Roadha Mihaaru
އެންމެ ރިސޯޓަކުން ހާސް އުފާ!

އެންމެ ރިސޯޓަކުން ހާސް އުފާ!

24 އެޕްރީލް 2017

ރާއްޖޭގައި ވަރަށް ރީތި، ހިތްގައިމު، އަދި އެހާމެ އަގުބޮޑު ރިސޯޓުތައް އެބަހުއްޓެވެ. އެކަމަކު ސަން އައިލެންޑް ރިސޯޓުން ނޫނީ މިއީ ނުފެނިދާނެ މަންޒަރުތަކެކެވެ. މިއީ ގާތްގަނޑަކަށް ހުރިހާ އުފަލެއް ލިބެން އޮތް ރިސޯޓެކެވެ. އެއް ނަމެއްގައި ހިންގަމުން އަޔަސް، ތިން ހަތަރު ރަށެއްގެ ސިފަ އެބައޮތެވެ. މިއީ، އެތައް ބައިވަރު ޓޫރިސްޓުންނެއް މި ރިސޯޓަށް ތަކުރާރުކޮށް އަންނަން ޖެހޭ މައިގަނޑު އެއް ސަބަބު ވެސް މެ އެވެ.

ރާއްޖޭގައި ވަރަށް ރީތި، ހިތްގައިމު، އަދި އެހާމެ އަގުބޮޑު ރިސޯޓުތައް އެބަހުއްޓެވެ. އެކަމަކު ސަން އައިލެންޑް ރިސޯޓުން ނޫނީ މިއީ ނުފެނިދާނެ މަންޒަރުތަކެކެވެ. މިއީ ގާތްގަނޑަކަށް ހުރިހާ އުފަލެއް ލިބެން އޮތް ރިސޯޓެކެވެ. އެއް ނަމެއްގައި ހިންގަމުން އަޔަސް، ތިން ހަތަރު ރަށެއްގެ ސިފަ އެބައޮތެވެ. މިއީ، އެތައް ބައިވަރު ޓޫރިސްޓުންނެއް މި ރިސޯޓަށް ތަކުރާރުކޮށް އަންނަން ޖެހޭ މައިގަނޑު އެއް ސަބަބު ވެސް މެ އެވެ.

ރިސޯޓެއް ނޫން، ފަޅު ރަށެއް!

"މިއީ ޓޫރިސްޓުން އެންމެ ހައިރާންވާ އެއް މަންޒަރު،" ރިސޯޓުގެ ވަކި ހިސާބަކަށް ދެވުމާ އެކު ވަށައިގެން އޮތް ސަރަހައްދު ދައްކާލައްވަމުން، ޖެނެރަލް މެނޭޖަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވި އެވެ.

ސަން އައިލެންޑް ރިސޯޓްގެ ބޯކޮށް ހެދިފައިވާ ގަސްތަކުގެ ތެރޭގައި އެލުވާފައިވާ ޖޯލިތަކެއްގައި ޓޫރިސްޓު އާއިލާއެއް ހިތްއުފާ ކޮށްލަނީ. --ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު/މިހާރު

ސަން އައިލެންޑް ރިސޯޓްގެ ބޯކޮށް ހެދިފައިވާ ގަސްތަކުގެ ތެރޭގައި އެލުވާފައިވާ ޖޯލިތަކެއްގައި ޓޫރިސްޓު އާއިލާއެއް ހިތްއުފާ ކޮށްލަނީ. --ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު/މިހާރު

ހަހަމަ ހަގީގަތުގައި ވެސް އެއީ އަޖައިބެއް ކަހަލަ ހިސާބެކެވެ. ހަމަ ސީދާ ފަޅު ރަށެކޭ އެއްވެސް ތަފާތެއް ނެތެވެ. ސަން އައިލެންޑް ރިސޯޓަކީ، މި ރަށް ރިސޯޓަކަށް ހެދުމުގެ ކުރިން ވާ ބޯ، ފަޅު ރަށެކެވެ. ރަށުގައި އޭރު ހުރި ބިޔަ ގަސްތަކާއި ބިޔަ "ޖަންގަލި" މިހާރު ވެސް އެ އޮތީ އޮތް ގޮތަށެވެ. ރިސޯޓުގެ ވަކި ސަރަހައްދަކަށް އާދެވޭ އިރު، ދެން ކުރެވޭނީ ދިވެހިން ކުޑައިރު ފަޅު ރަށްރަށަށް ގޮސް އުޅުނު ހަނދާންތަކެވެ. މިއީ އާދަޔާޚިލާފު ތަޖުރިބާ އެކެވެ. އަދި މިއީ އެހެން ރިސޯޓަކުން ފެނުން ނާދިރު މަންޒަރުތަކެކެވެ. ރާއްޖެއިން ވަރަށް މަދުން ނޫނީ ނުފެންނަ ގަސްތައް އެބަހުއްޓެވެ. ކުދިކުދި ކުޅިތަކާއި ޗަކަ ބިންތައް ވެސް އެބަހުއްޓެވެ. ގަސްތަކުގެ ބުޑަށް ވެރިފައި ހުންނަ ފަތްތަކާއި މޭވާ ގަސްތަކުގެ ދޮށަށް ފައިބައިފައި ހުންނަ އެކިއެކި މޭވާތައް މިއީ، މިހާރު ރާއްޖޭގެ މީހުން އުޅޭ ރަށަކުން ވެސް ނުފެނުން ވަރަށް ގާތް މަންޒަރެކެވެ. އެތައް ހާސް ރުކެއްގެ ދޮށަށް ފައިބައިފައި ހުންނަ ކާށިތަކާއި ދުވަސްވީ މުސްކުޅި ގަސްތައް މި ރިސޯޓުން ފެނުމުން ޓޫރިސްޓުން ވަނީ "މޮޔަ" އެވެ.

ސަން އައިލެންޑް ރިސޯޓްގެ ފެހި މާހައުލުގެ ތެރެއިން. --ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު/މިހާރު

ސަން އައިލެންޑް ރިސޯޓްގެ ފެހި މާހައުލުގެ ތެރެއިން. --ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު/މިހާރު

"ހަމަ ވަރަށް އެކްސައިޓިން ކަމެއް މިއީ،" މި ރިސޯޓުގެ ވަލެއްގެ ތެރެއިން "މިހާރު"ގެ ނޫސްވެރިންނާ އެކު ބަގީއެއްގައި ދަތުރު ކުރައްވަމުން މައުސޫމް ވިދާޅުވި އެވެ.

ހަމައެކަނި އެ މަންޒަރެއް ނޫނެވެ؛ މުޅި މާހައުލު ވެސް އޮންނަނީ ފަޅު ރަށެއްގެ ގޮތުގަ އެވެ. ރާއްޖެއިން ވަރަށް ނުފެންނަ ބައެއް ދޫނިތަައް އެއްވެސް ހުރަހެއް ނެތި އުދުހޭއިރު، ކާޅާއި ކޮވެލި ގޮވާ އަޑު އިވެމުން ދެ އެވެ. އެހާ ހިމޭނެ އެވެ. އެކިއެކި ސަރަހައްދުތަކުން ދުވަނީ އެ ގަސްތަކުގެ ފަތްތަކުން ދުވާ ތާޒާ ވަހެވެ.

"ކުޑައިރުގެ ހަނދާންތައް އާވެއްޖެ،" 'މިހާރު'ގެ ފޮޓޯގެ ފޮޓޯގްރާފަރަކު ބުންޏެވެ.

ރިސޯޓުގެ ތެރޭގައި މީހަކަށް ވަރަށް އުނދަގުލުން ނޫނީ ނުވަދެވޭ ގޮތަށް އޮންނަ ވަލެއް ވެސް އޮވެ އެވެ. އެއީ ހަމަ ޖަންގައްޔެއް ކަހަލަ ތަނެކެވެ. ގަސްތައް އޮތީ ފުރި، އެއް ގަހާއި އަނެއް ގަސް މަސްހުނިވެފަ އެވެ. މައުސޫމް ވިދާޅުވި ގޮތުގައި އެއީ ހަމަ އެއްގޮތަކަށް ވެސް ސާފުކޮށް، ކޮށާ ހަދާތަނެއް ނޫނެވެ.

"އެ ގަހެއް އޭގެ ޒާތުގައި ހެދެން ދޫކޮށްލައިފައި އޮތް ސަރަހައްދެއް މިއީ،" ޒީރޯގެ ނަމުން ނަން ދީފައިވާ ސަރަހައްދުގައި ހިމެނޭ ވަލާ ބެހޭ ގޮތުން އޭނާ ވިދާޅުވި އެވެ. "ބޭނުމަކީ ހަމަ ފަޅު ރަށެއްގެ ސިފަ ގެނައުންް. މި ވަލަކީ އަޅުގަނޑު ވެސް ވަތް ވަލެއް ނޫން. ވަރަށް ހާލުން ވަދެވޭނީ ވެސް."

ރިސޯޓުގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި އޮތީ މިގޮތަށެވެ. މި ރަށް މި ގޮތަށް ބޭއްވުމުގެ މައިގަނޑު އެއް ބޭނުމަކީ، ރިސޯޓުގެ މެނޭޖްމަންޓުން ބުނާ ގޮތުގައި ފަޅު ރަށެއްގެ ސިފަ ގެނައުމެވެ. މިއީ، ޓޫރިސްޓުން ސަން އައިލެންޑް ދެކެ އެންމެ ބޮޑަށް ލޯބިވާ އެއް ސަބަބެވެ. އަނެއްކާ މިއީ، ސަން އައިލެންޑް ރިސޯޓުގެ ބާނީ، އަދި ޗެއާމަން ގާސިމް އިބްރާހިމް އެގޮތަށް ބޭނުންވެ ވަޑައިގަންނަވާތީ އެކަން ދެމިގެންދާ ސަގާފަތެވެ.

ސަން އައިލެންޑްގެ ހިތްގައިމު ސަރަހައްދެއް: ޓޫރިސްޓުންނަށް އެންމެ ކަމުދާ އެއް ސަރަހައްދަކީ މިއީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސަން އައިލެންޑްގެ ހިތްގައިމު ސަރަހައްދެއް: ޓޫރިސްޓުންނަށް އެންމެ ކަމުދާ އެއް ސަރަހައްދަކީ މިއީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ތެދެއް، އަޅުގަނޑަށް އެތަން ވަކި ރިސޯޓަކަށް ވެސް ހެދިދާނެ. ވަކި ތިން ކޮންސެޕްޓެއްގެ ގޮތަށް ތިން ރިސޯޓް މި ރަށުގައި ހިންގިދާނެ. އަޅުގަނޑު ކުރަން ޖެހޭނެ ކަމަކީ ހަމައެކަނި ތިން ނަން ބޯޑު ބަހައްޓާލުން،" ގާސިމް ވިދާޅުވި އެވެ. "އެކަމަކު އަޅުގަނޑު ރުހޭ ގޮތެއް ނޫން އެއީ. މި ރަށުގެ ތި ދެންނެވި (ފަޅުރަަށެއްގެ ސިފަ) މަސައްކަތަކީ އަޅުގަނޑުގެ ބައްޕަގެ މަސައްކަތް. މި ރަށް ރިސޯޓެއްގެ ގޮތުގައި ހެދުމުގެ ކުރިން 50 އަހަރު ވަންދެން އަޅުގަނޑުގެ ބައްޕަ ފަޅު ރަށެއްގެ ގޮތުގައި ބެލެހެއްޓެވި ރަށެއް މިއީ. އެހެންވެ، އެ ފެންނަނީ ބައްޕަ ކުރެއްވި މަސައްކަތްތައް. އަޅުގަނޑު ނޯންނާނެ އޭރު ހުރި ގަހެއް ވިޔަސް ރުކެއް ވިޔަސް ކޮންމެހެން ކަނޑަން ވެގެން ނޫނީ ކެނޑި އެންމެ ރުއް ގަހެއް ވެސް."

މައުސޫމް ވިދާޅުވި ގޮތުގައި، ރިސޯޓަށް އަންނަ ކޮންމެ ޓޫރިސްޓަކަށް ވެސް، ލިބޭނެ އެންމެ ބޮޑު އެއް އުފަލަަކީ މި "ފަޅު ސަރަހައްދެ"ވެ. މިއީ ހަގީގަތުގައި ވެސް މުޅިން އެހެން މާހައުލެކެވެ. މިއީ އެހެން ރިސޯޓެކެވެ. އެހެން ތަޖުރިބާއެކެވެ. މި ސަރަހައްދުގައި ޓޫރިސްޓުން ބައިސްކަލް ދުއްވުމާއި އަރާމުގައި ތިބެ ފޮތް ކިޔުމާއި ފިލްމް ބަލަން ތިބުމާއި، އެކަހެރިވެލައި ހިމޭން ވެލައިގެން ތިބެން މިއީ ޓޫރިސްޓުންގެ އެންމެ ރުހޭ އެއް ސަރަހައްދެވެ. އެހެން ރިސޯޓެއްގައި ނަމަ، ބީޗެއްގައި ހޭދަކޮށްލައިގެން ލިބޭ ހުރިހާ އުފާތައް މި މާހައުލުން އެބަ ލިބެ އެވެ.

ސަން އައިލެންޑްގެ މަތިން ނަގާފައިވާ ފޮޓޯއެއް -- ފޮޓޯ: މިހާރު

ސަން އައިލެންޑްގެ މަތިން ނަގާފައިވާ ފޮޓޯއެއް -- ފޮޓޯ: މިހާރު

މީހުން ދިރިއުޅޭ ރަށެއްބާ؟

"ފަޅު ރަށަކުން" ނުކުމެލައިގެން، ސަން އައިލެންޑުން ދެން ކުރެވޭނެ އެންމެ ބޮޑު އަނެއް ތަޖުރިބާއަކީ މީހުން ދިރިއުޅޭ ރަށެއްގެ ތަޖުރިބާ އެވެ. ދޮޅު ކިލޯ މީޓަރުގެ ދިގު، ބޮޑު ރަށަކަށް ވާތީ، މި ރަށުގައި ހެޔޮވަރުގެ ރިސޯޓެއް ހިންގާފައި ފަޅު ރަށެއްގެ ގޮތަށް ބޮޑު ސަރަހައްދެއް ހުސްކުރި އިރު މުވައްޒަފުންނަށް ވެސް ބޮޑު ސަރަހައްދެއް އޮވެ އެވެ.

"ބޮޑު ރަށެއް ވީމަ، މި އޮޕަރޭޝަން ހިންގަން ވަރަށް ބައިވަރު މީހުން ވެސް އެބަ ބޭނުންވޭ،" މައުސޫމް ވިދާޅުވި އެވެ. "އެ ހުރިހާ މުވައްޒަފުންނަށް މި ރިސޯޓުގައި ވަރަށް ގިނަ އިންތިޒާމްތައް އޮންނާނީ ހަމަޖެހިފައި."

ހެނދުނު ހޭލާއިރު ރިސޯޓުގެ އެކި ސަރަހައްދުތަކުން ފެންނާނީ ދިވެހި އަންހެނުން ނުކުމެ ރަށުތެރެ ކުނި ކަހާ ސާފުކުރާ ތަނެވެ. ކައިރީގައި އޮތް ފެންފުއްޓާއި މާމިގިލިން ކޮންމެ ދުވަހަކު ގާތްގަނޑަކަށް ސާޅީހަކަށް އަންހެނުން މި ރިސޯޓް ކުނި ކަހަން އާދެ އެވެ. ހެނދުނު 6 ޖަހާއިރު އެ މީހުންގެ މަސައްކަތް ފަށަ އެވެ. ޓޫރިސްޓުންނަށް މި ކަން ވެސް ވަނީ އާދައިގެ ކަމަކަށް ނޫނެވެ. އިލޮށިފަތި ހިފައިގެން ރިސޯޓުގެ ތެރޭގައި އެ މީހުން ހަރަކާތްތެރިވާއިރު އެއީ މީހުން ދިރިއުޅޭ ރަށްރަށުން ވެސް އެ މަންޒަރު ހަމަ ފެންނާނެ ގޮތެވެ. ދިވެހި އަންހެނުން ރިސޯޓުގެ ބަދިގޭގައި ރޮށި ފިހެ ކައްކާ މަންޒަރު ވެސް ފެނެ އެވެ.

ސަން އައިލެންޑްގެ ރަށުތެރެ ކުނިކެހުމުގައި ދިވެހި އަންހެނުން: ކައިރީގައި އޮތް މާމިގިއްޔާއި ފެންފުށީގެ އަންހެނުން މިކަން ގަވައިދުން ކުރޭ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސަން އައިލެންޑްގެ ރަށުތެރެ ކުނިކެހުމުގައި ދިވެހި އަންހެނުން: ކައިރީގައި އޮތް މާމިގިއްޔާއި ފެންފުށީގެ އަންހެނުން މިކަން ގަވައިދުން ކުރޭ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ގާތްގަނޑަކަށް 900 އެއްހާ މުވައްޒަފުން ރިސޯޓުގައި ވަޒީފާ އަދާކުރާއިރު، އެ މީހުންގެ އެކޮމަޑޭޝަން ހަމަޖެހިފައި އޮންނަނީ ރިސޯޓުގެ ވަކި ސަރަހައްދެއްގަ އެވެ. އެ ސަރަހައްދުގައި ވަރަށް ގިނަ އަދަދެއްގެ، ދެ ޖިންސުގެ ދިވެހިން އުޅެމުން ދާތީ، އެއީ މީހުން ދިރިއުޅޭ ރަށަކުން ފެންނަ ހުރިހާ މަންޒަރެއް ފެންނާނެ ސަރަހައްދެކެވެ. ހަމައެކަނި، މިސްކިތަށް އެކަނި އަރާލުމުން ވެސް ހީވާނީ މިއީ ކޮންމެވެސް ރަށެއްހެންނެވެ.

"މި ރިސޯޓުގައި މުވައްޒަފުންނަށް ހަމަަ ހީވާނީ ކޮންމެވެސް ރަށެއްގައި އުޅެވޭހެން. ވަޒީފާ ނިންމާލައިފައި ދެން ހަމަ ފުޓުބޯޅަ ކުޅެ އެހެން ކުޅިވަރުތައް ވެސް ކުޅެ ދެން ހަމަ ހީވާނީ ރަށެއްގައި އުޅެލެވޭހެން. އެ ސަރަހައްދަކީ ޓޫރިސްޓުން އުޅޭ ހިސާބަކަށް ނުވާތީ، އެއްވެސް ވަރަކަށް ހިޔެއް ނުވާނެ މިއީ ރިސޯޓެއްހެނެއް،" މައުސޫމް ވިދާޅުވި އެވެ.

ސަން އައިލެންޑް ރިސޯޓުގެ ބަދިގެއެއްގައި ދިވެހި ދެ އަންހެނަކު ރޮށި ދަމަނީ: އެހެން ރިސޯޓަކުން ނުފެނިދާނެ މަންޒަރެއް -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސަން އައިލެންޑް ރިސޯޓުގެ ބަދިގެއެއްގައި ދިވެހި ދެ އަންހެނަކު ރޮށި ދަމަނީ: އެހެން ރިސޯޓަކުން ނުފެނިދާނެ މަންޒަރެއް -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެކަމަކު މިއީ އަގު ބޮޑު، ސަޅި ރިސޯޓެއް

އެއް ސަރަހައްދަކުން ފަޅު ރަށެކޭ ހީވިޔަސް، އަނެއް ސަރަހައްދަކުން މީހުން އުޅޭ ހިސާބެކޭ ހީވިޔަސް، އަދި މި ރަށުގެ އެހެން ހިސާބަކުން އާދަޔާ ޚިލާފު "ފެހިކަމެއް" އިހުސާސްވިޔަސް، ރިސޯޓުގެ ޓޫރިސްޓުން އުޅޭ ހިސާބަށް ޖެހިލަމާ ހިނގާށެވެ!

މިއީ ގުދުރަތީ ރީތިކަމުގެ އަޖައިބެއް ކަހަލަ ރަށެކެވެ. ގުދުރަތީ ރީތިކަން މިއޮތީ ހުސްކޮށެވެ! މުޅި ރަށް ވަށައިގެން އޮތީ ބީޗެވެ. ރަށް ވަށައިގެން ވަރަށް ސާފު މޫދެއް އެބައޮތެވެ. ތިމާވެށީގެ ހުރިހާ އަރާމެއް އެބައޮތެވެ. ބޮޑު ސިންގާ ރަށަކަށް ވިޔަސް، ޓޫރިސްޓުންގެ ސަރަހައްދު ތަރައްގީކޮށްފައި މިއޮތީ އެންމެ ޒަމާނީ ފެންވަރަށެވެ.

ސަން އައިލެންޑްގެ ބައެއް މުވައްޒަފުން އެ ރިސޯޓުގެ ފެހި މަގަކުން ހިނގާފައި އަންނަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސަން އައިލެންޑްގެ ބައެއް މުވައްޒަފުން އެ ރިސޯޓުގެ ފެހި މަގަކުން ހިނގާފައި އަންނަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މި ރިސޯޓަކީ ރާއްޖޭގައި މި ފެންވަރަށް ތަރައްގީކޮށްގެން މީގެ 18 އަހަރު ކުރިން ހުޅުވި ފުރަތަމަ ރިސޯޓެވެ. މި ރިސޯޓް ވެގެން ދިޔައީ ރާއްޖޭގައި އޭރު މި ވަރުގެ ބޮޑު އިންވެސްޓްމެންޓެއްގެ ދަށުން ހުޅުވި ފުރަތަމަ، އަދި ރާއްޖޭގެ އެންމެ ކޮޓަރި ވެސް ގިނަ، އަދި އެންމެ ބޮޑު ރިސޯޓަށް ވެސް މެ އެވެ. ރިސޯޓުގައި 462 ކޮޓަރި ހިމެނޭއިރު ރާއްޖޭގައި އޮތް އެންމެ ބޮޑު ސްވިމިން ޕޫލް ވެސް އޮތް އެއް ރިސޯޓަކީ މި އެވެ. ރީތި ހިތްގައިމު ސަރަހައްދެއްގައި، 72 މޫދު ކޮޓަރި އަޅާފައި އެބަހުއްޓެވެ.

ރިސޯޓުގެ ބީޗް ކޮޓަރިތަކުގެ އިތުރުން ކޮޓަރިތަކަށް ނަން ކިޔައިފައި ހުރީ، އެ ސަރަހައްދަކާ ގުޅޭ ގޮތުންނެވެ. ބީޗް ބަންގްލޯ، ސުޕީރިއާ ބީޗް ބަންގްލޯ، ސަން ވިލާ، ސަން ސެޓް ވިލާ އަދި ވޯޓާ ވިލާތަކުގެ އިތުރުން މި ރިސޯޓުގައި 4 ޕްރެޒިޑެންޝަލް ސުއިޓު ހިމެނެ އެވެ. ވަރަށް ގިނަ ބައިނަލްއަގުވާމީ އެވޯޑްތައް ހޯދާފައިވާ މި ރިސޯޓުގައި ރާއްޖޭގެ އެހެން ރިސޯޓެއްގައި ނެތް ވަރުގެ ބޮޑު (1000 މީހުންގެ ޖާގައިގެ) ރެސްޓޯރަންޓެއްގެ އިތުރުން އެކި ގައުމުތަކަށް ނިސްބަތްވާ އެހެން ހަތް ރެސްޓޯރަންޓާއި ފަސް ބާ ހިމެނެ އެވެ. ޒަމާނީ ހުރިހާ ކުޅިވަރުތަކެއްގެ އިތުރުން ރާއްޖޭގައި ހިންގާ އެންމެ ފެންވަރު ރަނގަޅު އެއް ސްޕާ ވެސް ހުރީ މި ރިސޯޓުގަ އެވެ. މޫދު އަޑީގެ މަންޒަރުތައް ބަލަން ހުރިހާ އިންތިޒާމެއް އޮތް އިރު، ކައިރި ރަށްރަށުގައި ވަގުތު ހޭދަކުރަން ބޭނުންވާ ޓޫރިސްޓުންނަށް އެ ފުރުސަތު އޮތީ އެއްވެސް ހުރަހެއް ނެތި ހުޅުވާލައިފަ އެވެ.

މާލެ އިން ފުރައިގެން ވައިގެ މަގުން ވިއްސަކަށް މިނެޓުން އދ. މާމިގިލީ އެއާޕޯޓަށް ގޮސް ލޯންޗެއްގައި ފަސް ވަރަކަށް މިނެޓުންް މި ރިސޯޓަށް އާދެވެ އެވެ. މައުސޫމް ވިދާޅުވި ގޮތުގައި، އެއާޕޯޓާ ދުރަސް އެއީ އެކަކުގެ ވެސް ޝަކުވާއެއް ނޫނެވެ. އެހެންވެ، ރިޕީޓާސްގެ އަދަދު އޮތީ ހީނުކުރާހާ މަތީގަ އެވެ.

"ހަމަ ބަރާބަރަށް ކޮންމެ އަހަރަކު މި ރިސޯޓުގައި ޗުއްޓީ ހޭދަކުރާ ޓޫރިސްޓުން އެބަތިބި،" އޭނާ ވިދާޅުވި އެވެ. "މި ރިސޯޓުގެ އޮކިއުޕަންސީ ވެސް ވަރަށް ރަނގަޅު."

ސަން އައިލެންޑްގެ މޫދު ކޮޓަރިތައް ހުރި ސަރަހައްދުގައި ދެ ޓޫރިސްޓަކު ހިނގާފައި ދަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސަން އައިލެންޑްގެ މޫދު ކޮޓަރިތައް ހުރި ސަރަހައްދުގައި ދެ ޓޫރިސްޓަކު ހިނގާފައި ދަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޮފް ސީޒަންތަކުގައި މި ރިސޯޓު ދިވެހިންނަށް ވެސް ހުޅުވާލަ އެވެ. އެ މީހުންނަށް ހާއްސަ ޕެކޭޖްތަކެއް ކޮންމެ މޫސުމަކު ވެސް އިއުލާން ކުރެ އެވެ. މެނޭޖްމަންޓުން ބުނާ ގޮތުގައި ވަރަށް ގިނަ ދިވެހިން ވެސް އާއިލާއާ އެކު ޗުއްޓީ ހޭދަކޮށްލަން ސަން އައިލެންޑް ހިޔާރު ކުރެ އެވެ.

މި ރިސޯޓުގެ ޓޫރިސްޓުންގެ ހާއްސަ ސަރަހައްދަކީ ވަރަށް ބޮޑު އޮޕަރޭޝަނެއް ހިންގާ ސަރަހައްދެކެވެ. ވަރަށް ގިނަ އަދަދަކަށް ދިވެހިން ވަޒީފާ އަދާކުރާ މި ރިސޯޓުގައި މުވައްޒަފުންނަށް ޓަކައި ހިންގާ އޮޕަރޭޝަންގެ އިތުރުން ޓޫރިސްޓުންނަށް ދޭން ޖެހޭ ހިދުމަތްތަކަށް ކޮންމެ ދުވަހަކު އެތައް ބައިވަރު މުވައްޒަފުންނެއް ހަރަކާތްތެރި ވެ އެވެ. ކައިރި ރަށްރަށުގެ ރައްޔިތުންނަށް މުސާރަ ދީގެން ވަގުތީ ގޮތުން ހޯދާފައިވާ މުވައްޒަފުންގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގެ ޒުވާނުން ވެސް މި ރިސޯޓުގައި މުވައްޒަފުން ވަޒީފާ އަދާކުރެ އެވެ. މައުސޫމް ވިދާޅުވި ގޮތުގައި، މިހާ ބޮޑު ރިސޯޓެއް ދިވެހި މެނޭޖްމަންޓެއްގެ ދަށުން މި ހިންގެނީ މުވައްޒަފުންގެ ވަރަށް ބުރަ މަސައްކަތްތަކާއި، ވަރުގަދަ ޓީމް ވޯކެއްގެ ސަބަބުންނެވެ.

ސަން އައިލެންޑް ރިސޯޓަކީ، ތާރީހެއް އޮތް، ހާއްސަ ރިސޯޓެކެވެ. ހުރިހާ ގޮތަކުން ބެލިޔަސް ވަރަށް ގިނަ ހާއްސަ ކަންތައްތަކެއް މި ރިސޯޓުން ފެންނާނެ އެވެ. ރަށުގެ ފެހި ކަމާއި، ރަށުގެ ހިމޭންކަމާއި ރަށުގެ ސާފުތާހިރުކަމާއި ހިދުމަތުގެ ފެންވަރު އެއީ ޓޫރިސްޓުން ވެސް އެކަމާ ދޭތެރޭ ޝަކުވާއެއް ނެތް ކަންތަކެވެ. ބޮޑު ރަށަކަށް ވާތީ، އެކަކު އަނެކަކަށް ނުފެނި އުޅެވޭހާ މި ރިސޯޓު މިނިވަނެވެ.