Roadha Mihaaru
ސީ ޕްލޭން ޓާމިނަލް ފުލް މޫން ރިސޯޓަށް ބަދަލުކުރަނީ

ސީ ޕްލޭން ޓާމިނަލް ފުލް މޫން ރިސޯޓަށް ބަދަލުކުރަނީ

25 މެއި 2024

މިހާރުގެ ސީޕްލޭން ޓާމިނަލް ޝެރެޓަން މޯލްޑިވްސް ފުލް މޫން ރިސޯޓަށް ބަދަލު ކުރަން ނިންމައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިހާރުގެ ސީޕްލޭން ޓާމިނަލް ޝެރެޓަން މޯލްޑިވްސް ފުލް މޫން ރިސޯޓަށް ބަދަލު ކުރަން ނިންމައިފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، މިހާރުގެ ސީޕްލޭން ޓާމިނަލް ޖެޓް ޓާމިނަލަކަށް ބަދަލުކޮށް، ސީޕްލޭން އޮޕަރޭޝަން އާއި ޓާމިނަލް ފުލް މޫން ރިސޯޓަށް ބަދަލު ކުރުމަކީ އެ ކަން އެންމެ ފީޒަބަލް ވާނެ ގޮތް ކަމަށެވެ. އެކަން އެގޮތަށް ނިންމީ، އެއާޕޯޓު އިތުރަށް ތަރައްގީ ކުރުމަށް ބޭނުންވާ ޖާގަ އިތުރުކޮށް، މުޅި އޮޕަރޭޝަން ހަލުއި ކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ރަސްމީ ޖެޓް ޓާމިނަލެއް ނެތް. އެހެންވީމަ ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅުގައި، ޖެޓް ޓާމިނަލެއް އަލަށް އެ ވިޔަފާރި ރަސްމީކޮށް އުފަންކޮށްގެން ކުރިއަށް ވަޑައިގަންނަވަން ބޭނުންފުޅުވަނީ. އެއާ އެކު އެއާޕޯޓު ކެޕޭސިޓީ ވެސް ބޯޑު ކުރަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ، ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އިންޑަސްޓްރީ ރާއްޖޭގައި އޮތް އިރު މައި އެއާޕޯޓުގެ ލޭންޑިން، ޓޭކް އޮފްގައި ބާރު ބޮޑުވުމަށް ލުއިތަކެއް ހޯދޭނީ ސީޕްލޭން ޓާމިނަލް އެހެން ތަނަކަށް ބަދަލުކޮށްގެން ކަމަށެވެ.

މިހާރު ސީޕްލޭން ޖައްސާ ސަރަހައްދު ހިއްކައިގެން، އެ ސަރަހައްދުގައި ޑޮމެސްޓިކް ޓާމިނަލްގެ ޖާގަ އިތުރު ކުރުމަށް ނިންމާވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މިހާރު ބޭނުން ކުރާ ސީޕްލޭން ޓާމިނަލްގެ ކެޕޭސިޓީ އެހުރީ ގާތްގަނޑަކަށް ފުލްވެފައި ކަމަށެވެ. އާ ސީޕްލޭން ޓާމިނަލް ހުޅުވީ 2022 ވަނަ އަހަރު އެވެ. "ނޫވިލު" ގެ ނަމުގައި ހުޅުވި އެ ޓާމިނަލުން ރާއްޖޭގެ ކަނޑުގެ ކުލަތައް ރަމްޒުކޮށްދެ އެވެ. އަދި އެތަން ހަދާފައިވަނީ، ދިވެހިވަންތަ ސިފަތަކަކާއި ޒަމާނީ ކުލަވަރު ފެންނަ ގޮތަށެވެ. އެ ޓާމިނަލަކީ 55 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ.

މިހާރު ބޭނުން ކުރާ ސީ ޕްލޭން ޓާމިނަލް ދުވާލެއްގެ މައްޗަށް ބޭނުން ކުރާ މީހުންގެ އަދަދު 4،000 އާއި 6،000 އަށް ދެމެދަށް އަރަ އެވެ. އަދި ލޯ ސީޒަންގައި ދުވާލެއްގެ މައްޗަށް 300 ފްލައިޓް ދަތުރު ކުރާ އިރު ހައި ސީޒަންގައި 600 ފްލައިޓު ދަތުރު ކުރެ އެވެ.

"ރައީސްގެ ވިސްނުންފުޅަކީ ވަރަށް ދުރަށް ވިސްނަވާފައި ތަރައްގީކުރަން. އެގޮތުން 20 އަހަރުގެ މާސްޓަޕްލޭނެއް ހައްދަވައި ގާނޫނީ ބާރުވެރިކަން ވެސް ގެންނަން ރައީސުލްޖުމްހޫރިއުްޔާ ފުރަތަމަ ފަހަރަށް އިއުލާނު ކުރެއްވި،" ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ތަރައްގީވަމުން އަންނަ ގައުމުތަކުގައި، އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުތަކަކީ ނިމޭނެ ކަންކަން ނޫން ކަމަށެވެ. އެހެންވެ، ރާއްޖެ އިތުރަށް ތަރައްގީވަމުން އަންނަ ވަރަކަށް އެއާޕޯޓުގެ ހިދުމަތްތައް އަންނާނީ ފުޅާވަމުން ކަމަށް އޭނާ ވިދާޅުވި އެވެ.