ރިޔާސީ ތިން ދައުރު ވެރިކަން ކުރުން އެމެރިކާގެ ގާނޫނުއަސާސީގައި މަނަލެވެ.

އެމެރިކާގެ އިގްތިސާދަށް ފަހިވި ހުރިހާ ކަމެއްގެ ކްރެޑިޓް ނަންގަވައި އަދި ގޯސް ހުރިހާ ކަމެއްގެ ޒިންމާ ކުރީގެ ރައީސް ޖޯ ބައިޑެންއާ މަތިކުރައްވަމުން ޓްރަމްޕު ވަނީ މިހާރު ކުރިއަށް ގެންދާ ބިދޭސީން ޑީޕޯޓްކުރުމާއި ހައްޔަރުކުރުން ފަދަ ކަންކަމުގައި ހުރި ގާނޫނީ ސުވާލުތަކަށް ކޯޓުން ޖަވާބު ހޯދުމަކީ ކުރެވޭ ވަރުގެ ކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ ގާނޫނާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އަކީ "ގައުމީ އިމަޖެންސީއެއް" ކަމަށާއި އެއިން ކޮންމެ ބިދޭސީއަކު ޑީޕޯޓްކުރުމުގެ ކުރިން ކޯޓަށް ހާޒިރުކޮށް އަޑުއެހުންތައް ބާއްވާ ނަމަ 300 އަހަރުން ވެސް މައްސަލަ ހައްލު ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.

ޓްރަމްޕު މިހެން ވިދާޅުވުމުން އެންބީސީގެ "މީޓް ދަ ޕްރެސް" ގެ މޮޑަރޭޓަރު ކްރިސްޓެން ވެލްކާ ވަނީ އެމެރިކާގެ ކޮންމެ ރައްޔިތަކަށް އަދި އެހެން ގައުމުތަކުގެ ރައްޔިތުންނަށް ވެސް އެމެރިކާގައި ގާނޫނީ އިޖުރާއަތުގެ ފުރިހަމަ ކުރަންޖެހޭނެ ނޫންތޯ ސުވާލުކޮށްފަ އެވެ. ޓްރަމްޕުގެ ޖަވާބަކަށްވީ "އަޅުގަނޑަކީ ގާނޫނީ ވަކީލެއް ނޫން. އަޅުގަނޑަކަށް ނޭނގޭ" ކަމަށެވެ.

އެ ޖަވާބަށް ފަހު މޮޑަރޭޓަރު އަނެއްކާވެސް ވަނީ "ގައުމުގެ އެންމެ އިސް ގާނޫނު" ހިމާޔަތްކުރަން ޖެހޭނެ ކަމަށް ގަބޫލުކުރައްވަންތޯ ސުވާލުކޮށްފަ އެވެ.

"އަޅުގަނޑަކަށް ނޭނގެ،" ޓްރަމްޕު އަނެއްކާވެސް ވިދާޅުވި އެވެ.

ޓްރަމްޕުގެ މި ވާހަކައާ އެކު ސިޔާސީ މައިދާނުގައި އެކި ބަހުސްތައް ވަނީ ފެށިފަ އެވެ. ޓްރަމްޕުގެ ރިޕަބްލިކަން ޕާޓީގެ ބައެއް މެންބަރުން ވެސް މި ވާހަކައާ މެދު ހިތްހަމަނުޖެހިގެން ވަނީ ވާހަކަ ދައްކައިފަ އެވެ.

ޓްރަމްޕު މީގެ ކުރިން، ރިޔާސީ ތިން ވަނަ ދައުރެއްގެ ވާހަކަ ދައްކަވާފައި ވާއިރު ގާނޫނީ ބޭފުޅުން ވަނީ އެކަމާ ވަރަށް ބޮޑަށް ސުވާލު އުފައްދަވައިފަ އެވެ. އެއީ އެއްވެސް މީހަކު ދެ ދައުރަށް ވުރެ ގިނައިން ވެރިކަން ކޮށްގެން ނުވާނެ ކަމަށް ގާނޫނުއަސާސީގައި އޮންނާތީ އެވެ. އެކަމަކު ޓްރަމްޕް ކުރިން ވިދާޅުވެފައިވަނީ ތިން ވަނަ ދައުރެއްގެ ވާހަކަ ދައްކަވަނީ ޖޯކަކަށް ނޫން ކަމަށެވެ.

އެމެރިކާގެ ރައީސް ކަމުގައި ދެ ވަނަ ދައުރަކަށް ހުންނެވި ޓްރަމްޕު އިތުރު ދައުރެއް ބޭނުންވާ ނަމަ ޖެހޭނީ ގާނޫނުއަސާސީ އިސްލާހުކުރާށެވެ. އެކަން ކުރެވޭނީ ކޮންގްރެސްގެ ދެ ގޭގެ ވެސް ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތު ލިބިގެންނެވެ. އަދި އެ ބަދަލު އެމެރިކާގެ 50 ސްޓޭޓުގެ ގާނޫނު ހަދާ މަޖިލީސްތަކުގެ ތެރެއިން މަދުވެގެން 38 ސްޓޭޓަކުން ތަސްދީގު ކުރަން ވެސް ޖެހޭނެ އެވެ.

އެންބީސީގެ އިންޓަވިއުގައި ޓްރަމްޕު ވިދާޅުވީ މިއީ އޭނާ ކުރައްވަން ބޭނުންވާ ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑު މި ބަލަނީ ވީހާވެސް ރަނގަޅަށް ހަތަރު އަހަރުގެ ދައުރު ފުރިހަމަކޮށްފައި އެހެން ބޭފުޅަކަށް ފުރުސަތު ދޭން. އެއީ ރިޕަބްލިކަންގެ ގާބިލް ބޭފުޅަކަށް. މިކަން ކުރިއަށް ގެންދާނެ ގާބިލް ރިޕަބްލިކަން ބޭފުޅަކަށް،" ޓްރަމްޕު ވިދާޅުވި އެވެ.

އެއީ ކޮން ބޭފުޅެއްތޯ ސުވާލު ކުރުމުން ނައިބު ރައީސް ޖޭޑީ ވެންސާއި ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯގެ ނަން ފާހަގަކުރައްވައި ވިދާޅުވީ ޕާޓީގައި ވަރަށް ރަނގަޅު ބޭފުޅުން އެބަތިއްބެވި ކަމަށެވެ.