Roadha Mihaaru
ގާސިމްގެ ރިސޯޓުތަކަށް ރާ އެތެރެނުކުރެވޭ ގޮތް ހަދައިފި

ވިލާގެ ރިސޯޓުތަކަށް ރާ އެތެރެކުރުމުގެ ހުއްދަ އަނެއްކާ ވެސް ހިފަހައްޓައިފި

07 ފެބުރުއަރީ 2018

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ރިސޯޓުތަކަށް ބަނގުރާ އެތެރެކުރަން ސަރުކާރުން ވަގުތީ ގޮތުން ދިން މުއްދަތު ހަމަވެ، އެ ރިސޯޓުތަކަށް ރާ އެތެރެ ނުކުރެވޭ ގޮތަށް އަނެއްކާ ވެސް ހުއްދަ ހިފަހައްޓައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ރިސޯޓުތަކަށް ބަނގުރާ އެތެރެކުރަން ސަރުކާރުން ވަގުތީ ގޮތުން ދިން މުއްދަތު ހަމަވެ، އެ ރިސޯޓުތަކަށް ރާ އެތެރެ ނުކުރެވޭ ގޮތަށް އަނެއްކާ ވެސް ހުއްދަ ހިފަހައްޓައިފި އެވެ.

ސަރުކާރުން ދިން ވަގުތީ ހުއްދައިގެ ދަށުން، އޫރު މަހާއި ބަނގުރާ އެތެރެކުރެވުނީ ހަމައެކަނި ރޯޔަލް އައިލެންޑް ރިސޯޓަށެވެ. ވިލާގެ އަނެއް ހަތަރު ރިސޯޓަށް އެ ތަކެތި އެތެރެ ނުކުރެވެ އެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އިބްރާހިމް ޝަރީފް "މިހާރު" އަށް މިއަދު ވިދާޅުވީ ރޯޔަލް އައިލެންޑް ރިސޯޓަށް ރާ އެތެރެކުރެވޭ ގޮތަށް ސަރުކާރުން ދިން ހުއްދަ އިއްޔެ ހަމަވެފައިވާ ކަމަށެވެ.

އެހެންކަމުން މޯލްޑިވް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން ވިލާގެ ރިސޯޓުތަކަށް އެ ތަކެތި އެތެރެކުރުމުގެ ހުއްދަތައް ހިފަހައްޓާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ވިލާ އިން ބުނީ ހުއްދަ ހިފެހެއްޓުމުގެ ސަބަބުން، ރޯޔަލްގެ އިތުރުން ޕެރެޑައިސް އައިލެންޑް ރިސޯޓާއި ސަން އައިލެންޑް ރިސޯޓާއި ފަން އައިލެންޑާއި ހޮލިޑޭ އައިލެންޑް ރިސޯޓަށް ރާ އެތެރެ ނުކުރެވޭ ކަމަށެވެ. އަދި މިކަމާ ގުޅިގެން ދެން އަމަލުކުރާނެ ގޮތަކާ މެދު ވަކީލުންނާ އެކު މަޝްވަރާ ކުރާ ކަމަށް ވިލާ އިން ބުންޏެވެ.

ވިލާ ގްރޫޕްގެ ޗެއާމަން ކަން ވެސް ކުރައްވައި، ގާސިމްގެ ހަތަރު ރިސޯޓުން ބަނގުރާގެ ބައެއް ބާވަތްތައް ވަނީ ހުސްވެފަ އެވެ. އަދި ބަނގުރާ ހުސްވަމުންދާތީ ޓޫރިސްޓުން ކަންބޮޑުވެފައިވާ ކަމަށް ވިލާ އިން ބުންޏެވެ.

ވިލާ އިން ދައުލަތަށް ދައްކަން ޖެހޭ 2.9 ބިލިއަން ރުފިޔާ ނުދައްކައިގެން ކަމަށް ބުނެ، ގާސިމްގެ ރިސޯޓުތަކަށް ދީފައިވާ އޫރުމަހާއި ރާ ވިއްކުމުގެ ހުއްދަ ސަރުކާރުން ހިފެހެއްޓީ މިދިޔަ މަހު އެވެ. ސަރުކާރުން ހުއްދަ ހިފެހެއްޓުމަށް ފަހު، ޓޫރިޒަމް އިންޑަސްޓްރީގެ ޕްރެޝަރާ ހެދި، ރަލާއި އޫރުމަސް އެތެރެކުރަން ސަރުކާރުން ވިލާ އަށް ދިން 14 ދުވަހުގެ ލައިސަންސެއް ދިނެވެ.

ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީން ދައުލަތަށް ދައްކަން ޖެހޭ ފައިސާ އިން ބައެއް ދައްކައި ވަނީ ހަލާސްކޮށްފަ އެވެ. އެކަމަކު، ޓޫރިޒަމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ވިލާ އިން ދައުލަތަށް ދައްކަންޖެހޭ ފައިސާ ދައްކާނެ ކަމުގެ އުންމީދުގައި، އެ ކުންފުނީގެ ރިސޯޓްތަކަށް، ރާ ވިއްކުމުގެ ވަގުތީ ލައިސަންސެއް ދީފައި ވިޔަސް، އެ ފައިސާ ދެއްކުމުގައި ވިލާ އިން އެއްބާރުލުން ނުދޭ ކަމަށެވެ.

އެ ކުންފުނީގައި ރަނގަޅު ނިޔަތެއް ނެތް ކަން ހާމަވާތީ ކުރިމަގުގައި އިތުރު ލުއިތަކެއް ނުދޭނެ ކަމަށާއި ރާ ވިއްކަން ދީފައިވާ ވަގުތީ ހުއްދައިގެ މުއްދަތު ހަމަވުމުން އިތުރު މުއްދަތެއް ނުދޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ. އެކަމާ ގުޅިގެން ވިލާގެ ރިސޯޓުތަކުން ދެމުން އަންނަ ހިދުމަތްތައް ހުއްޓުމަކަށް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.