Roadha Mihaaru
ބޯޑަރު ހުޅުވާލީ އިންތިޒާމުތައް ހަމަނުޖައްސައި: ސައީދު

ބޯޑަރު އަލުން ހުޅުވާލީ އެކަށީގެންވާ އިންތިޒާމުތައް ހަމަނުޖައްސައި: ސައީދު

05 އޯގަސްޓް 2020

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވުމާ އެކު، އައި ޓޫރިސްޓުންތަކެއްގެ ޕީސީއާރު ޓެސްޓު ނުހެދިގެން ނުފުރި ރާއްޖޭގައި ތާށިވެފައިވާ މައްސަލައިގައި ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވުމާ އެކު، އައި ޓޫރިސްޓުންތަކެއްގެ ޕީސީއާރު ޓެސްޓު ނުހެދިގެން ނުފުރި ރާއްޖޭގައި ތާށިވެފައިވާ މައްސަލައިގައި ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

ރާއްޖެ އިން ކޮވިޑަށް މީހުން ޕޮޒިޓިވްވާން ފެށުމުން، ރައްކާތެރިވުމުގެ ގޮތުން އަޅަން ފިޔަވަޅުތަކުގެ ތެރޭގައި ހިމެނި މުހިއްމު އެއް ކަމަކީ ބޯޑަރު ބަންދުކުރުމެވެ. އެކަމަކު، ހަތަރު މަހެއްހާ ދުވަސް ވަންދެން ބޯޑަރު ބަންދުކޮށް، މާލެ ސަރަހައްދު ލޮކްޑައުންކޮށްގެން ތިބުމުގެ އަސަރު އެތައް ބައެއްގެ ދިރިއުޅުމަށް ކޮށްފައިވާތީ މިދިޔަ ޖުލައި 15 ގައި އަލުން ބޯޑަރު ވަނީ ހުޅުވައިލައިފަ އެވެ.

އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް ސައީދު ވިދާޅުވީ ޓޫރިސްޓުންނަށް ރާއްޖެ އަލުން ހުޅުވައިލީ އެކަށީގެންވާ އިންތިޒާމްތައް ހަމަނުޖައްސައި ކަމަށެވެ. ރާއްޖެ އިން ފުރާ ޓޫރިސްޓުންގެ ޕީސީއާރު ޓެސްޓު ހެދޭނެ ގޮތެއް ނެތް އިރު މި ހާލަތުގައި ޓޫރިޒަމް މިނިސްޓަރަކު ނެތުމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި އެވެ.

ރާއްޖެ އަންނަ ބިދޭސީން ފުރުމުގެ ކުރިން ޕީސީއާރު ޓެސްޓު ހަދަން ޖެހެ އެވެ. އެ މީހުންނަށް މި ޓެސްޓް ހެދޭ ގޮތަށް ހަމަޖައްސާފައި ވަނީ އޭޑީކޭ ހޮސްޕިޓަލުންނެވެ.

ޓެސްޓް ހެދުން ލަސްވެފައިވާ މައްސަލައިގައި ޓޫރިޒަމް ދާއިރާގެ ވެސް ކަންބޮޑުވުން އެބައޮތެވެ. އެ ޓެސްޓް ލަސްވަނީ ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، އޭޑީކޭ ހޮސްޕިޓަލްގައި ބެކްލޮގެއް އޮތުމުންނެވެ. އެޗްއީއޯސީގެ ވިސްނުމަކީ، އައިޖީއެމްއެޗާއި ޕޮލިސް ލެބުން ޓެސްޓް ހެދޭނެ ގޮތް ހަމަޖެއްސުމެވެ.

ސައީދު ވިދާޅުވީ ބޯޑަރު ހުޅުވައިލި އިރު ހާލަތު ދަނީ ގޯހުން ގޯހަށް ކަމަށެވެ. މި މައްސަލަތައް ހައްލުކުރުމުގެ ޒިންމާ އުފުއްލަވާނެ ޓޫރިޒަމް މިނިސްޓަރަކު އައްޔަން ކުރައްވަން އޭނާ ގޮވާލެއްވި އެވެ.

"ކޯލިޝަން ތެރޭގައި ގުރުއަތު ލައިގެން ނަމަވެސް ޓޫރިޒަމް މިނިސްޓަރަކު އައްޔަން ކުރައްވާ. ރާއްޖޭގެ ހާލަތު މިދަނީ ގޯހުން ގޯހަށް،" ސައީދު ވިދާޅުވި އެވެ.

ބޯޑަރު ހުޅުވައިލި އިރު ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ މަގާމުން ވަކިކޮށްފަ އެވެ. އެއީ، އޭނާ ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރާ މައްސަލައިގަ އެވެ. މިނިސްޓަރަކު އަދި އައްޔަން ނުކުރާއިރު އެ މިނިސްޓްރީ ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައި ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްއާ އެވެ.

އިމިގްރޭޝަނުން އެންމެ ފަހުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުގައިވާ ގޮތުން ބޯޑަރު އަލުން ހުޅުވުމުން މިދިޔަ މަހުގެ 15 އިން އެ މަހުގެ ނިޔަލަށް ރާއްޖެ އައީ 1،769 ޓޫރިސްޓުންނެވެ. މި އަހަރުގެ މާޗް މަހު ބޯޑަރު ބަންދު ކުރި އިރު ރާއްޖެ އައިސްފައިވަނީ ގާތްގަނޑަކަށް 400،000 ޓޫރިސްޓުންނެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމޭ އިރު ރާއްޖެއަށް 850،000 ޓޫރިސްޓުން ގެނައުމެވެ.

އިގްތިސާދީ ހާލަތުން އަރައިގަތުމުގެ މަސައްކަތް ފަށާފައިވާ އިރު ރާއްޖޭގައި ބަލީގެ ހާލަތު ދަނީ އިތުރަށް ގޯސްވަމުންނެވެ. ކޮންމެ ދުވަހަކު ވެސް ގިނަ އަދަދެއްގެ ބަޔަކު ބައްޔަށް ޕޮޒިޓިވްވަމުންދާ އިރު މި މަހު ކޮންމެ ދުވަހަކު ވެސް އެވްރެޖްކޮށް 170 މީހުން ޕޮޒިޓިވްވެ ހޮސްޕިޓަލްތަކަށް ބާރުބޮޑުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. މި ބަލީގައި ރާއްޖެ އިން މިހާތަނަށް 19 މީހަކު ވަނީ މަރުވެފަ އެވެ.