19 ޑިސެމްބަރ 2017
ރާއްޖޭގައި ހިންގާ ވިޔަފާރިއެއްގައި މިހާތަނަށް ކުރި އެންމެ އަގު ބޮޑު މުއާމަލާތާ އެކު، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ މެޖޯރިޓީ ހިއްސާ އެމެރިކާގެ ބައިން ކެޕިޓަލްއަށް ވިއްކާލައިފި އެވެ.
ރާއްޖޭގައި ހިންގާ ވިޔަފާރިއެއްގައި މިހާތަނަށް ކުރި އެންމެ އަގު ބޮޑު މުއާމަލާތާ އެކު، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ މެޖޯރިޓީ ހިއްސާ އެމެރިކާގެ ބައިން ކެޕިޓަލްއަށް ވިއްކާލައިފި އެވެ.
ދުނިޔޭގެ އެންމެ ބޮޑު ސީ ޕްލޭން ފްލީޓްގައި އޮތް އެމެރިކާގެ ބްލެކް ސްޓޯންގެ މެޖޯރިޓީ ހިއްސާ މިދިޔަ އާދީއްތަ ދުވަހު ބައިން ކެޕިޓަލް އާއި ޗައިނާގެ ޓެމްޕަސް ގްރޫޕް ގުޅިގެން ގަނެފައިވާކަން ޓީއެމްއޭ އިން ވަނީ "މިހާރު"އަށް ޔަގީންކޮށްދީފަ އެވެ. މިއީ މިހާތަނަށް ރާއްޖޭގެ ކުންފުންޏަކުން ހެދި އެންމެ އަގު ބޮޑު މުއާމަލާތެވެ.
ޓީއެމްއޭގެ އިސް އޮފިޝަލަކު ވިދާޅުވީ އެމެރިކާގެ އިންވެސްޓްމަންޓް ކުންފުންޏެއް ކަމަށްވާ ބައިން ކެޕިޓަލް އިން ޗައިނާގެ ޓެމްޕަސް ގްރޫޕާ ގުޅިގެން ބްލެކް ސްޓޯންގެ ހިއްސާ ގަނެފައިވާ ކަމަށެވެ. ނަމަވެސް ހިއްސާ ވިއްކާލި އަގެއް އެ ކުންފުނިން ހާމައެއްނުކުރެ އެވެ.
ވިޔަފާރި ހަބަރުތައް ގެނެސްދޭ މަޝްހޫރު ފައިނޭންޝަލް ޓައިމްސްގައި ބުނެފައިވާ ގޮތުން އެ ކުންފުނިން ޓީއެމްއޭގެ ހިއްސާ ގަންނަން ހުށަހެޅީ 550 މިލިއަން ޑޮލަރު (8.4 ބިލިއަން ރުފިޔާ) އަށެވެ.
"ކުންފުނީގެ މެޖޯރިޓީ ހިއްސާ ކުރިން އޮތް ބްލެކް ސްޓޯންގެ ހިއްސާ ވަނީ ބައިން ކެޕިޓަލްއަށް ވިއްކާލާފައި. އެ ކުންފުނިން ހިއްސާ ގަތީ ޗައިނާގެ ޓެމްޕަސް ގްރޫޕާ ގުޅިގެން،" އޭނާ ވިދާޅުވި އެވެ.
ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ ބައިން ކެޕިޓަލާއި ޓެމްޕަސް ގުޅިގެން ގަނެފައިވާކަން އެ ކުންފުނީގެ މުވައްޒަފުންނަށް ވެސް މިހާރު ވަނީ އަންގައިފަ އެވެ.
ޓީއެމްއޭގެ ސީ ޕްލޭނެއް ނައްޓާލަނީ: އެ ކުންފުނީގެ މެޖޯރިޓީ ހިއްސާ ވަނީ ބްލެކް ސްޓޯނުން ވިއްކާލާފައި. ފޮޓޯ: ޓީއެމްއޭ
ޓީއެމްއޭގެ ޗީފް އެގްޒެކްޓިވް އޮފިސަރު އޭ ޔޫއެމް ފައުޒީ މުވައްޒަފުންނަށް ފޮނުވި އީމެއިލެއްގައި ވިދާޅުވެފައި ވަނީ ބްލެކް ސްޓޯން ކުންފުންޏެކޭ އެއްގޮތަށް އަލަށް ކުންފުނީގެ ހިއްސާ ގަތް ކުންފުނިން ވެސް މުވައްޒަފުންނާ މެދު އަމަލުކުރާނީ އެއްގޮތަކަށް ކަމަށެވެ. އަދި ކުރިއެކޭ އެއްގޮތަށް ޓީއެމްއޭގެ ކުރީގެ ފައުންޑަރުން ކަމަށްވާ ޗަމްޕާ ހުސެއިން އަފީފާއި ލާސް ޕެޓްރޭ އަދި މޯލްޑިވިއަން އެއާ ޓެކްސީގެ ފައުންޑަރު ލާސް އެރިކް ނެލްސަން ކުންފުނީގެ ބޯޑުގައި ހިމެނިވަޑައިގަންނަވާނެ ކަމަށް ވެސް އެ އީމެއިލްގައި ބުނެފައިވެ އެވެ. އޭގެ އިތުރުން ކުންފުނީގެ މެނޭޖްމަންޓްގެ އެންމެ އިސް މީހެއްގެ ގޮތުގައި ހުންނާނީ އޭނާ ކަމަށް ވެސް އެ އީމެއިލްގައި ވިދާޅުވެފައިވެ އެވެ.
ފައުޒީގެ އީމެއިލްގައި ވަނީ ކުންފުނީގެ ހިއްސާ ވިއްކާލުމުގެ މުއާމަލާތް ކުރިޔަށް ގެންދަނީ ރާއްޖެއިން ބޭރުގައި ކަމަށާއި އެކަމާ ގުޅިގެން ކުންފުނީގެ ހިއްސާއަށް މިވަގުތު ބަދަލެއް ނާންނާނެ ކަމަށެވެ.
ޓެމްޕަސް ގްރޫޕުން ޓީއެމްއޭއަކީ ވަރަށް މަތީ ފެންވަރުގެ ހިދުމަތް ދޭ ކުންފުންޏެއްގެ ގޮތުގައި ތަރައްގީކުރާއިރު ޗައިނާގެ ޓޫރިސްޓުންނާއި ބައިނަލްއަގުވާމީ އެހެން ޓޫރިސްޓުން ވެސް އިތުރުކުރަން މަސައްކަތްކުރާނެ ކަމަށް، މެއިލްގައި ވިދާޅުވި އެވެ.
"އަޅުގަނޑު މިހިރީ ވަރަށް އުފާވެފައި ބައިން ކެޕިޓަލް އާއި ޓެމްޕަސް ގްރޫޕުން ހެދި ޕާޓްނާޝިޕާ މެދު. އަދި އެއާ އެކު ކުންފުންޏަށް އިތުރު ކުރިއެރުންތައް ތިޔަ ބޭފުޅުންނާ އެކު ގެންނާނެ ކަމަށް ވެސް އުއްމީދުކުރަން،" ފައުޒީ ވިދާޅުވެފައިވެ އެވެ.
މީގެ 33 އަހަރު ކުރިން 1984 ގައި އުފެއްދި ބައިން ކެޕިޓަލް އިން ވަނީ 300 އެއްހާ އިންވެސްޓްމަންޓް ގަނެ އިންޑަސްޓްރީއަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްފަ އެވެ. އަދި ޓެމްޕަސް އަކީ ވައިގެ ދަތުރުގެ ޓިކެޓް ވިއްކުމާއި ޓޫރިޒަމް އަދި ޓްރެވަލް މެނޭޖްމަންޓްގެ ހިދުމަތާއި އިންޓަނެޓް ފައިނޭންސްގެ ހިދުމަތް ދޭ ބޮޑު ކުންފުންޏެކެވެ. އެ ކުންފުނި ވަނީ 2011 ގައި ޗައިނާގެ ޝެންޒެންގެ ސްޓޮކް މާކެޓްގައި ވެސް ލިސްޓްކޮށްފަ އެވެ.
އިކޮނޮމިކް ޓައިމްސްގައި ބުނެފައި ވަނީ ބައިން ކެޕިޓަލް އާއި ޓެމްޕަސް ގްރޫޕާ ގުޅިގެން ޓީއެމްއޭގެ 80 ޕަސެންޓް ހިއްސާ ގަންނަން މިދިޔަ އާދީއްތަ ދުވަހު ސޮއިކޮށްފައިވާ ކަމަށެވެ.
ޓީއެމްއޭގެ 80 ޕަސެންޓް ހިއްސާ 2013 ވަނަ އަހަރުން ފެށިގެން އޮންނަނީ އެމެރިކާގެ ބްލެކް ސްޓޯން ގްރޫޕުގަ އެވެ. މައިނޯރިޓީ ހިއްސާ އޮންނަނީ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ ހުސެއިން އަފީފްގެ ކާސާ ހޮލްޑިންގްސްގަ އެވެ.
ބްލެކް ސްޓޯން ގްރޫޕުން ޓީއެމްއޭ އާއި މޯލްޑިވިއަން އެއާ ޓެކްސީގެ ހިއްސާ އެއްކޮށްލައިގެން ދެ ކުންފުނީގެ މެޖޯރިޓީ ހިއްސާ 2013 ގައި ގަނެފައި ވަނީ 98 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) އަށެވެ.
ދުނިޔޭގެ އެންމެ ބޮޑު ސީ ޕްލޭން ކުންފުނިން ރާއްޖޭގެ 60 އަށް ވުރެ ގިނަ ރިސޯޓަށް ޓޫރިސްޓުން އުފުލުމުގެ ހިދުމަތް ދެމުންގެންދެ އެވެ. އަދި އެ ކުންފުނިން އޮޕަރޭޓްކުރާ 48 ބޯޓުން އަހަރަކު 100،000 އަށް ވުރެ ގިނަ ދަތުރުކުރެ އެވެ.
ޓީއެމްއޭގެ ހިއްސާ ގަންނަން ދެ ކުންފުންޏަކުން ސޮއިކޮށްފި
ވާޗުއަލް ޓުއާއިން ރާއްޖެ ވަށައި ސީޕްލޭން ދަތުރެއް
ޓީއެމްއޭއަށް ބުރޫއަރާ ނަމަ ޓޫރިޒަމަށް ލޮޅުން އަންނާނެ
ޓީއެމްއޭގެ ހިއްސާ ބިލިއަން ޑޮލަރަށް ވިއްކާލަނީ!
ޓީއެމްއޭ އިން އިތުރު ސީޕްލޭނެއް ގެނެސްފި
ޗައިނާގެ ކުންފުންޏަކުން ޓީއެމްއޭގެ ހިއްސާ ގަންނަނީ
ޓީއެމްއޭ އިން ލަންކާ އެއާލައިން ގަންނަން ހުށަހަޅައިފި
ޓޫރިޒަމަށް، އޭވިއޭޝަން ހިދުމަތްތައް ވަރުގަދަކުރަންޖެހޭ
ޓީއެމްއޭގެ ބޯޓަކަށް އިއްޔެ ދިމާވި ހާދިސާ ތަހުގީގުކުރަނީ
ޓީއެމްއޭގެ ބޯޓެއް އެކްސިޑެންޓް ވެއްޖެ