Roadha Mihaaru
އެއާޕޯޓް ޕްރޮޖެކްޓް ލަސްކުރަނީ ގަސްދުގައި: ސައީދު

އާ ސީޕްލޭން ޓާމިނަލްގެ އޮޕަރޭޝަން ނުފެށެނީ ފަރުވާކުޑަކަމުން: ސައީދު

18 ނޮވެމްބަރ 2021

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ސީޕްލޭން ޓާމިނަލާއި ވީއައިޕީ ޓާމިނަލްގެ މަސައްކަތް ނިންމާފައިވީ ނަމަވެސް އެ ދެ ތަނުގެ އޮޕަރޭޝަން ނުފެށިގެން އުޅެނީ މި ސަރުކާރުގެ ފަރުވާކުޑަކަމުން ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ސީޕްލޭން ޓާމިނަލާއި ވީއައިޕީ ޓާމިނަލްގެ މަސައްކަތް ނިންމާފައިވީ ނަމަވެސް އެ ދެ ތަނުގެ އޮޕަރޭޝަން ނުފެށިގެން އުޅެނީ މި ސަރުކާރުގެ ފަރުވާކުޑަކަމުން ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

"މިހާރު" އަށް އޭނާ ވިދާޅުވީ، އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފެށި ދެ މަޝްރޫއަކަށް ވާތީ، އެ މަސައްކަތްތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގަސްދުގައި ލަސްކުރަނީ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި، މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާާޓީ އެމްޑީޕީގެ ވިސްނުން އަދިވެސް ހުރީ އިންޑިއާގެ ޖީއެމްއާރަށް ރާއްޖޭގެ މައި އެއާޕޯޓު ދީގެން ތަރައްގީ ކުރުމަށެވެ.

"[ޔާމީންގެ] ވެރިކަން ބަދަލުވި އިރު އެއާޕޯޓުގެ ވީއައިޕީ ޓާމިނަލް އާއި ސީޕްލޭން ޓާމިނަލް އޮތީ ނިމުމަކާ ގާތްވެފައި. އެ ތަންތަން މިހާރު ނިމިފައިވާ އިރު އެ އުޅެނީ އެ ތަންތަނުގެ ހިދުމަތް ނުދެވިގެން،" އޭނާ ވިދާޅުވި އެވެ.

ސައީދު މިދާޅުވީ، މި އަހަރުގެ ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އާ ސީޕްލޭން ޓާމިނަލްގެ ހިދުމަތް ދޭނެ ގޮތަށް ކަންތައްތައް ރޭވި ނަމަ މިއަދު އާ ރަންވޭގެ ބޭނުން ވެސް ކުރެވޭނެ ކަމަށެވެ.

ޕީކް ސީޒަނާ ދިމާކޮށް އެއާޕޯޓަށް ބާރުބޮޑުވެ، ހިދުމަތް ދިނުމުގައި ބޮޑެތި ލަސްތަކެއް ކުރިމަތިވެ އެވެ.

ސީ ޕްލޭން ޓާމިނަލާއި އެންމެ ޒަމާނީ ވީއައިޕީ ޓާމިނަލްގެ މަސައްކަތް ޔާމީންގެ ސަރުކާރުން ފެށީ ވަރަށް ބޮޑު އިސްކަމެއް ދިން މަޝްރޫއުތަކުގެ ތެރޭގައި ހިމަނައިގެންނެވެ. އެހެންވެ، އެ މަސައްކަތް ސީދާ ޔާމީން ވެސް ގެންދެވީ ވަރަށް ގާތުން ބައްލަވަމުންނެވެ.

އެއާޕޯޓް ރެޕަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި މިހާރު އެންމެ ބާރު ބޮޑުވާ ދުވަސްތައް ކަމުގައިވާ ހޮނިހިރާއި އާދިއްތަ ދުވަހު ފްލައިޓްތައް ނުޖެއްސި ގަޑިއެއްހާ އިރު ވެސް ބޭރުގައި މަޑުކުރަން ޖެހެ އެވެ.

"މިއީ ހަމަ ކޮންމެ އަހަރަކު ވެސް ކަންތައް އޮންނަ ގޮތް. އެއާޕޯޓުގައި ހިދުމަތް ދޭ ސްޕީޑަކަށް ނާދޭ ބަދަލެއް،" އޭނާ ބުންޏެވެ.

ވީއައިއޭ ހިންގާ އެމްއޭސީއެލުން ކުރިން ބުނެފައި ވަނީ ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން، މަަސައްކަތްތައް ރާވަމުން އަންނަ ކަމަށެވެ. އެކަން ކުރުމަށް ކައުންޓަރުތަކުން ދޭ ހިދުމަތުގެ ސްޕީޑް އަވަސް ކުރަން ނިންމާފައިވެ އެވެ.

ވީއައިއޭގެ ތޮއްޖެހުމަށް ހައްލެއް ނުހޯދި އޮއްވައި، މީގެ އެއް އަހަރު ކުރިން އެމްއޭސީއެލަށް އައްޔަނުކުރި އާ ސީއީއޯ ވެސް މިހާރު ވަނީ މަގާމުން ވަކިކޮށްފަ އެވެ. އެހެންވެ، މި ވަގުތު އެމްއޭސީއެލްގެ ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެނީ ޑެޕިއުޓީ ޗީޕް އޮފިސަރު ތޯހާ އިބްރާހިމެވެ.