Roadha Mihaaru

ޕައިލެޓުންގެ ޑިމާންޑަށް ޓީއެމްއޭ އިން ދޫދީ، ޑޮލަރުން އެއްކޮށް މުސާރަ ދޭން ނިންމައިފި!

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ މުވައްޒަފުންގެ މުސާރައިގެ މައްސަލައިގައ ޕައިލެޓުން މި މަހުގެ 26 އިން ފެށިގެން ދަތުރުކުރުން ހުއްޓާލަން ނިންމުމާ ގުޅިގެން، އެ އެއާލައިނުގެ ނިންމުން ބަދަލުކޮށް، އަނެއްކާ ވެސް ކުރިއެކޭ އެއްގޮތަށް ޑޮލަރުން މުސާރަ ދޭން ނިންމައިފި އެވެ.

ޕައިލެޓުންގެ ޑިމާންޑަށް ޓީއެމްއޭ އިން ދޫދީފި!
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

20 ޖުލައި 2025

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ މުވައްޒަފުންގެ މުސާރައިގެ މައްސަލައިގައ ޕައިލެޓުން މި މަހުގެ 26 އިން ފެށިގެން ދަތުރުކުރުން ހުއްޓާލަން ނިންމުމާ ގުޅިގެން، އެ އެއާލައިނުގެ ނިންމުން ބަދަލުކޮށް، އަނެއްކާ ވެސް ކުރިއެކޭ އެއްގޮތަށް ޑޮލަރުން މުސާރަ ދޭން ނިންމައިފި އެވެ.

ޓީއެމްއޭގެ ޕައިލެޓެއް ބުނީ، އެ ކުންފުނިން މިދިޔަ މަހު އެންގި އެންގުން ބާތިލްކޮށް، ކުރިއެކޭ ވެސް އެއްގޮތަށް ޑޮލަރުން މުސާރަ ދޭން ނިންމިކަން މިއަދު އަންގާފައިވާ ކަމަށެވެ.

މިދިޔަ މަހު ޓީއެމްއޭ އިން އެ ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް އަންގާފައިވަނީ މި ޖުލައި އަދި އޮގަސްޓް މަހުން ފެށިގެން ކޮންމެ މުވައްޒަފަކަށް ވެސް ލިބޭ މުސާރައިގެ 20 ޕަސެންޓު ދެން ދޭނީ ދިވެހި ފައިސާ އިން ކަމަށެވެ. އެކަމަކު، ބާކީ 80 ޕަސެންޓަށް ވާ މުސާރަ މުވައްޒަފުންނަށް ދޭނީ ޑޮލަރުން ކަމަށް ޓީއެމްއޭގެ އެ އެންގުމުގައި ވެ އެވެ.

އެ ނިންމުމާ ގުޅިގެން މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން ދަތުރުތައް ކުރުން ހުއްޓާލަން ޓީއެމްއޭގެ ޕައިލެޓުން ނިންމައި އެކަން އެ ކުންފުނީގެ މެނޭޖްމެންޓަށް ވެސް އަންގާފައިވެ އެވެ.

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު، ޓީއެމްއޭގައި 200 އަށް ވުރެ ގިނަ ޕައިލެޓުން މަސައްކަތް ކުރެ އެވެ. އެ ކުންފުނީގެ ދަށުން މަސައްކަތް ކުރާ ކެޕްޓަނުންގެ ތެރެއިން އެންމެ ޖޫނިއާ މުވައްޒަފުންނަށް ވެސް ގާތްގަނޑަކަށް 6،000 ޑޮލަރުގެ އާމްދަނީއެއް ލިބޭ އިރު އެންމެ ސީނިއާ ކެޕްޓަނުންނަށް ގާތްގަނޑަކަށް 12،000 ޑޮލަރު މަހަކު ލިބެ އެވެ.

ޓޫރިޒަމުން އާމްދަނީ ލިބޭ ކުންފުނިތަކުން ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރުކުރަން ލާޒިމުކޮށް ހަދާފައިވާ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އެކަން ކުރަން ޖެހޭތީ އެކަން ފޫބެއްދުމަށް، އެ ކުންފުނިން ވަނީ އެމްއޭސީއެލް އަށް ދައްކަން ޖެހޭ ބައެއް ފީތަކާއި ޖެޓްފިއުލްގެ ހަރަދުގެ ބައެއް ރުފިޔާ އިން ދައްކަން ހުށަހަޅައިފަ އެވެ. އެކަމަކު އެކަމަށް އެމްއޭސީއެލް އިން މިހާތަނަށް އެއްބަސް ނުވުމުން، މާރުކުރާ ފައިސާ ބޭނުން ކުރަން ނިންމީ މުވައްޒަފުންނަށް ދޭ މުސާރައިގެ ގޮތުގަ އެވެ.

ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން ޑޮލަރު މާރުކުރުމުގައި "ކެޓެގަރީ އޭ" ގައި ހިމެނޭ ކުންފުނިތަކުން ލިބޭ އިހުތިޔާރަކީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ ކޮންމެ މަހެއްގެ ޖުމުލަ އާމްދަނީގެ 20 ޕަސެންޓަށް ވާ ޑޮލަރު މާރު ކުރުމެވެ. "ކެޓެގަރީ ބީ" ގައި ހިމެނޭ ކުންފުނިތަކުން ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަސް ދުވަހުގެ އާމްދަނީގެ 20 ޕަސެންޓު ޑޮލަރު މާރުކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވެ އެވެ.