Roadha Mihaaru
ޓީއެމްއޭއަށް 300 މިލިއަން ޑޮލަރުގެ ލޯނު ނުދެއްކިފައި

ޓީއެމްއޭގެ 300 މިިލިއަން ޑޮލަރުގެ ލޯނު ދައްކަން ހުރަސް އެޅިއްޖެ

20 އޯގަސްޓް 2020

ދުނިޔޭގެ ވެސް އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު ޓީއެމްއޭގެ 305 މިލިއަން ޑޮލަރު (4.7 ބިލިއަން ރުފިޔާ)ގެ ލޯނު ދެއްކުމުގައި އުނދަގޫތައް ކުރިމަތިވެފައިވާ ކަމަށް، ރޮއިޓާސް އިން ބުނެފި އެވެ.

ދުނިޔޭގެ ވެސް އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު ޓީއެމްއޭގެ 305 މިލިއަން ޑޮލަރު (4.7 ބިލިއަން ރުފިޔާ)ގެ ލޯނު ދެއްކުމުގައި އުނދަގޫތައް ކުރިމަތިވެފައިވާ ކަމަށް، ރޮއިޓާސް އިން ބުނެފި އެވެ.

ދުނިޔޭގެ މަޝްހޫރު އެއް ނިއުސް އެޖެންސީން، މައުލޫމާތު ހުރި ބައެއް ފަރާތްތަކާ ހަވާލާދީ ބުނި ގޮތުގައި، މިއީ ޓީއެމްއޭ ގަތުމަށް އެމެރިކާގެ ބެއިން ކެޕިޓަލްއިން ނެގި ލޯނެކެވެ. ލޯނު ދައްކަން ހުރަސްތައް ކުރިމަތިވީ ކޮވިޑް-19ގެ ސަބަބުން ޓޫރިޒަމް ދާއިރާ ހުއްޓި، އާމްދަނީ ލިބޭނެ މަގުތައް އެއާލައިންތަކަށް ބަންދުވުމުން ކަމަށް، ރޮއިޓާސް އިން ބުނެ އެވެ.

އިތުރު ދެ ކުންފުންޏަކާ ގުޅިގެން 2017 ގައި ބެއިން އިން ޓީއެމްއޭ ގަތީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) އަށެވެ. ޓީއެމްއޭގެ ލޯނަކީ، އެ މުއާމަލާތް ހިންގަން ނެގި ލޯނެވެ.

ލޯނުގެ ކަންކަން ހަމަޖައްސަން އިންވެސްޓަރުން މި އޮގަސްޓް މަހުގެ ނިޔަލަށް ވަގުތު ދިން ކަމަށް ވެސް، ބައެއް ފަރާތްތަކުން ރޮއިޓާސް އަށް މައުލޫމާތު ދީފައިވެ އެވެ.

މާލީ ގޮތުން ކުރިމަތިވެފައިވާ މި މައްސަލާގައި ބެއިންގެ ފަރާތުން ވެސް އަދި ޓީއެމްއޭއިން ވެސް މީޑިއާއާ ވާހަކަ ދައްކާކަށް އަދި ބޭނުމެއް ނުވެ އެވެ.

ކޮވިޑް-19އާ އެކު ޓީއެމްއޭގެ ބޯޓުތައް އޮތީ ޕާކްކޮށްފަ އެވެ. އެހެންކަމުން އާމްދަނީ ލިބޭނެ އެއްވެސް ގޮތެއް، ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ސީޕްލޭންގެ ހިދުމަތް ދެމުން އަންނަ އެއާލައިންއަށް ވެސް ނެތެވެ.

އިގުތިސާދީ ގޮތުން މި ބޮޑު ވެއްޓުން ކުރިމަތިވެފައި މި އޮތީ، ސީޕްލޭންގެ އާ ޓާމިނަލަށް ބަދަލުވުމުގެ މަސައްކަތް ވެސް ކުރަމުން ދަނިކޮށެވެ. އެމްއޭސީއެލުން ހޭދަކޮށްގެން އެންމެ ޒަމާނީ ފެންވަރަށް ހަދާފައިވާ އެ ޓާމިނަލް، ދިގު މުއްދަތަކަށް ޓީއެމްއޭއަށް ދޭން އުޅުމުން އުފެދުނު މައްސަލަތަކުގައި، ފިނޭންސް މިނިސްޓްރީން އަންގާފައި އޮތީ، މިހާރު ޓީއެމްއޭ އިން ބޭނުންކުރާ ޓާމިނަލްގެ ޖާގައާ އެއްވަރުގެ ޖާގައެއް އާ ޓާމިނަލުން، ކުރިއަށް އޮތް ދެ އަހަރަށް ދިނުމަށެވެ.

އެކަމަކު އާ ޓާމިނަލް ކުއްޔަށް ދޫކުރުމާ ބެހޭ އެއްބަސްވުމެއް އެމްއޭސީއެލުން އެއްވެސް އެއާލައިނަކާ އަދި ނުހަދަ އެވެ.