Roadha Mihaaru
ވިލާގެ މުވައްޒަފުންގެ މުސާރަ ކުޑަކުރަން ނިންމައިފި

ކޮވިޑް-19: ވިލާގެ މުވައްޒަފުންގެ މުސާރަ ކުޑަކުރަން ނިންމައިފި

11 މާޗް 2020

ކޮވިޑް-19 ގެ ނުރައްކަލާ ގުޅިގެން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު މަދުވަމުންދާތީ، ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީގެ މުވައްޒަފުންގެ މުސާރަ އަންނަ މަހުން ފެށިގެން ކުޑަކުރަން ނިންމައިފި އެވެ.

ކޮވިޑް-19 ގެ ނުރައްކަލާ ގުޅިގެން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު މަދުވަމުންދާތީ، ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީގެ މުވައްޒަފުންގެ މުސާރަ އަންނަ މަހުން ފެށިގެން ކުޑަކުރަން ނިންމައިފި އެވެ.

ވިލާގެ ޗެއާމަން ގާސިމް އިބްރާހީމްގެ ދަރިކަލުން އަދި އަދި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ސިޔާދު ގާސިމް ސޮއިކުރައްވައި އިއްޔެ ނެރުއްވި ސާކިއުލާއެއްގައި ވާ ގޮތުން، މުސާރަ ދަށް ކުރަނީ އެކި ގިންތިތަކަށް ބަހާލައިގެންނެވެ. އަދި އެކަން އެގޮތަށް ނިންމީ ކުންފުނީގެ ބޯޑުން ކަމަށް ސިޔާދު ވިދާޅުވި އެވެ.

ވިލާގެ މުވައްޒަފުންގެ މުސާރަ ކުޑަކުރާ މިންވަރު:

1- މުސާރައިގެ 4،999ރ. އިން ދަށުގެ ބައިން - 10 ޕަސެންޓު

2- މުސާރައިގެ 5،000ރ. އިން 9،999ރ. ގެ ބައިން - 20 ޕަސެންޓު

3- މުސާރައިގެ 10،000ރ. އިން 49،999ރ. ގެ ބައިން - 35 ޕަސެންޓު

4- މުސާރައިގެ 50،000ރ. އިން މަތީގެ ބައިން - 50 ޕަސެންޓު

ވިލާ އިން ބުނީ، މުވައްޒަފުންގެ މުސާރަ ކުޑަކުރަން ނިންމީ އެ މީހުން ވަޒީފާ އިން ކަނޑާލައިފި ނަމަ އެ މީހުންނަށް ލިބޭ ގެއްލުން މާ ބޮޑުވާނެތީ އާއި މުސާރަ އަށް ކުރާ ޚަރަދު މި ވަގުތަށް ކުޑަނުކޮށްފި ނަމަ އެ ކުންފުނި ހިންގޭނެ އެއްވެސް ގޮތެއް ނެތުމުން ކަމަށެވެ. އެކަމަކު، ހާލަތު ބަދަލުވަމުން އަންނަ ވަރަކުން މުސާރަ އަށް ވެސް ބަދަލު ގެންނާނެ ކަމަށް ވިލާ އިން ބުނެ އެވެ.

"ލިބޭ މުސާރަ މަދުވުމަކީ ކޮންމެ މީހަކަށް ވެސް ދަތިވާނެ ކަމަކަށް ވާތީ އެ ކަމަށްޓަކައި ހުރިހާ މުވައްޒަފުންގެ ކިބައިން މާފަށް އެދެމެވެ. މިފަދަ ކޮންމެ ފިޔަވަޅެއް ވެސް މި ކުންފުނިން އަޅަނީ އެންމެ ފަހު ކަމެއްގެ ގޮތުގައި އެހެން އެއްވެސް ގޮތެއް ނެތިގެންނެވެ،" ފަސް ރިސޯޓު ހިންގާ ވިލާ ކުންފުނީގެ ސާކިއުލާގައި ވެ އެވެ.

ވިލާގެ ބައެއް މުވައްޒަފުން.

ވިލާގެ ބައެއް މުވައްޒަފުން.

ވިލާ ޝިޕިން އިން ބުނީ، އެ ކުންފުންޏަށް ފައިސާ ލިބެނީ އެ ތަނުން ހިންގާ ރިސޯޓުތަކަށް ލިބޭ އާމްދަނީން ކަމަށް ވާއިރު، މި ދުވަސްވަރު އަންނަ ގެސްޓުން މަދުވެ، އާމްދަނީ ވެސް ދަށްވަމުންދާ ކަމަށެވެ. އެހެންވެ، ކުންފުނި ދެމެހެއްޓުމަށްޓަކައި ޚަރަދު ކުޑަކުރުމުގެ ފިޔަވަޅު އަޅަން ޖެހުނީ ކަމަށް ވިލާ އިން ބުނެ އެވެ.

ވިލާ އިން ހިންގަނީ ސަން އައިލެންޑު ރިސޯޓާއި ހޮލިޑޭ އައިލެންޑް ރިސޯޓާއި ޕެރެޑައިސް އާއި ރޯޔަލް އައިލެންޑް އަދި ފަން އައިލެންޑް ރިސޯޓެވެ.

ރާއްޖެ އިން ވެސް ކޮވިޑް ބަލި ޖެހިފައިވާ އަށް މީހަކު ވަނީ މިއަދުގެ ނިޔަލަށް ފެނިފަ އެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ. އެއީ ކުރެއްދޫ އައިލެންޑް ރިސޯޓުން ހަތަރެއް، ބަތަލާ އައިލެންޑް ރިސޯޓުން ދޭއް އަދި ކުރަމަތި އައިލެންޑް ރިސޯޓުން ދެ މީހުންނެވެ. އެ އަށް މީހުންގެ ތެރެއިން ގެސްޓުންނާއި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ އަދަދެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.