Roadha Mihaaru

ސާވިސް ޗާޖު ރުފިޔާއިން ދޭން ނިންމުމުން ގާސިމްގެ ރައްދެއް!

ރިސޯޓުތަކަށް ލިބޭ ޑޮލަރު ރާއްޖޭގެ ބޭންކުތަކުން މާރުކުރަން ލާޒިމްކޮށް ހަދާފައިވާ ގަވާއިދުގެ ސަބަބުން، ރިސޯޓުތައް ހިންގަން ދަތިވާ ކަމަށް ބުނެ، މުވައްޒަފުންނަށް ދޭ ސާވިސް ޗާޖު ދިވެހި ފައިސާ އިން ދޭން ރާއްޖޭގެ ބޮޑެތި ބައެއް ރިސޯޓުތަކުން ނިންމުމަކީ ހައްގު ނިންމުމެއް ނޫން ކަމަށް ވިދާޅުވެ، ވިލާ ރިސޯޓުތަކުގެ ވެރިޔާ ގާސިމް އިބްރާހިމް މިރޭ ހޫނު ރައްދެއް ދެއްވައިފި އެވެ.

ސާވިސްޗާޖު ރުފިޔާއިން ދިނުމަކީ ހައްގު ނިންމުމެއް ނޫން

ރިސޯޓުތަކަށް ލިބޭ ޑޮލަރު ރާއްޖޭގެ ބޭންކުތަކުން މާރުކުރަން ލާޒިމްކޮށް ހަދާފައިވާ ގަވާއިދުގެ ސަބަބުން، ރިސޯޓުތައް ހިންގަން ދަތިވާ ކަމަށް ބުނެ، މުވައްޒަފުންނަށް ދޭ ސާވިސް ޗާޖު ދިވެހި ފައިސާ އިން ދޭން ރާއްޖޭގެ ބޮޑެތި ބައެއް ރިސޯޓުތަކުން ނިންމުމަކީ ހައްގު ނިންމުމެއް ނޫން ކަމަށް ވިދާޅުވެ، ވިލާ ރިސޯޓުތަކުގެ ވެރިޔާ ގާސިމް އިބްރާހިމް މިރޭ ހޫނު ރައްދެއް ދެއްވައިފި އެވެ.

ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން ޑޮލަރު މާރުކުރުމުގައި "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓުތަކަށް ލިބޭ އިހުތިޔާރަކީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ ކޮންމެ މަހެއް ޖުމްލަ އާމްދަނީގެ 20 ޕަސެންޓަށްވާ ޑޮލަރު މާރު ކުރުމެވެ. "ކެޓެގަރީ ބީ" ގެ ދަށުން ގެސްޓް ހައުސްތަކުން، ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަސް ދުވަހުގެ އާމްދަނީގެ 20 ޕަސެންޓް ޑޮލަރު މާރުކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވެ އެވެ.

އެ ނިންމުމާ ގުޅިގެން ދަތިވާ ކަމަށް ބުނެ، އެ ކުންފުނީގެ ދަށުން ހިންގާ ރިސޯޓުތަކުގެ މުވައްޒަފުންގެ ސާވިސް ޗާޖު ރުފިޔާ އިން ދޭން ނިންމިކަން ރާއްޖޭގައި ގިނަ ރިސޯޓުތަކެއް ހިންގާ ޔުނިވާސަލް ރިސޯޓްސް އިން ވަނީ އިއުލާންކޮށްފަ އެވެ. އަދި ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަަރު ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ މުވައްޒަފުންގެ މުސާރަ ރުފިޔާ އިން ދޭން އެ ކުންފުނިން ވެސް ވަނީ ނިންމައިފަ އެވެ.

އެކަމަކު، ޓޫރިޒަމް ދާއިރާގައި އެންމެ ނަގާ ކިޔާ އެއް ކުންފުނި ވިލާގެ ޗެއާމަން ގާސިމް އެ ވިސްނުންތަކާ ވަރަށް ބޮޑަށް ދެކޮޅެވެ. އެހެންވެ، "އެކްސް" ގައި މިރޭ ކުރެއްވި ދިގު ޕޯސްޓެއްގައި ގާސިމް ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ގާސިމް ވިދާޅުވީ ޓޫރިސްޓުންގެ އަތުން ސާވިސް ޗާޖު ނަގަނީ ޑޮލަރުން ކަމަށާއި އެހެން ކަމުގައިވާ ނަމަ އެ ހައްގު މުވައްޒަފު މީހާ އަށް ދޭން ޖެހޭނީ ޑޮލަރުން ކަމަށެވެ.

"ޑޮލަރުން ނޫން ގޮތަށް މުއައްޒަފު މީހާ ސާވިސްޗާޖް ލިބިގަތުމަށް އިންކާރު ކުރާ ނަމަ އެއީ ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތުގެ 212 ވަނަ މާއްދާގައި ބަޔާން ކުރާ، މަކަރާއި ހީލަތުން ނުވަތަ ޓެކުމުން އެހެން މީހެއްގެ މުދަލެއް ނިގުޅައިގަތުން، ކަމަށް ބެލުމުގެ މައްސަލައަކަށް ވުމުގެ ފުރުސަތު އެބައޮތެވެ. މީހަކަށް ދޭން ހަވާލުކުރާ އަމާނާތެއް، އެ އޮތް ގޮތަށް އެ މީހާ އަށް ރައްދު ކުރުމަކީ އެ އަމާނާތާ ހަވާލުވި މީހާގެ މައްޗަށް އޮތް ބޮޑުވެގެންވާ ދީނީ، އަދި ގާނޫނީ ވާޖިބެއް ވެސް މެ އެވެ،" ރައްޔިތުންގެ މަޖިލިހުގެ މާމިގިލި ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ގާނޫނީ މައްސަލަ އެހެން އޮތުމުން، ޑޮލަރުން ލިބޭ ސާވިސް ޗާޖު މުވައްޒަފެއްގެ ނުރުހުމުގައި ރުފިޔާއިން ލިބިގަތުމަށް ދެކޮޅު ހެދުމަށް ފަހު އެ މައްސަލަ ގާނޫނުގައި ވާ ގޮތުގެ މަތީން ޝަރީއަތަށް ހުށަހެޅުމުން ނަތީޖާ ސާފުވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑަކީ ވެސް އެތައް ހާސް މުއައްޒަފުން ގެންގުޅޭ ކެޓަގަރީ އޭ ގެ ރިސޯޓުތަކެއް ހިންގާ މީހަކީމެވެ. އަޅުގަނޑުމެންނަށް ވެސް މި ދަތި އެބައޮތެވެ. ނަމަވެސް މިއީ މުއައްޒަފުންގެ ވަރަށް ބޮޑު ހައްގެއް ކަމުގައި ވެފައި، ގާނޫނުން ވެސް އެ ލުއި ރިސޯޓުތަށް ޑޮލަރު މާރުކުރުމުގައި ލިބިދީފައިވާ އިރު، ރިސޯޓުތައް ހިންގުމުގައި ދަތިވާ ކަމަށް ބުނެ ސާވިސްޗާޖު ދިވެހި ރުފިޔާ އިން ދިނުމުން މުއައްޒަފުންނަށް އެ ދެވެނީ މާބޮޑު ގެއްލުމެއް ކަމުގައިވާތީ މި ކަމުގައި އަޅުގަނޑު ދެކޭ ގޮތް ހިއްސާ ކޮށްލީ އެވެ،" ގާސިމްގެ ޕޯސްޓުގައި ވެ އެވެ.

މީހަކަށް ދޭން ހަވާލުކުރާ އަމާނާތެއް، އެ އޮތް ގޮތަށް އެ މީހާ އަށް ރައްދު ކުރުމަކީ އެ އަމާނާތާ ހަވާލުވި މީހާގެ މައްޗަށް އޮތް ބޮޑުވެގެންވާ ދީނީ، އަދި ގާނޫނީ ވާޖިބެއް ވެސް މެ އެވެ،"--- ގާސިމް

ގާސިމް ވިދާޅުވިގޮތުގައި، މާލީ ދަތިތަކާ ގުޅިގެން ބައެއް ކުންފުނިތަކުން މުސާރަ ވެސް ރުފިޔާ އިން ދޭން ނިންމަން އުޅުމަކީ ކަންބޮޑުވާން ޖެހޭ ކަމެކެވެ. އޭނާ ވިދާޅުވީ، މުވައްޒަފުންނާ އެކު އެއްބަސްވުމެއް ހަދާފައިވާ މުއްދަތުގައި ޑޮލަރުން މުސާރަ ދިނުމަށް އެއްބަސްވެފައިވާ ނަމަ އެ މުއްދަތުގައި މުސާރަ ދޭން ޖެހޭނީ ޑޮލަރުން ކަމަށެވެ.

"ފައިސާގެ ޖިންސު ބަދަލުކޮށް އެހެން ފައިސާ އަކުން ދެވޭނީ އެ މުއައްޒަފުމީހާ އެކަމަށް އިއުތިރާޒެއް ނެތް ކަމުގައިވާ ނަމަ އެވެ،" އޭނާ ވިދާޅުވި އެވެ.