އިދިކޮޅުން ގަބޫލު ކުރަނީ ރައީސަކީ މިހާރު ނައިބު ރައީސް ފައިސަލް ނަސީމް ކަމަށާއި އެހެންވެ، މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ރިޔާސީ ބަޔާނަށް އެއްވެސް ރައްދެއް ނެތް ކަމަށް ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕުން ބުނެފި އެވެ.
06 ފެބުރުއަރީ 2023
އިދިކޮޅުން ގަބޫލު ކުރަނީ ރައީސަކީ މިހާރު ނައިބު ރައީސް ފައިސަލް ނަސީމް ކަމަށާއި އެހެންވެ، މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ރިޔާސީ ބަޔާނަށް އެއްވެސް ރައްދެއް ނެތް ކަމަށް ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕުން ބުނެފި އެވެ.
މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާގައި ރައީސް ސޯލިހު މިއަދު ހެނދުނު ރިޔާސީ ބަޔާން އިއްވަވަން ފެއްޓެވުމުން މަޖިލީހުގެ ތެރޭގައި އިދިކޮޅުގެ މެމްބަރުން އިހުތިޖާޖުކޮށް ހުރަސް އެޅި އެވެ. އެހެންވެ، ރިޔާސީ ބަޔާން އިއްވަން ހުރަސްއެޅި އިދިކޮޅުގެ ބައެއް މެބަރުންގެ ނަން މަޖިލިހުގެ ރިޔާސަތުގައި އިންނެވި މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އިއްވަވައި ސިފައިންގެ އެހީތެރިކަމާއެކު އެ މެމްބަރުން މަޖިލިހުގެ ތަޅުމުން ނެރުނީ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވެވީ އޭގެ ފަހުންނެވެ.
ރިޔާސީ ބަޔާން އިއްވުމާ ދިމާކޮށް ހިންގި ހަމަނުޖެނުންތަކާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ، މިއަދު ރިޔާސީ ބަޔާން ދެއްވީ "ރައީސުލްޖުމްހޫރިއްޔާ ކަމަށް ދައުވާ ކުރާ ބޭފުޅެއް" ކަމަށެވެ.
އޭނާ ވިދާޅުވީ، ކަރުގެ އޮޕަރޭޝަނެއް ކުރައްވަން ރައީސް ކަމުގެ މަސްއޫލިއްޔަތު ނައިބު ރައީސް ފައިސަލް ނަސީމާ ހަވާލު ކުރައްވައި، ފައިސަލް ރައީސް ކަމުގެ ހުވާ ކުރެއްވި ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވެރިކަން ހަވާލު ކުރި ކަމެއް ދިވެހިންނަށް ނޭނގޭ ކަމަށެވެ.
"ގާނޫނުއަސާސީގައި މި އޮންނަނީ ރިޔާސީ ބަޔާން ދެއްވަން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަ ބޭފުޅެކޭ. ގާނޫނުއަސާސީއާ ހިލާފަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން އެ ދެއްވި ބަޔާނަކީ ގާނޫނުއަސާސީއާ ހިލާފަށް ދެއްވި ބަޔާނެއް،" ރައީސް ރިޔާސީ ބަޔާން އިއްވަވަން ފެއްޓެވުމުން އެ މަނިކުފާނުގެ ކުރިފުޅުމައްޗަށް ހުއްޓި އިހުތިޖާޖު ކުރެއްވި ޝިޔާމް ވިދާޅުވި އެވެ.
އިދިކޮޅުން މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމައި ލީޑާޝިޕްގެ ބޭފުޅުން: އިދިކޮޅުން ބުނީ ރައީސުލްޖުމްހޫރިއްޔާ އަކީ ފައިސަލް ނަސީމް ކަމަށާއި އެހެންވެ، މިއަދުގެ ރިޔާސީ ބަޔާނަށް ޖަވާބެއް ނެތް ކަމަށް -- ފޮޓޯ: ޕީޕީއެމް
ރިޔާސީ ބަޔަނާ މެދު އިދިކޮޅުން ދެކޭ ގޮތަކީ ކޮބައިތޯ ނޫސްވެރިއަކު އެހުމުން އިދިކޮޅު ހިންގުމާ ހަވާލުވެގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޫން ކަމަށެވެ. ރައީސްގެ މަސްއޫލިއްޔަތު އަދާކުރާކަށް ނައިބު ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު ހުވާ ކުރައްވަން ޖެހޭ ހާލަތެއް ނޯންނާނެ ކަމަށާއި ހުވާ ކުރައްވަން ޖެހޭނީ މަގާމު ހުސްވުމުން ކަމަށް ވިދާޅުވި އެވެ.
"އެ ދުވަހު އެ ހުވާ ކުރެއްވި ހިސާބުން ފެށިގެން މި ދައުރު ނިންމަން ޖެހޭނީ ފައިސަލް ނަސީމް. އެއީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތަކީ. ދެން އަޅުގަނޑުމެން ބޭނުމެއް ނޫން މިއަދު އިބްރާހިމް މުހައްމަދު ސޯލިހު އެ ދިން ރިޔާސީ ބަޔާން އަޑުއަހާކަށް ވެސް އެ އަށް ޖަވާބުދާރީވާކަށް ވެސް. އެއީ ކުރަން ޖެހޭ ކަމެއް ކަމަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަލުން ރައީސްކަމުގެ ހުވައެއް ނުވެސް ކުރެއްވޭނެ ކަމަށާއި އިދިކޮޅުން ގަބޫލު ކުރާ ގޮތުގައި މިހާރު ރައީސަކީ ފައިސަލް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހެނދުނު މި އަހަރުގެ ރިޔާސީ ބަޔާން ދެއްވަނީ -- ފޮޓޯ: ރައީސް އޮފީސް
"ގާނޫނުއަސާސީގައި ބުނަނީ ރައީސްުލުޖުމްހޫރިއްޔާ ދެއްވާ ރިޔާސީ ބަޔާނަށް އިދިކޮޅު ޕާޓީގެ ލީޑަރު ޖަވާބުދާރީވާންވާނެއޭ. އެހެންވީމާ އަޅުގަނޑުމެން މިއަދު އެކަމަށް ހުރަސް އެޅީ، ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފަށް ރިޔާސީ ބަޔާން އިއްވާތީ އަޅުގަނޑުމެންގެ މެމްބަރުން އެތާގައި ގާނޫނުގެ ތެރެއިން އެ ބޭފުޅުންނަށް ލިބިގެންވާ އިހްތިޔާރުގެ ތެރެއިން އިމްތިޔާޒުގެ ތެރެއިން އެ ބޭފުޅުންގެ ޝުއޫރު ފާޅުކުރަމުން ދިޔައީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އިދިކޮޅު ޕީޕީއެމްގެ ޕީޖީ ލީޑަރު، އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވެސް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި އެހެންވެ، ރިޔާސީ ބަޔާނަށް މިފަހަރު ޖަވާބެއް ނުދެއްވާނެ ކަމަށެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ 25 ވަނަ ދުވަހު ނައިބު ރައީސް ފައިސަލް ރައްޔިތުންގެ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތައިރޮއިޑް އޮޕަރޭޝަނަކަށް ހޭނައްތަން ޖެހުނު ވަގުތުކޮޅަށެވެ. އެ އޮޕަރޭޝަންގެ ވަގުތު ކޮޅަށް ރައީސްގެ މަސްއޫލިއްޔަތު ނައިބު ރައީސް ފައިސަލާ ހަވާލު ކުރެއްވިޔަސް 3:30 މިނިޓަށް ފަހު އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރައީސްގެ ޒިންމާ އާއި މަސްއޫލިއްޔަތުތަކާ އަލުން ހަވާލުވެވަޑައިގެންފަ އެވެ.
ގާނޫނުއަސާސީގައި އޮންނަނީ ރައީސުލްޖުމްހޫރިއްޔާއަށް މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ވަގުތީގޮތުން އުޒުރުވެރިވެއްޖެ ކަމަށް ގަބޫލުކުރެވިއްޖެ ނަމަ، ސަބަބު ބަޔާންކޮށް އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އަންގަން ޖެހޭނެ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހަވާލުކުރަން ޖެހެ އެވެ.
މިފަދަ ހާލަތެއްގައި ރައީސުލްޖުމްހޫރިއްޔާ އަލުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އަލުން ހަވާލުވާން ވާނީ އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގުމަށް ފަހު ކަމަށް ވެސް ގާނޫނުއަސާސީގައި އޮވެ އެވެ.
އިއްވީ ސިޔާސީ ބަޔާނެއް، ރިޔާސީ ބަޔާނުގެ ޝަރުތެއް ނެތް
ރިޔާސީ ބަޔާނުގައި އުއްމީދެއް ނެތް: އިދިކޮޅު
މި މޮޅަކީ ރައީސްގެ ވަރުގަދަ ފެށުމެއް!
ރައީސަކީ ފައިސަލްތޯ ސުވާލު އުފައްދައި ގަރާރެއް!
ތަޅުމުން ނެރެނިކޮށް ސައީދުގެ ހެދުން ވީދި އަނިޔާވެއްޖެ
"އިންޑިއާ އައުޓް" ގަރާރު ބާތިލްކުރަން ކޯޓަށް
ރިޔާސީ ބަޔާނުގެ ޖަވާބު: ރައްޔިތުން މާޔޫސް ވެފައި!
ދައުލަތް އޮޅުންބޮޅުންވެ، ކޮތަރުކޮށި ރަނަށް: އިދިކޮޅު
އިބޫ ހުވާ ކުރައްވާނެ ދުވަހެއް ކަނޑައަޅަން ކޮމިޓީއަށް
އިބޫ ހުވާ ކުރާނެ ދުވަހަކާ މެދު ހޫނު ބަހުސްތަކެއް!