Roadha Mihaaru
އެލާގެ ބަދަލުގައި ފެންފުށީ ފަޅު ހޯދަން ގާސިމް އެދިއްޖެ

އެލާގެ ބަދަލުގައި ފެންފުށީ ފަޅު ހޯދަން ގާސިމް ހުށަހަޅުއްވައިފި

10 އޯގަސްޓް 2021

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އަތުލި ތ. އެލާގެ ބަދަލުގައި، ރިސޯޓު ހެދުމަށް އދ. ފެންފުށީ ފަޅު ދޭން ވިލާގެ ޗެއާމަން ގާސިމް އިބްރާހިމް ސަރުކާރުގައި އެދިވަޑައިގެންފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އަތުލި ތ. އެލާގެ ބަދަލުގައި، ރިސޯޓު ހެދުމަށް އދ. ފެންފުށީ ފަޅު ދޭން ވިލާގެ ޗެއާމަން ގާސިމް އިބްރާހިމް ސަރުކާރުގައި އެދިވަޑައިގެންފި އެވެ.

ވިލާ ޝިޕިން އެންޑް ޓްރޭޑިން ކުންފުނީގެ ފަރާތުން ގާސިމް ސޮއިކުރައްވައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމަށް މިިދިޔަ ހޮނިހިރު ދުވަހު ފޮނުއްވި ސިޓީން އެނގޭ ގޮތުން، އެލާގެ ބަދަލުގައި އެ ކުންފުނިން ބޭނުންވާ ރަށްތަކެއްގެ ލިސްޓު ފޮނުވަން ޓޫރިޒަމް މިނިސްޓްރީން ވަނީ ކުރިން އަންގައިފަ އެވެ.

އެހެންވެ، ޓޫރިޒަމް މިނިސްޓަރަށް ގާސިމް ފޮނުއްވި ސިޓީގައި ފުރަތަމަ އެދިވަޑައިގެންފައި ވަނީ ތ. ކަނިމީދު އާއި ތ. ކަޅުފަހަލަފުށި ދޫކޮށްދިނުމަށެވެ. ނަމަވެސް އެ ދެ ރަށް ވެސް ވިލާ އަށް ލިބެން ނެތުމުން ގާސިމް ދެން އެދިވަޑައިގެންފައި ވަނީ އދ. ފެންފުށީގެ ހުޅަނގު އުތުރުގައި އޮންނަ ފަޅުން ބިން ހިއްކައިގެން ރިސޯޓެއް ހެދުމަށެވެ. އެފަޅު އޮންނަނީ ވިލާ އިން މިހާރު ވެސް ހިންގަމުން އަންނަ ސަން އައިލެންޑް ރިސޯޓާއި ގާސިމްގެ އުފަން ރަށް މާމިގިއްޔާ ވަރަށް ކައިރީގަ އެވެ. ގާސިމްގެ ބައްޕަ އަކީ ފެންފުށީ ބޭފުޅެކެވެ.

ފެންފުށީ ފަޅުގައި ރިސޯޓެއް ހެދުމަށް އަށް އަހަރުގެ މުއްދަތެއް ދިނުމަށް ވިލާ އިން ވަނީ އެދިފައި ވެ އެވެ. އަދި އެ ފަޅު ދިނުމަށް އެދިފައި ވަނީ 99 އަހަރަށެވެ. ރިސޯޓު ހެދުމަށް މިހާ ދިގު މުއްދަތެއް ދޭން އެދުނީ ތ. އެލާގައި ރިސޯޓެއް ހެދުމަށް ވުރެ، ފަޅު ހިއްކައިގެން ރިސޯޓެއް ހެދުމަށް ބޮޑު ހަރަދެއް ކުރަން ޖެހޭނެތީ ކަމަށް ސިޓީގައި ބުނެފައިވެ އެވެ.

ވިލާ ގްރޫޕް އިން ހިއްކައިގެން ރިސޯޓު ހަދަން ބޭނުންވާ ފަޅު--ފޮޓޯ:މިހާރު

ވިލާ ގްރޫޕް އިން ހިއްކައިގެން ރިސޯޓު ހަދަން ބޭނުންވާ ފަޅު--ފޮޓޯ:މިހާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 2017 ވަނަ އަހަރު ވިލާ އަށް ދީފައި އޮތް ތ. އެލާ އާއި ގދ. ގަޒީރާގެ އިތުރުން ރ. މާނެންފުށި އަދި ކ. ބޮލިދުއްޕަރު ފަރުގެ އިތުރުން ކ. ވާވެއްދިފަޅު ނަގަން ނިންމައި، އެ ތަންތަނަށް ދައްކަން ޖެހޭ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި އެ ކުންފުނިން 188 މިލިއަން ޑޮލަރު [2.9 ބިލިއަން ރުފިޔާ] ހޯދަން ނިންމި އެވެ. އެހެން ނަމަވެސް ވިލާ ކުންފުންޏަށް ސަރުކާރުން ދޫކުރި ފަސް ރަށް ސަރުކާރުން އަތުލީ ގާނޫނާހިލާފަށް ކަމަށް ކަނޑައަޅައި، އެ ފަސް ރަށުގެ މައްސަލަ ވިލާ ކުންފުންޏާ އެއްކޮޅަށް ސުޕްރީމް ކޯޓުން އޭޕްރީލް 2018، ގައި ހުކުމްކޮށްފައިވެ އެވެ.

އެ ފަސް ރަށަކީ ތ. އެލާ އާއި ގދ. ގަޒީރާގެ އިތުރުން ރ. މާނެންފުށި އަދި ކ. ބޮލިދުއްޕަރު ފަރުގެ އިތުރުން ކ. ވާވެއްދިފަޅެވެ. މި ރަށްތަކަކީ ވިލާ އަތުން 188 މިލިއަން ޑޮލަރު (2.9 ބިލިއަން ރުފިޔާ) ހޯދަން މީރާއިން ސިވިލް ކޯޓުގައި ދައުވާކުރާ މައްސަލަތަކާ ގުޅުން ހުރި ރަށްތަކެވެ.

އޭގެ ފަހުން އޮކްޓޫބަރު 2018، ގައި އޭސީސީން ވެސް ވަނީ އެ ރަށްތައް ދިނުމުގައި ކޮރަޕްޝަން ނުހިމެނޭ ކަމަށް ކަނޑައަޅައިފަ އެވެ.