Roadha Mihaaru
އެންމެ ބޮޑު ރިސޯޓު ހިންގަން އާދަޔާޙިލާފު ހިތްވަރެއް

އެންމެ ބޮޑު ރިސޯޓު ހިންގަން އާދަޔާޙިލާފު ހިތްވަރެއް

15 މެއި 2017

މި ރަށުގައި ރާއްޖޭގައި އެވްރެޖް ރަށެއްގައި ދިރިއުޅޭ އަދަދަށް މީހުން އުޅެ އެވެ. ސައިޒްގެ ގޮތުން ބަލާއިރު ވެސް އެހެން ރަށްރަށަށް ވުރެ ކުޑައެއް ނޫނެވެ. ހުރި ގެތަކުގެ އަދަދު ވެސް މަދެއް ނޫނެވެ. މި ދައްކަނީ 462 ކޮޓަރީގެ ބޮޑު ރިސޯޓެއްގެ ވާހަކަ އެވެ. މިއީ މީގެ 19 އަހަރު ކުރިން ހުޅުވި ރާއްޖޭގެ އެންމެ ބޮޑު ރިސޯޓު ސަން އައިލެންޑެވެ.

އަބްދުﷲ ޖަމީލު ސަން އައިލެންޑް ރިސޯޓުން އަބްދުﷲ ޖަމީލު

މި ރަށުގައި ރާއްޖޭގައި އެވްރެޖް ރަށެއްގައި ދިރިއުޅޭ އަދަދަށް މީހުން އުޅެ އެވެ. ސައިޒްގެ ގޮތުން ބަލާއިރު ވެސް އެހެން ރަށްރަށަށް ވުރެ ކުޑައެއް ނޫނެވެ. ހުރި ގެތަކުގެ އަދަދު ވެސް މަދެއް ނޫނެވެ. މި ދައްކަނީ 462 ކޮޓަރީގެ ބޮޑު ރިސޯޓެއްގެ ވާހަކަ އެވެ. މިއީ މީގެ 19 އަހަރު ކުރިން ހުޅުވި ރާއްޖޭގެ އެންމެ ބޮޑު ރިސޯޓު ސަން އައިލެންޑެވެ.

މި ރިސޯޓަކީ ރާއްޖޭގެ އެވްރެޖް ރިސޯޓްތަކަށް ވުރެ އެތައް ގުނައެއް ބޮޑު ރިސޯޓެކެވެ. ހާހެއްހާ ގެސްޓުންނަށް އެއްފަހަރާ ހިދުމަތް ދިނުމަކީ މި ރިސޯޓުގައި ކުޑަ ކަމެއް ނޫނެވެ. އެކަމަށް ކުރަން ޖެހޭ މަސައްކަތްތައް ވަރަށް ބައިވަރެވެ. އެހާމެ ގިނަ މުވައްޒަފުން ބޭނުންވެ އެވެ. އެ ހުރިހާ ޓޫރިސްޓުންނަށް ހިދުމަތް ދިނުމަށް ޓަކައި 900އެއްހާ މުވައްޒަފުން ހަރަކާތްތެރިވެ އެވެ. މިއީ އާދައިގެ ސައިޒުގެ ގާތްގަނޑަކަށް ހަތަރު ރިސޯޓެވެ. އެކަމަކު ވެސް އެއް ފަހަރާ އެހާ ގިނަ ޓޫރިސްޓުންނަށް ހިދުމަތް ދިނުމަކީ އެހާ ބޮޑު ކަމެއް ކަމަށް މި ރަށުގެ މުވައްޒަފުން ނުދެކެ އެވެ. އެ މީހުން މަސައްކަތްކުރަނީ އެހާމެ ޖޯޝާއި ފޯރީގަ އެވެ.

ސަން އައިލެންޑް ރިސޯޓުގެ މުވައްޒަފަކު، ރެސްޓޯރަންޓް ބޭރުގައި ދެ ޓޫރިސްޓަކަށް ހިދުމަތް ދެނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސަން އައިލެންޑް ރިސޯޓުގެ މުވައްޒަފަކު، ރެސްޓޯރަންޓް ބޭރުގައި ދެ ޓޫރިސްޓަކަށް ހިދުމަތް ދެނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސަން އައިލެންޑް ރިސޯޓަކީ ރާއްޖޭގައި ރިސޯޓެއް ހިންގަން އެންމެ ބޮޑު އޮޕަރޭޝަނެއް ހިންގާ ރިސޯޓަށް ވާނެ ކަމާމެދު ޝައްކެތް ނެތެވެ. މި ރަށުގައި ކަރަންޓް އުފެއްދުމަށް އެކަނި ވެސް ދުވާލަކު 50 ފީފާގެ ތެޔޮ ބޭނުންވެ އެވެ. އޭގެ އިތުރުން ގެސްޓުންނަށް ހިދުމަތް ދިނުމަށް ދުވާލަކު ގާތްގަނޑަކަށް 60،000 ޑޮލަރު (925،200ރ.) ހަރަދުވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. މިއީ އަހަރަކު ގާތްގަނޑަކަށް 45،000 ގެސްޓުންނަށް ހިދުމަތްދޭ، ރާއްޖޭގައި އޮތް އެންމެ ބޮޑު ރިސޯޓެވެ.

ހާހެއްހާ ގެސްޓުންނަށް ކާންދިނުން

މި ރަށުގައި ގެސްޓުންގެ ކެއިންބުއިމުގެ ކަންތައްތައް ހަމަޖެއްސުމަށް އަށް ރެސްޓޯރަންޓް ހުރެ އެވެ. އޭގެ ތެރެއިން މެއިން ރެސްޓޯރަންޓަކީ މިހާރު ވެސް ރާއްޖޭގައި ހުރި އެންމެ ބޮޑު ރެސްޓޯރަންޓެވެ. އެތަނުގައި އެއްފަހަރާ 1،000 މީހުންނަށް ހިދުމަތް ދެވޭނެ ޖާގަ އެބަހުއްޓެވެ. މީގެ އިތުރުން އެ ރެސްޓޯރަންޓާ ގުޅިފައިވާ ބަދިގެ އާއި ސްޓޯރު ބެލެހެއްޓުމަކީ ވެސް ކުޑަ ކަމެއް ނޫނެވެ.

ރެސްޓޯރަންޓްގައި ތިން ވަގުތު ކެއިން ބުއިމުގެ ހިދުމަތް ދިނުމަށް ބޭނުންވާ ސާމާނު ސްޓޯރުގައި މަދުނުވާ އަދަދަށް ގެނެސް ރައްކާކޮށްފައި ހުރެ އެވެ. ފިނިކުރި މަހާއި ތަރުކާރީ އާއި މޭވާގެ ބާވަތްތައް ވެސް ވަކި ވަކިން ބަލަހައްޓަނީ އެހާމެ ފަރުވާތެރިކާއެކު އެވެ. އެއިން އެއްވެސް އެއްޗެއް ހުންނަން ޖެހޭ ޓެމްޕަރޭޗަރަށް ވުރެ ދަށްނުވާނެ ގޮތަށެވެ.

ސަން އައިލެންޑް ރިސޯޓުގެ ކޯލްޑް ސްޓޯރޭޖުން ފިނިކޮށްފައި ހުރި މަސްތަކެއް ނެރެގެން ގެންދަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު

ސަން އައިލެންޑް ރިސޯޓުގެ ކޯލްޑް ސްޓޯރޭޖުން ފިނިކޮށްފައި ހުރި މަސްތަކެއް ނެރެގެން ގެންދަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު

މި ބިޔަ ރަށުގެ އޮޕަރޭޝަން އެންމެ ރަނގަޅަށް ވިދާޅުވެދެއްވީ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ޑރ. އަބްދުﷲ މައުސޫމެވެ.

"މިހާރު"ގެ ނޫސްވެރިންނަށް އެ ރިސޯޓުގެ މަސައްކަތްތައް ހިނގާ ނުހިނގާ ގޮތް ދައްކަވާލައްވަމުން އެންމެ ފުރަތަމަ ވެސް މައުސޫމް އަޅުގަނޑުމެންނާ އެކު ވަޑައިގެންނެވީ މި ރިސޯޓުގެ މެއިން ސްޓޯރަށެވެ. އޭރު އެއްބަޔަކު ދިޔައީ މާލެއިން ގެނައި ބައެއް ތަކެތި ކޯލްޑް ސްޓޯރޭޖްގައި ރައްކާކުރަމުންނެވެ. އަދި އެހެން ބަޔަކު ދިޔައީ މެންދުރަށް ކައްކަން ބޭނުންވާ ތަކެތި ރެސްޓޯރަންޓްތަކަށް ގެންދިއުމުގެ މަސައްކަތްކުރަމުންނެވެ. މިތަނުގައި ހުންނަ ކޯލްޑް ސްޓޯރޭޖުގައި އަށް ޓަނުގެ މަސް ރައްކާކުރެވެ އެވެ.

"މި ރިސޯޓަށް ބޭނުންވާ ހުރިހާ ކާބޯތަކެތި މަދުވެގެން ހަފުތާއަކު އެއްފަހަރު ގެންނަން ޖެހޭ. މިއީ ވަރަށް ބޮޑު މަސައްކަތެއް. އެކަމަކު ދުވަހަކު ވެސް މި މަސައްކަތް މެދުކެނޑިފައެއް ނެތް،" އެތަނުގައި ހުންނަވައިގެން މައުސޫމް ވިދާޅުވި އެވެ.

ސަން އައިލެންޑްގެ ބަދިގޭގައި ޝެފަކު ކާތަކެތި ތައްޔާރުކުރަނީ: މިތަނުގައި 1،000 މީހުންނަށް އެއްފަހަރާ ހިދުމަތް ދެވޭ ރެސްޓޯރަންޓެއް ހުރޭ. ފޮޓޯ: ނިޝާން އަލީ /މިހާރު

ސަން އައިލެންޑްގެ ބަދިގޭގައި ޝެފަކު ކާތަކެތި ތައްޔާރުކުރަނީ: މިތަނުގައި 1،000 މީހުންނަށް އެއްފަހަރާ ހިދުމަތް ދެވޭ ރެސްޓޯރަންޓެއް ހުރޭ. ފޮޓޯ: ނިޝާން އަލީ /މިހާރު

މި ރަށަށް ބޭނުންވާ ބައެއް ތަކެތި މަދުވެގެން ހަފުތާއަކު އެއްފަހަރު ގެންނަން ޖެހެ އެވެ. ރިސޯޓުގެ އޮކިއުޕަންސީ އިތުރުވާ މިންވަރަށް ބަލާފައި ބައެއް ފަހަރު ހަފުތާއަކު ދެ ފަހަރު ވެސް މާލެއިން މުދާ ގެންނަން ޖެހެ އެވެ.

"މި ރަށަށް ބޭނުންވާ ކާބޯތަކެތި ގެނެސް ރައްކާކުރަން ޖެހުމަކީ ކުޑަ ކަމެއް ނޫން. ކޮންމެ ދުވަހަކު އެހާމެ ގިނަ އަދަދެއްގެ ކަނޑުމަހާއި އެއްގަމު މަހާއި ތަރުކާރީ މި ރަށަށް ބޭނުންވޭ،" އޭނާ ވިދާޅުވި އެވެ.

މި ބޮޑު ރިސޯޓަށް ބޭނުންވާ ކާބޯތަކެއްޗާއި އެނޫން ވެސް ތަކެތި ސަޕްލައިކުރަނީ ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީގެ ދަށުން ހިންގާ ވިލާ ސަޕްލައި ޑިޕާޓްމަންޓުންނެވެ.

ހާހެއްހާ ޓޫރިސްޓުންގެ ނިދާ ކޮޓަރިތައް ބެލެހެއްޓުން

ޓޫރިޒަމްގެ ހައި ސީޒަންގައި މި ރަށުގައި އެއްފަހަރާ ހާހެއްހާ ޓޫރިސްޓުން ނިދާ ރޭތައް މަދެއް ނުވާނެ އެވެ. ކޮންމެ ދުވަހަކު ހުރިހާ ކޮޓަރިއެއް ސާފުކޮށް، ތަންމަތި ބަދަލުކޮށް ހެދުމަކީ ކުރަން ޖެހޭ ކަމެކެވެ. އޭގެ އިތުރުން އެތަންތަން މަރާމާތުކުރުމާއި އެނޫން ވެސް ހުރިހާ މަސައްކަތެއް ކުރަނީ ހައުސްކީޕިން ޑިޕާޓްމަންޓުންނެވެ. އެކަމުގައި އެންމެ އިސްކޮށް ހުންނެވީ މުހައްމަދު ނަދީމެވެ.

އެ ޑިޕާޓްމަންޓްގެ މަސައްކަތް ކޮންމެ ދުވަހަކު ފެށެނީ ހެނދުނު 7:30ގައި އޮންނަ ބްރީފިންއަށް ފަހު އެވެ. އެ ބްރީފިންގައި އެ ދުވަހު ރޫމްތަކުގައި ކުރަން ޖެހޭ މަސައްކަތް ކިޔައިދެ އެވެ.

"މިހާ އުނދަގޫ ޑިޕާޓްމަންޓެއް ނޯންނާނެ މި ރިސޯޓުގައި. ކޮންމެ ދުވަހަކު ރަށުގެ ހުރިހާ ރޫމްތަކެއް ސާފުކޮށް، މަރާމާތުކުރަން ޖެހޭ ތަންތަން މަރާމާތުކުރުމުގެ މަސައްކަތްކުރަން ޖެހޭނެ. ކޮންމެ ރޫމެއް ވެސް ހުންނަން ޖެހޭ ގެސްޓަކު އަންނަންވާއިރަށް ރެޑީގައި،" އެގްޒެކެޓިވް ހައުސްކީޕަރު ނަދީމް ވިދާޅުވި އެވެ.

ސަން އައިލެންޑްގައި ހަދާފައި މޫދު ކޮޓަރިތަކެއް: މިއީ ރާއްޖޭގައި އެންމެ ފުރަތަމަ ހެދި ވޯޓާ ވިލާތައް. ފޮޓޯ: ނިޝާން އަލީ /މިހާރު

ސަން އައިލެންޑްގައި ހަދާފައި މޫދު ކޮޓަރިތަކެއް: މިއީ ރާއްޖޭގައި އެންމެ ފުރަތަމަ ހެދި ވޯޓާ ވިލާތައް. ފޮޓޯ: ނިޝާން އަލީ /މިހާރު

ގެސްޓަކު ކޮޓަރިއަކަށް ޗެކިންވުމަށް ފަހު ދެން ބުނެފާނެ ކޮންމެ ކަމަކަށް ރޫމްބޯއިން ތިބެން ޖެހެނީ އަބަދުވެސް ތައްޔާރަށެވެ. ކޮންމެ ގަޑިއެއްގައި ގެސްޓަކު ކަމެއް ބޭނުންވެގެން ގުޅައިފި ނަމަ އެކަމެއް ކޮށްދޭން ޖެހެ އެވެ.

"މިތަނުގައި އާއްމުކޮށްވާ ކަމެއް ބޭރުގައި އުޅެނިކޮށް ބީޗް ސައިޑުގެ ރޫމްތަކުގެ ތަޅުލެވުމަކީ. އަޅުގަނޑުމެން ކަނޑައަޅާފައި އޮންނާނެ ގެސްޓަކު ދޮރު ހުޅުވަން ރިކްއެސްޓްކޮށްފި ނަމަ ދިހަ މިނެޓް ތެރޭގައި ހުޅުވަން،" އޭނާ ވިދާޅުވި އެވެ.

މި ބޮޑު ރިސޯޓުގައި ކޮންމެ ރޫމްބޯއިއަކު މަދުވެގެން ދިހަ ކޮޓަރި ބަލަހައްޓަން ޖެހެ އެވެ. ބައެއްފަހަރު އެއަށްވުރެ ގިނައިން ވެސް ބަލަހައްޓަން ޖެހެ އެވެ. އެކަމަކު އެއީ ކިތަންމެ ބުރަ މަސައްކަތެއް ނަމަވެސް އެކަމުގައި އެ މީހުން އުޅެނީ ފޫހިކަމެއް ނެތި އެވެ.

ރޫމްތައް ބެލެހެއްޓުމުގެ އިތުރުން ގެސްޓުންނާއި މުވައްޒަފުން ނިދާ ކޮޓަރިތަކުގެ ބެޑް ޝީޓާއި ބަލީހު އުރަ އާއި ތުވާލިތައް ދޮވެ ހެދުމަކީ ވެސް އެ ޑިޕާޓްމަންޓުގެ މަސްއޫލިއްޔަތެކެވެ. ދުވާލަކު 4،000 ކިލޯގެ ތަކެތި ދޮންނަން 25 މީހުން ހަރަކާތްތެރިވެ އެވެ.

"ރޫމްތަކުން ގެންނަ ލިނަން ރޭގަނޑު ދޮވެފައި ފަށްޖެހުމަށްފަހު ހެނދުނު ރޫމްތަކުގައި ލިބެން ހުންނާނެ. އާއްމުކޮށް ރޭގަނޑު ދޮންނަން ފަށާނީ، ފަތިހު އެހުރިހާ ކަމެއް ހުންނާނީ ނިމިފައި،" އެތަނުގެ މަސައްކަތް ހިނގާ ގޮތް ނަދީމް ވިދާޅުވެދެއްވި އެވެ.

ގެސްޓުންނަށް ހިދުމަތް ދިނުމަކީ ބުރަ އުނދަގޫ މަސައްކަތެކެވެ. އެކަމަށް ތިބެން ޖެހެނީ ތަމްރީނު ލިބިފައިވާ ހުނަރުވެރި އަދި ތައުލީމް ވެސް ލިބިފައިވާ މުވައްޒަފުންނެވެ. ނަމަވެސް އެކަމަށް ބޭނުންވާ ފެންވަރުގެ މުވައްޒަފުން ނުލިބުމަކީ އެ ޑިޕާޓްމަންޓަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އެވެ.

"އަޅުގަނޑުމެން މިދަނީ މުވައްޒަފުންނަށް ރަނގަޅު މުސާރަ އާއި އިނާޔަތްތައް ދެމުން. ނަމަވެސް ފަހަކަށް އައިސް މިތަންތަނަށް އެކަށީގެންވާ ފެންވަރުގެ މުވައްޒަފުން ހޯދުމަކީ ދަތިކަމަށްވެފައި ވަނީ،" އޭނާ ވިދާޅުވި އެވެ.

ގެސްޓުންނަށް ކިޔަނީ ހޫނު މަރުހަބާއެއް

މިފަދަ ބޮޑު ރިސޯޓަކަށް ކޮންމެ ދުވަހަކު އަންނަ ހުރިހާ ގެސްޓުންނަށް އެއްވަރަކަށް ހިދުމަތް ދިނުމަކީ ރިސޯޓުގެ އަމާޒެކެވެ. އެކަމަކު ކިތަންމެ ހެނދުނަކާ ރިސޯޓަށް ގެސްޓުން އަޔަސް ރަށުގެ މެއިން ޖެޓީން އެ މީހުންނަށް ހޫނު މަރުހަބާއެއް ކިޔަ އެވެ. ލޮބީއާ ހަމަޔަށް ގެނައުމަށްފަހު ކޮންމެ ގެސްޓަކަށް ޗެކިން ފޯމް ދޫކުރުމުގެ ކުރިން ވެޓް ޓަވަލްއަކާއެކު ވެލްކަމް ޑްރިންކެއް ދެ އެވެ.

ސަން އައިލަންޑަށް އައި ގެސްޓުންތަކަށް ހިދުމަތް ދެނީ: މި ރަށުގައި 460 އަށް ވުރެ ގިނަ އެނދު ހުރޭ. ފޮޓޯ: ނިޝާން އަލީ /މިހާރު

ސަން އައިލަންޑަށް އައި ގެސްޓުންތަކަށް ހިދުމަތް ދެނީ: މި ރަށުގައި 460 އަށް ވުރެ ގިނަ އެނދު ހުރޭ. ފޮޓޯ: ނިޝާން އަލީ /މިހާރު

ގެސްޓް ސާވިސް އެގްޒެކްޓިވް އަބްދުﷲ ފާއިޒު ވިދާޅުވީ ރަށަށް އަންނަ ކޮންމެ ގެސްޓަކަށް ޖެޓީން ބައްދަލުކޮށް މަރުހަބާ ކިޔަން އެ ވަގުތު ޑިއުޓީ ހުރި މެނޭޖަރަކު ހުންނާނެ ކަމަށެވެ.

ގެސްޓް ސާވިސްގައި ފާއިޒާ އެކު އެ ޑިޕާޓްމަންޓްގައި 77 މުވައްޒަފުން ހަރަކާތްތެރިވެ އެވެ. އެ މީހުންގެ މައިގަނޑު މަސައްކަތަކީ ގެސްޓުން ޗެކިކުރުމާއި ގެސްޓުން ފުރުވުމުގެ އިންތިޒާމް ހަމަޖެއްސުމެވެ. އޭގެ އިތުރުން ގެސްޓުންގެ ފަރާތުން އަންނަ ޝަކުވާތަކާއި ބޭނުންތަކަށް ވަގުތުން ހައްލު ހޯދައިދިނުމަކީ އެ ޑިޕާޓްމަންޓްގެ އެއް މަސައްކަތެވެ.

"އާއްމުކޮށް ދުވާލަކު 80 ވަރަކަށް ގެސްޓުން އަންނާނެ. އެ ހުރިހާ އެންމެން އެއްފަހަރާ ޗެކިން ކުރުމަކީ އެހާ ފަސޭހަ ކަމެއް ނޫން. ހަމަ އެ ވަގުތު އެ އަދަދަށް ފުރަން ވެސް ތިބެދާނެ. މިކަމުގައި އަޅުގަނޑުމެން މިގެންގުޅެނީ ވަރަށް ބޮޑަށް ތަމްރީނު ލިބިފައިވާ ހުނަރުވެރި މުވައްޒަފުންތަކެއް. އެހެންވީމަ މިކަން ކުރަން އެހާ އުނދަގޫ ކަމަކަށް ނުވަނީ،" ރިސެޕްޝަން އޭރިއާގައި ހުންނަވައިގެން އޭނާ ވިދާޅުވި އެވެ.

މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި އެއް ދުވަހަކު ކުއްލި ގޮތަކަށް އެ ރަށަށް 210 ގެސްޓުން އައި ދުވަހު ވެސް ހިދުމަތް ދިނީ އާއްމުކޮށް ހިދުމަތް ދޭ ގޮތަށެވެ. އެއް ފަހަރާ އެހާ ގިނަ އަދަދެއްގެ ގެސްޓުން އައި ނަމަވެސް އެއީ މާބޮޑު ކަމަކަށް ނުވެ އެވެ.

ސަން އައިލެންޑްގެ ފްރަންޓް ޑެސްކްގައި ގެސްޓް ސާވިސް އެގްޒެކްޓިވް އަބްދުﷲ ފާއިޒު އާއި ރިސެޕްޝަނިސްޓަކު ގެސްޓަކަށް ހިދުމަތް ދެއްވަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު

ސަން އައިލެންޑްގެ ފްރަންޓް ޑެސްކްގައި ގެސްޓް ސާވިސް އެގްޒެކްޓިވް އަބްދުﷲ ފާއިޒު އާއި ރިސެޕްޝަނިސްޓަކު ގެސްޓަކަށް ހިދުމަތް ދެއްވަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު

"އަޅުގަނޑުމެންގެ ކިބައިގައި އެބަހުރި އެއްފަހަރާ ކިތަންމެ ގިނަ މީހުން ޗެކިން ކުރަން ޖެހުނަސް އެކަންކުރުމުގެ ގާބިލްކަން. އަޅުގަނޑުމެން މިތަނުގައި މެދުނުކެނޑި މުވައްޒަފުންނަށް މިދަނީ އެކަމަށް ތަމްރީނުދެމުން،" ފާއިޒު ވިދާޅުވި އެވެ.

ގެސްޓުންނަށް ހިދުމަތް ދިނުމަށް ފާއިޒާއި އޭނާގެ ޓީމު އޮންނަނީ އަބަދުވެސް ތައްޔާރަށެވެ. އެކަމަށް 24 ގަޑިއިރު މަސައްކަތްކުރަން މުވައްޒަފުން ޑިއުޓީގައި ތިބެ އެވެ. މިއީ އާއްމުކޮށް ހުރިހާ ރިސޯޓެއްގައި ވެސް އޮންނަ އުސޫލެކެވެ. އެކަމަކު ހާހެއްހާ ޓޫރިސްޓުން ނިދާ ރިސޯޓެއްގައި މިއީ އާދައިގެ މަސައްކަތެއް ނޫނެވެ.

"މިތަނަށް ކޮންމެ ގެސްޓަކު ފުރައިގެން ދިއުމުން އެހާ ހިސާބުން ނިމުނީއެއް ނޫން. އެ މީހުންނަށް އީ މެއިލް ފޮނުވައިގެން ފީޑްބެކް ހޯދާނެ. އަދި އެއަށް ޖަވާބުދީ ރަނގަޅުކުރަން ޖެހޭ ކަންތައް ކުރާނެ،" އޭނާ ވިދާޅުވި އެވެ.

ފާއިޒުމެންގެ މަސައްކަތާ މެދު މި ރަށަށް އަންނަ ގިނަ ގެސްޓުން ތިބެނީ ވަރަށް ހިތްހަމަޖެހިފަ އެވެ. އެކަން އެނގެނީ އެ ރަށަށް ތަކުރާރުކޮށް އަންނަ ގެސްޓުންގެ އަދަދު އިތުރުވަމުން އަންނާތީ އެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން ސަން އައިލެންޑަށް މިހާރު އަންނަ ގެސްޓުންގެ ތެރެއިން 15 ޕަސެންޓަކީ ރިޕީޓަރުންނެވެ.

މި ރިސޯޓަކީ ވަކި މާކެޓަށް އަމާޒުކޮށްގެން ހިންގާ ރިސޯޓެއް ނޫނެވެ. އެހެން ކަމުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ޓޫރިސްޓުން އާދަ އެވެ. މި ރިސޯޓަށް އާއްމުކޮށް އަންނަނީ ޔޫރަޕާއި ޗައިނާއިންނެވެ. ބައެއް ދުވަސް ދުވަހު މި ރަށުގައި 30 ވަރަކަށް ގައުމުގެ ގެސްޓުން ޗުއްޓީ ހޭދަކުރެ އެވެ.

ދަތުރުފަތުރުގެ ހިދުމަތް ދިނުން

ޖެހިގެން އޮންނަ މާމިގިލީގައި ވިލާ ޝިޕިންއިން އެއާޕޯޓެއް ހެދުމުގެ ކުރިން މާލެއިން ގެސްޓުން އުފުލާފައި ވަނީ ކަނޑުމަގުންނާއި ސީޕްލޭނުންނެވެ. އޭގެ އިތުރުން ގެސްޓުން ގޮވައިގެން ޑައިވިން އަށާއި ކައިރި ރަށްތަކަށް ދަތުރުކުރުމުގެ އިންތިޒާމް ވެސް ރިސޯޓުން ހަމަޖައްސައިދެ އެވެ. މިކަންތައްތައް ކުރަނީ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު އަބްދުއް ރަޝީދު މުހައްމަދު (އަބްސީ) ގެ ބެއްލެވުމުގެ ދަށުންނެވެ.

ސަން އައިލެންޑް ރިސޯޓުގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު އަބްދުއް ރަޝީދު މުހައްމަދު (އަބްސީ) "މިހާރު"އަށް އިންޓަވިއު ދެއްވަނީ. ރިސޯޓުގެ އޮޕަރޭޝަންސްގެ އިސްކޮށް ހަރަކާތްތެރިވާ އެއް ބޭފުޅަކީ އަބްސީ. ފޮޓޯ: ނިޝާން އަލީ /މިހާރު

ސަން އައިލެންޑް ރިސޯޓުގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު އަބްދުއް ރަޝީދު މުހައްމަދު (އަބްސީ) "މިހާރު"އަށް އިންޓަވިއު ދެއްވަނީ. ރިސޯޓުގެ އޮޕަރޭޝަންސްގެ އިސްކޮށް ހަރަކާތްތެރިވާ އެއް ބޭފުޅަކީ އަބްސީ. ފޮޓޯ: ނިޝާން އަލީ /މިހާރު

"މާމިގިލީ ހުޅުވުމުގެ ކުރިން ކިތަންމެ ކަނޑުގަދަޔަސް ވިއްސާރަޔަސް ދުވާލަކު އެތައް ދަތުރެއް މާލެ އާއި ރިސޯޓާ ދެމެދު އަޅުގަނޑުމެންކޮށްފައި ހުންނާނެ. ނަމަވެސް މާމިގިލި ހުޅުވުމާއެކު އެ މަސައްކަތް މިހާރު ވަނީ އެތައް ގުނައެއް ފަސޭހަވެފައި،" އަބްސީ ވިދާޅުވި އެވެ.

މާމިގިލި އެއާޕޯޓު 2011ގައި ހުޅުވުމާއެކު ރިސޯޓަށް ކުރަން ޖެހޭ ދަތުރު ފަސް މިނެޓަށް ކުރުވި ނަމަވެސް، އާއްމުކޮށް ދުވާލަކު ފަސް ފްލައިޓުން އަންނަ ގެސްޓުން އުފުލުމަކީ ބުރަ މަސައްކަތެކެވެ. އެހެން ނަމަވެސް އަބްސީއާއެކު މަސައްކަތްކުރާ ޓީމު އޮންނަ ކޮންމެ ގަޑިއެއްގައި ފުރަން ޖެހުނަސް ތައްޔާރަށެވެ. އެކަމަށް މިހާރު ވެސް މި ރިސޯޓުގައި ހަތަރު ލޯންޗް ބޭނުންކުރެ އެވެ.

"ގެސްޓުން މާމިލިގިން ގެނައުމުގެ އިތުރުން ކޮންމެ ދުވަހަކު އެތައް ދަތުރެއް ކުރަން ޖެހޭ އެކްސްކާޝަނަށާއި ޑައިވިންއަށް ވެސް. އޭގެ އިތުރުން މުވައްޒަފުން މާމިގިއްޔަށާއި ފެންފުއްޓަށް ވެސް އުފުލަން ޖެހޭ. އަޅުގަނޑުމެންނަށް އެންމެ ބޮޑު ފަސޭހައެއް ލިބުނީ މާމިގިލި އެއާޕޯޓު ހުޅުވުމުން،" އޭނާ ވިދާޅުވި އެވެ.

ސަން އައިލެންޑް ފަދަ ބިޔަ ރިސޯޓެއްގެ ހިދުމަތްތަކަށް ބުރުލެއް އެރިޔަނުދީ ބެލެހެއްޓުމަކީ އާދައިގެ ކަމެއް ނޫނެވެ. މިއީ އެތައް ސަތޭކަ މުވައްޒަފުންގެ ބުރަ މަސައްކަތެކެވެ. އެ މީހުންގެ ދިރިއުޅުމާ ގުޅިފައި ވަނީ ވެސް މި ރިސޯޓާ އެވެ.