Roadha Mihaaru

މަޖިލީހުގެ ތަޅުމުން ނެރެނިކޮށް ސައީދުގެ ހެދުން ވީދި އަނިޔާވެއްޖެ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ބަޔާނަށް ހުރަސް އެޅުމުން މަޖިލީހުގެ ތަޅުމުން ނެރުމުގެ ތެރޭގައި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދުގެ ކޯޓު ވީދި އަނިޔާވެއްޖެ އެވެ.

ތަޅުމުން ނެރެނިކޮށް ސައީދުގެ ހެދުން ވީދި އަނިޔާވެއްޖެ
މޫސާ ރަޝީދު
މޫސާ ރަޝީދު

06 ފެބުރުއަރީ 2023

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ބަޔާނަށް ހުރަސް އެޅުމުން މަޖިލީހުގެ ތަޅުމުން ނެރުމުގެ ތެރޭގައި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދުގެ ކޯޓު ވީދި އަނިޔާވެއްޖެ އެވެ.

ރައީސް ރިޔާސީ ބަޔާން އިއްވަން ފެއްޓެވުމާ އެކު އިދިކޮޅު މެންބަރުން ވަނީ އެ މަނިކުފާނު ހުންނެވި ޕޯޑިއަމް ކައިރިއަށް ގޮސް އަޑުގަދަކުރަން ފަށައިފަ އެވެ.

އެކަން ހުއްޓުވުމަށް ނަސޭހަތްތެރިވެވަޑައިގަތުމަށް ފަހު ވެސް އިހުތިޖާޖު ކުރިޔަށް ގެންދާތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިދިކޮޅު މެންބަރުންގެ ނަން އިއްވައި މަޖިލީހުން ނެރެން ސެކިއުރިޓީ އަށް އަންގަވައިފަ އެވެ.

ނަން އިއްވާ މެންބަރުން ނެރުމުގެ މަސައްކަތް އާންމުކޮށް ކުރަނީ ތަޅުމުގައި އިންނަވާ ސާޖަންޓް އެޓް އާމްސް އެވެ. ނަމަވެސް އެ މަގާމު މިހާރު ހުސްވެފައި އޮތުމުން މެންބަރުން ނެރެން ހަރަކާތްތެރިވީ މަޖިލީހުގެ ސެކިއުރިޓީގައި މަސައްކަތް ކުރައްވާ އެހެން ސިފައިންނެވެ.

މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދުގެ ގަމީހުގައި ކުލަ ހޭކިފައި.

މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދުގެ ގަމީހުގައި ކުލަ ހޭކިފައި.

މަޖިލީހުގެ ލައިވް ސްޓްރީމް މެދުކަނޑާލި ނަމަވެސް ސައީދާއި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އަދި ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދު މަޖިލީހުގެ ތަޅުމުން ނެރޭ ވީޑިއޯތައް މިހާރު ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

އެ ވީޑިއޯތަކުން ފެންނަ ގޮތުގައި ސައީދު ގަދަކަމުން ނެރެނިކޮށް އޭނާގެ ހެދުންކޮޅު ވީދުނެވެ. އަދި ސިފައިންގެ ހަތަރު އޮފިޝަލަކު ވަނީ އޭނާގެ ދެއަތާއި ދެފައިގައި ހިފައި އުފުއްލާލައިގެން ތަޅުމުން ބޭރުކޮށްފަ އެވެ.

ސައީދުގެ އިތުރުން ޝިޔާމް އާއި ފަޒުލް ވެސް އުފުލާލައިގެން މަޖިލީހުން ނެރޭ ވީޑިއޯ ވަނީ އާންމުވެފަ އެވެ.

އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި މަޖިލީހުގައި އަޑު އުފުލަނީ.

އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި މަޖިލީހުގައި އަޑު އުފުލަނީ.

އިދިކޮޅު މެންބަރުން ތަޅުމުން ނެރުމާ އެކު އެ މެންބަރުން އަންނަނީ މަޖިލީހުގެ ބޭރުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި ބެނާ ހިފައިގެން އިހުތިޖާޖު ކުރަމުންނެވެ.

މަޖިލިސް މެދުކަނޑާލައި އިދިކޮޅު މެންބަރުން ނެރުމަށް ފަހު ޖަލްސާ އަލުން ކުރިއަށް ގެންގޮސްފަ އެވެ. އަދި ރިޔާސީ ބަޔާން އިއްވުމަށް ފަހު މިހާރު ޖަލްސާ ނިންމާލައިފި އެވެ.

އިދިކޮޅު މެންބަރުން މަޖިލީހުގެ ތެރޭގައި އިހުތިޖާޖު ކުރަމުން ދިޔަ އިރު ޕީޕީއެމް/ޕީއެންސީގެ އާންމު މެންބަރުން ދިޔައީ މަގުމަތީ މުޒާހަރާ ކުރަމުންނެވެ. މަޖިލިސް ސަރަހައްދުގައި އެއްވުމުން ފުލުހުން ވަނީ އެ މީހުން ފަހަތަށް ޖައްސައި މުޒާހަރާގެ ތެރެއިން ތިން މީހަކު ހައްޔަރު ވެސް ކޮށްފަ އެވެ.