Roadha Mihaaru

ފުލުހުންގެ ބިލުގައި އޮތީ ބަދަލު ހިފުމާއި ޒާތީ ހަސަދަ ފިލުވުން: އިދިކޮޅު

ފުލުހުންގެ މުއައްސަސާ ޕްރޮފެޝަނަލްކޮށް ހިންގައި ރައްޔިތުންގެ އިތުބާރުކުރާ އިސްލާހީ ބަދަލުތަކެއްގެ ބިލެއް ކަމަށް ވިދާޅުވެ، އެމްޑީޕީގެ މެމްބަރުން ރޭ ފާސްކުރި ބިލުން ފެންނަނީ ފެބުރުއަރީ 7ގެ ބަދަލު ހިފުމާއި ޒާތީ ހަސަދަ ފިލުވުން ކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ ބިލުން ފެންނަނީ ބަދަލު ހިފުން: އިދިކޮޅު
ފަޒީނާ އަހުމަދު
ފަޒީނާ އަހުމަދު

07 ޑިސެމްބަރ 2020

ފުލުހުންގެ މުއައްސަސާ ޕްރޮފެޝަނަލްކޮށް ހިންގައި ރައްޔިތުންގެ އިތުބާރުކުރާ އިސްލާހީ ބަދަލުތަކެއްގެ ބިލެއް ކަމަށް ވިދާޅުވެ، އެމްޑީޕީގެ މެމްބަރުން ރޭ ފާސްކުރި ބިލުން ފެންނަނީ ފެބުރުއަރީ 7ގެ ބަދަލު ހިފުމާއި ޒާތީ ހަސަދަ ފިލުވުން ކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ސާފު އަޣުލަބިއްޔަތު އޮންނަ މަޖިލީހުން ފުލުހުންގެ ޚިދުމަތުގެ ބިލް ރޭ ފާސްކުރީ 59 މެމްބަރުންގެ ވޯޓުންނެވެ.

މި ބިލު، ގާނޫނަކަށް ވެއްޖެ ނަމަ އެ މުއައްސަސާގެ ޕްރޮފެޝަނަލިޒަމް ގެއްލޭނެ ކަމަށް ވިދާޅުވެ އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ މެމްބަރުން ވަނީ މަޖިލީހުގެ ޖަލްސާގައި ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. ބިލުގައި ހިމަނާފައިވާ ބައެއް އިސްލާހުތަކަކީ އެމްޑީޕީގެ ވެރިކަން ފެބުރުއަރީ، 7، 2012 ގައި ބަދަލުވުމުގައި އެ ޕާޓީން ތުހުމަތުކުރާ ފުލުހުންނަށް ފިޔަވަޅު އެޅުން ކަމުގެ ތުހުމަތު ވެސް ކުރެ އެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ފުލުހުންގެ ގާނޫނު މިހާރު އޮތް ގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައި ތަންފީޒު ކުރަން ފެށުމުން ދެން ފެންނާނީ އެ މަނިކުފާނާއި ޕޮލިސް ކޮމިޝަނަރު "ފުލުހުންގެ ޔުނިފޯމުގައި" ހުންނަވާ ތަން ކަމަށެވެ. އޭނާ މިހެން ވިދާޅުވުމާ އެކު ރައީސުލްޖުމްހޫރިއްޔާ އަށް ސަލާމަތީ ޚިދުމަތްތަކުގެ އެއްވެސް މަގާމެއް ލިބިވަޑައިގެންފައި ނުވާތީ ޔުނިފޯމުގައި ފެނިވަޑައިގަންނަވަން ޖެހޭ ސަބަބެއް ނެތް ކަމަށް ޝިޔާމްގެ ވާހަކަ އަށް ނިޒާމީ ނުކުތާއަށް ނަންގަވައި ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން ޝަހީމް ވިދާޅުވި އެވެ.

ހުސެއިން ވިދާޅުވި ގޮތަށް، އާ ގާނޫނުން ވެސް އެކަން ކަށަވަރުކޮށްދޭ ކަމަށް ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެ ޝިޔާމަށް ފުރުސަތު ދެއްވުމުން ވިދާޅުވީ "ބޭނުން ނުވިޔަސް ފެންނާނީ ރައީސް ފުލުހުންގެ ޔުނިފޯމުގައި ހުންނަވާތަން" ކަމަށެވެ.

އެ އިބާރާތް އޭނާ ވިދާޅުވީ މުޅި ބިލް ބަދަލުހިފުމާއި ހަސަދަވެރިކަން ފިލުވަން ތަރުތީބުކޮށްފައި އޮތުމުން ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"މިއަދު ބަޣާވާތޭ ކިޔާތީ އަޅުގަނޑު ހަމަ އަޖައިބުވޭ. ބަޣާވާތެއް ކުރި ކަމަށް އެމްޑީޕީގެ މެމްބަރުން ގަބޫލުކުރައްވާބާއޭ. މިއަދު ހޯމް މިނިސްޓަރަކަށް މި ހުންނެވީ އިމްރާން އަބްދުﷲ. އިމްރާން އަބްދުﷲ އެބައޮތް ބޯޑުގައި މި އިންނަ ހަތް މެމްބަރުންގެ ތެރެއިން ތިން މެމްބަރުން އިމްރާން އަބްދުﷲ މި އައްޔަން ކުރައްވަނީ. ރައީސުލްޖުމްހޫރިއްޔާ ދެ މެމްބަރުން، އާއްމުކޮށް ހުޅުވާލައިގެން ދެ މެމްބަރުން،" ޝިޔާމް ވިދާޅުވި އެވެ.

"...މިއީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން. ދިވެހިރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކަށް މިފަދަ ޒާތީ ހަސަދަ ފިލުވައިލުމަށްޓަކައި މިފަދަ އިސްލާހުތައް އަދި ގާނޫނެއްގެ ސިފައިގައި ނަމަވެސް ގެންނަން ހެޔޮނުވާނެ."

މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ފުލުހުންގެ ބިލުގެ މަސައްކަތް ކޮމިޓީ މަރުހަލާގައި ގެންދިޔައިރު "ފެބުރުއަރީ 7"ގެ ޖަޒުބާތު ބައެއް މެމްބަރުންގެ ކިބައިން ފެނިވަޑައިގެންނެވި ކަމަށެވެ. މަޝްވަރާތައް ދިޔައީ، ރައީސުލްޖުމްހޫރިއްޔާ އަށް ވެސް ފުލުހުންގެ މައްޗަށް ބާރުފޯރުވޭ ގޮތަށް އޭނާ އަށް ގަބޫލުކުރެއްވޭ ކަމަށް ވިދާޅުވި އެވެ.

މިހެން ވިދާޅުވުމާ އެކު ގިނަ މެމްބަރުންތަކެއް ނިޒާމީ ނުކުތާ ނަންގަވައި އާދަމް ޝަރީފްގެ ވާހަކައަށް ހުރަސްއެޅުއްވި އެވެ.

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ ފުލުހުންގެ ބިލުން މުއައްސަސާގެ ޕްރޮފެޝަނަލިޒަމް ކަނޑުވާލާނެ ކަމަށެވެ.

"މިއީ، ބަދަލު ހިފަން ގެންނަ ބިލެއް. އިއްޒަތްތެރި ރައީސް. މިއަދު މި ބިލް ގެންނަނީ ސީދާ ބަދަލު ހިފުމުގެ ނިޔަތުގައި،" ސައީދު ވިދާޅުވި އެވެ.

"މި ބިލުގެ ސަބަބުން ހަމައެކަނި ކުރައްވަން ތިޔަ އުޅުއްވާ ކަމަކީ ބަޣާވާތުގެ ކަންތަކޭ ވިދާޅުވެ ހަސަދަ ފިލުވައިލުމުގެ މަސައްކަތް. ތެދުފުޅެއް! އަޅުގަނޑަށް މަނިކުފާނު ވެސް އަދި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ވެސް މިއަދު ހަމަ ފުލުހުންގެ ޔުނިފޯމުގައި އިންނަވާތަން ފެންނަނީ. އެމްޑީޕީގެ ޖަގަހައަކަށް މި ތަން ބަދަލުވެގެންދާތަން މި ފެންނަނީ،" ސައީދު ވިދާޅުވި އެވެ.

އޭނާގެ ވާހަކަ ނިންމަވާލެއްްއްވީ ވިދާޅުވީ "ބަދަލު ހިފުމަކުން ލިބޭނެ ފޮނި ނަތީޖާއެއް ނޯންނާނެކަމަށް" ވިދާޅުވަމުންނެވެ.

އިދިކޮޅުގެ މި ވާހަކަތަކަށް ރައްދު ދެއްވައި ވާހަކަ ދެއްކެވި އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވީ ފުލުހުންގެ ބިލު މިހާރު އޮތީ ބިރުގަންނަން ޖެހޭ ގޮތަކަށް ނޫން ކަމަށެވެ. އެއްވެސް އޮފިސަރަކު ގާނޫނާ މެދު ބިރުގަންނަ ނަމަ އެއީ، އެ އޮފިސަރެއްގެ މައްސަލައެއް ކަމަށް ވެސް ވިދާޅުވި އެވެ.

"މި ގާނޫނުން ކޮށްދޭ ކަމަކީ ދިވެހި ފުލުހުންގެ ހައްގުތައް ވަރަށް ފުރިހަމަ އަށް ކަށަވަރުކޮށްދިނުން. ދިވެހި ފުލުހުން ކުރިއަށް އޮތް ތަނުގައި ކުލީ ސިފައިންގެ ގޮތުގައި ބޭނުންކޮށްގެން ބަޣާވާތް ނުކުރެވޭނެ ކަން މި ގާނޫނުން ވަަރަށް ފުރިހަމައަށް ކަށަވަރުކޮށްދޭ،" އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވި އެވެ.