Roadha Mihaaru
ސަން އައިލެންޑް ދެކެ ލޯބިވާ ޑޮކްޓަރު

ސަން އައިލެންޑަށް މި ޑޮކްޓަރުގެ އޮތީ ހާއްސަ ލޯތްބެއް

15 މެއި 2017

މީގެ 29 އަހަރު ކުރިން އޭނާ ރާއްޖެ އައީ މާބޮޑު މައުލޫމާތެއް އެނގިގެނެއް ނޫނެވެ. އޭރު ރާއްޖޭގައި ހުޅުވާފައިވާ ރިސޯޓްތަކުގެ އަދަދު ވެސް އެހާ ގިނައެއް ނޫނެވެ. ހާއްސަކޮށް މަތީ ފެންވަރުގެ ރިސޯޓްތަކެއް ނުހުރެ އެވެ. އެކަަމަކު އޭރު ވެސް ޑައިވިން އަކީ ރާއްޖެ އަންނަ ޓޫރިސްޓުން އެންމެ ކުރާ ހިތްވާ ކަންތަކެވެ. ނަވާސަތޭކަ އަށްޑިހަ އަށްވަނަ އަހަރު އޭނާ އެންމެ ފުރަތަމަ މާޔާފުއްޓަށް އައީ އަންހެނުންނާއެކު ހަނީމޫންގެ ދުވަސްތައް ހޭދަކޮށްލުމަށެވެ. އެކަމަކު، އޮސްޓްރިއާ އަށް އުފަން ޑރ. އާނޯލްޑް ނަލިންގާ އަށް އެންމެ ހިތްހަމަޖެހޭ ކަމަކަށްވީ ކަނޑުއަޑީގެ ހިތްގައިމު މަންޒަރު ދެކިލަން ޑައިވް ކުރުމެވެ.

އަބްދުﷲ ޖަމީލު ސަން އައިލެންޑް ރިސޯޓުން އަބްދުﷲ ޖަމީލު

މީގެ 29 އަހަރު ކުރިން އޭނާ ރާއްޖެ އައީ މާބޮޑު މައުލޫމާތެއް އެނގިގެނެއް ނޫނެވެ. އޭރު ރާއްޖޭގައި ހުޅުވާފައިވާ ރިސޯޓްތަކުގެ އަދަދު ވެސް އެހާ ގިނައެއް ނޫނެވެ. ހާއްސަކޮށް މަތީ ފެންވަރުގެ ރިސޯޓްތަކެއް ނުހުރެ އެވެ. އެކަަމަކު އޭރު ވެސް ޑައިވިން އަކީ ރާއްޖެ އަންނަ ޓޫރިސްޓުން އެންމެ ކުރާ ހިތްވާ ކަންތަކެވެ. ނަވާސަތޭކަ އަށްޑިހަ އަށްވަނަ އަހަރު އޭނާ އެންމެ ފުރަތަމަ މާޔާފުއްޓަށް އައީ އަންހެނުންނާއެކު ހަނީމޫންގެ ދުވަސްތައް ހޭދަކޮށްލުމަށެވެ. އެކަމަކު، އޮސްޓްރިއާ އަށް އުފަން ޑރ. އާނޯލްޑް ނަލިންގާ އަށް އެންމެ ހިތްހަމަޖެހޭ ކަމަކަށްވީ ކަނޑުއަޑީގެ ހިތްގައިމު މަންޒަރު ދެކިލަން ޑައިވް ކުރުމެވެ.

އެހެންވެ އޭގެ ފަހުން އޭނާ ރާއްޖެ އައިސް ހުންނަން ބޭނުންވީ ޑައިވިން އަށް ހާއްސަ ސަރަހައްދެއްގެ ރިސޯޓެއްގަ އެވެ. އަދި އެކި ފަހަރުމަތިން ރާއްޖެ އައިސް އެކި ސަރަހައްދުތަކަށް ބާނާޑް ފީނައި ހެދި އެވެ. އެކަމަކު އދ. އަތޮޅުގައި އޮންނަ ސަން އައިލެންޑް ރިސޯޓު ވަރުގެ ހިތްހަމަޖެހޭ ރިސޯޓެއް އޭނާ އަކަށް ނުފެނުނެވެ.

"އެއް ފަހަރު ރާއްޖެ އަންނަން އުޅެނިކޮށް ޗާޓުން މި ރަށް ފެނުނީ. ޗާޓުން ފެނުނުއިރު މި ރަށް ވަރަށް ބޮޑު. އަޅުގަނޑަކީ ދުވަން ވަރަށް ޝައުގު ހުންނަ މީހަކަށްވީމަ އެހެންވެ ހިތަށް އެރީ ދުވުމަށާއި ޑައިވްކުރަން ވެސް މި ރަށް ރަނގަޅުވާނޭ. އެހެންވެ ވަގުތުން އަޅުގަނޑު ބުނިން ތި ރިސޯޓް ރަނގަޅުވާނޭ. އެހެން ކިޔާފައި މި ރަށަށް އައީ،" އާނޯލްޑްއަށް ސަން އައިލެންޑް ފެނުނު ގޮތް ކިޔައިދެމުން ބުންޏެވެ.

އާނޯލްޑް އާއި އޭނާގެ ދެ ދަރިންނާއި އަންހެނުންނާއެކު މިފަހަރު ވެސް ޗުއްޓީ ހޭދަކުރަން ހަފުތާއަކަށް އައީ ޑައިވްކޮށްލުމަށެވެ. މިއީ އޭނާ މިރަށުގައި ޗުއްޓީ ހޭދަކުރަން އައި އަށް ވަނަ ފަހަރެވެ.

ސަން އައިލެންޑާ މެދު ހާއްސަ ލޯތްބެއް އުފެދިފައިވާ ޑރ. އާނޯލްޑް "މިހާރު" އަށް އިންޓަވިއު ދެއްވަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު

ސަން އައިލެންޑާ މެދު ހާއްސަ ލޯތްބެއް އުފެދިފައިވާ ޑރ. އާނޯލްޑް "މިހާރު" އަށް އިންޓަވިއު ދެއްވަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު

"މި ސަރަހައްދަކީ ޑައިވްކުރަން ވަރަށް ހިތްގައިމު ސަރަހައްދެއް. އަޅުގަނޑަށް މި ރާއްޖެއިން މިވަރުގެ ސަރަހައްދެއް ޑައިވްކުރާކަށް ނުފެނޭ. ރީތި މަސްތައް ވެސް ފެނޭ. އެންމެ ހިތްހަމަޖެހެނީ މި ސަރަހައްދުން އަބަދުވެސް ވޭލް ޝާކް ފެންނާތީ،" އޭނާ ބުންޏެވެ.

އާނޯލްޑް ދެކޭ ގޮތުގައި ރާއްޖޭގައި ޑައިވްކުރަން އެއަށްވުރެ ވަކި ހިތްގައިމު ސަރަހައްދެއް ނޯންނާނެ އެވެ. އެހެންވެ އެންމެ މި ރިސޯޓަށް އައުމާއެކު އޭނާ އަވަސްވެގަންނަނީ ވީއެންމެ އަވަހަކަށް ޑައިވިންއަށް ދިއުމަށެވެ. މި ސަރަހައްދުން ފެންނަ ކަހަލަ މިޔަރުތަކާއި އެނޫން ބާވަތްތަކުގެ މަސްތައް އެހެން ސަރަހައްދަކުން އޭނާ އަށް ނުފެނެ އެވެ.

"އަޅުގަނޑާއެކު މިފަހަރު އަޅުގަނޑުގެ ރައްޓެހިންތަކެއް ވެސް އައި. އެ ހުރިހާ އެންމެވެސް އައީ އަޅުގަނޑާއެކު ޑައިވްކުރަން. މީގެ ތެރޭގައި އަންޑަވޯޓާ ފޮޓޯގްރާފަރުން ވެސް ހިމެނޭ. މިއަދު ވެސް އަޅުގަނޑުމެންނަށް ފެނުނު ވަރަށް އާދަޔާ ހިލާފު މަސްތަކެއް ފެނުނު،" މާޗް މަހު ދިން އިންޓަވިއުގައި އޭނާ ބުންޏެވެ.

އާނޯލްޑް ބުނިގޮތުގައި އޭނާ އެންމެ ކަންބޮޑުވަނީ ރާއްޖޭގެ ފަރުތައް ހުދުވުމުގެ މައްސަލަ ދިމާވަމުން އަންނާތީ އެވެ. އޭގެ އިތުރުން ފަރުތަކަށް ކުނި އެޅުމުގެ މައްސަލަ ވެސް އޭނާ ފާހަގަކުރި އެވެ.

"އަޅުގަނޑު ވަރަށް ދެރަވޭ ރާއްޖޭގެ ފަރުތައް ހަލާކުވަމުން ދާތީ. އަޅުގަނޑު އެދެން އެއްވެސް ފަރާތަކުން ފަރުތަކަށް ކުނި ނާޅަން. އޭގެ ސަބަބުން ރާއްޖޭގެ ރީތިކަން އެބަ ގެއްލޭ،" އާނޯލްޑް ބުންޏެވެ.

މޫދަށް ކުނި އެޅުމުގެ އިތުރުން ބޭކާރު ގޮތުގައި މަސް ހިފާތީ އެކަމާ މެދު ވެސް ކަންބޮޑުވުން ފާޅުކުރި އެވެ. ބާނާޑް ބުނީ ރާއްޖޭގެ ރީތިކަން އޮތީ ކަނޑުއަޑީގައި ކަމަށާއި ކަނޑުއަޑީގެ ދިރުންތަކަށް ގެއްލުންވާނެ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށެވެ.

"ރާއްޖޭގެ ތިމާވެއްޓާ މެދު ވަރަށް ބޮޑަށް ފަރުވާތެރިވާން ޖެހޭ. ރާއްޖޭގެ ރީތިކަން ދަމަހައްޓަން އެންމެން ގުޅިގެން މަސައްކަތްކުރަން ޖެހޭ. އަޅުގަނޑުމެން މިތަނަށް އަންނަނީ ރާއްޖޭގެ ކަނޑުއަޑީގެ ރީތިކަން ދެކިލަން. އަޅުގަނޑުމެންގެ ގައުމުން މިކަހަލަ ހިތްގައިމު ކަނޑުއަޑީގެ މަންޒަރެއް ނުފެނޭ. އެހެންވީމަ އެންމެވެސް އެކަމަށް ސަމާލުކުރަން ދޭން ޖެހޭ،" އާނޯލްޑް ބުންޏެވެ.

މިވަރުގެ ހިތްގައިމު ރިސޯޓެއް ނެތް!

ސަން އައިލެންޑްގައި ޗުއްޓީ ހޭދަކޮށްލުމަށްފަހު ކޮންމެ ފަހަރަކު އޭނާ ފުރައިގެން ދަނީ ހިތާ ދެކޮޅަށެވެ.

"މިރަށުން ލޯންޗުން މާމިގިއްޔަށް ގޮސް ފްލައިޓުން ނައްޓާލާއިރު ރިސޯޓު ފެނުމުން ލޮލުން ކަރުނަ އާދޭ. ހިތަށް އަރަނީ ދެން އެންމެ އަވަހަށް އާދެވޭނީ ކޮންއިރަކުންތޯ. ކޮންމެ ފަހަރަކު ވެސް އެހެން ހިތަށް އަރާ،" މޫނުމަތީގެ އައިބުތައް ފިލުވުމަށް ހާއްސަ ޑޮކްޓަރު ބުންޏެވެ.

ސަން އައިލެންޑް ރިސޯޓުގައި ޓޫރިސްޓުންތަކެއް މަޑިތަކަށް ކާންދޭތަން ބަލާލުމަށް ޓޫރިސްޓުންތަކެއް މޫދުކައިރީގައި މަޑުކޮށްލައިގެން-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސަން އައިލެންޑް ރިސޯޓުގައި ޓޫރިސްޓުންތަކެއް މަޑިތަކަށް ކާންދޭތަން ބަލާލުމަށް ޓޫރިސްޓުންތަކެއް މޫދުކައިރީގައި މަޑުކޮށްލައިގެން-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިރަށުން މި ފެންނަ ހިތްގައިމު ބަގީޗާތަކާއި ގޮނޑުދޮށާއި ކަނޑުއަޑީގެ މަންޒަރުތައް މިހާރު ވަނީ އޭނާގެ ހަނދާނުގައި ބިންވަޅު ނެގިފަ އެވެ. އެހެންވެ މިރަށާ މެދު އޮތް ލޯބި ދުވަހަކު ވެސް ވަކިވެގެންނުދާނެ އެވެ.

"މިހާ ހިތްގައިމު ރިސޯޓެއް ރާއްޖެއިން ނުފެންނާނެ. މި ރަށުން އަޅުގަނޑުމެންނަށް އަދާކުރާ މެހުމާންދާރީ އާއި މިރަށުން މިފެންނަ ހިތްގައިމު ރީތި ގަސްތަކާއި ގޮނޑުދޮށަކީ ވަރަށް މަދުން ނޫނީ ނުފެންނާނެ މަންޒަރެއް. ރާއްޖޭގެ ކޮންމެ ރަށަކީ ވެސް ތަފާތު ރަށެއް. ނަމަވެސް މިހާ ހިތްގައިމު ރިސޯޓެއް އަޅުގަނޑު ނުދެކެން،" އޭނާ ބުންޏެވެ.

އާނޯލްޑް ބުނީ ސަން އައިލެންޑަކީ މިހާރު އޭނާގެ އަމިއްލަ ގެދޮރު ކަހަލަ ތަނެއް ކަމަށެވެ. އަދި އެ ރަށާ ދުވަހަކު ދުވަހު ވެސް ވަކި ނުވެވޭނެ ކަމަށް އޭނާ ބުންޏެވެ.

"މިދިޔަ ތިން އަހަރު ވެސް އަޅުގަނޑުމެން މިރަށަށް އައީ އެންމެ ހައި ސީޒަންގައި. އަންނަ އަހަރު ވެސް އަޅުގަނޑު އަންނާނަން. މިތަނުގައި މިހާރު އުޅޭ ގިނަ ވެރިންނާ ވަރަށް ގާތްވާނެ. މިހާރު އަޅުގަނޑު މިތަނަށް އަންނަނީ އަމިއްލައަށް ބުކިން ހަދައިގެން،" އާނޯލްޑް ބުންޏެވެ.

އޭނާ މިހާރު އެވަނީ މި ރަށާ މެދު ހާއްސަ ލޯތްބެއް އުފެދިފަ އެވެ. އާނޯލްޑް ފަދަ އެތައް ލޯޔަލް އެތަކެއް ގެސްޓުންނެއް ތަކުރާރުކޮށް މި ރަށަށް ޗުއްޓީ ހޭދަކޮށްލަން އާދެ އެވެ. އޭގެ ތެރެއިން އާނޯލްޑްއަކީ ހާއްސަ މެހުމާނެއްގެ ގޮތުގައި މި ރިސޯޓުގެ މެނޭޖްމަންޓުން ވެސް ދެކެ އެވެ.