Roadha Mihaaru

ޝިޔާމް ތަޅުމުން ނެރުމުގައި އަމަލުކުރި ގޮތާ މެދު ބާ ކައުންސިލުން ދެކޭ ގޮތް ހާމަކޮށްދޭން އެދިއްޖެ

ލޯކަލް ކައުންސިލްތަކުގެ ދައުރު ދެމިގެންދާ ގޮތަށް ގާނޫނު އަސާސީ އަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ޖަލްސާގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ނެރުމާ މެދު ބާ ކައުންސިލުން ދެކޭ ގޮތް ހާމަކުރަން އިދިކޮޅު ކޯލިޝަނުން އެދިއްޖެ އެވެ.

ޝިޔާމް ތަޅުމުން ނެރުނު ގޮތާ މެދު ލަފައަކަށް އެދިއްޖެ
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

05 ޖޫން 2020

ލޯކަލް ކައުންސިލްތަކުގެ ދައުރު ދެމިގެންދާ ގޮތަށް ގާނޫނު އަސާސީ އަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ޖަލްސާގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ނެރުމާ މެދު ބާ ކައުންސިލުން ދެކޭ ގޮތް ހާމަކުރަން އިދިކޮޅު ކޯލިޝަނުން އެދިއްޖެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ކައުންސިލް އިންތިޚާބު އެއް އަހަރަށް ފަސް ކުރުމުން އާ ކައުންސިލް މެމްބަރުން ހުވާ ކުރެވެންދެން މިހާރު ތިބި ކައުންސިލް މެމްބަރުންގެ ދައުރު ދެމިގެންދާ ގޮތަށް ގާނޫނު އަސާސީ އަށް އިސްލާހު ގެންނަން މި ހަފުތާގައި މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އަދި އެ މުއްދަތުގައި ކައުންސިލްތަކުގެ ބާރުތައް ބޭނުން ކުރުމާ ބެހޭ ޚާއްސަ ގާނޫނެއް ވެސް ވަނީ ފާސްކޮށްފަ އެވެ. އެ ދެ ބިލަށް ވޯޓަށް އެހި ޖަލްސާގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމްގެ ނަން އިއްވައި، ތަޅުމުން ނެރުމުގެ ތެރޭގައި ވަނީ ހަމަނުޖެހުންތަކެއް ހިނގައި، ޝިޔާމަށް އަނިޔާ ވެފަ އެވެ.

އެކަމާ ގުޅިގެން ޕީޕީއެމް އާއި ޕީއެންސީ ކޯލިޝަނުން ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދަށް ފޮނުއްވި ސިޓީގައި ވަނީ އެ ބިލަށް ވޯޓަށް އެހި ޖަލްސާގައި ޝިޔާމްގެ ގަޔަށް އަތްލައި، އޭނާ ގަދަކަމުން ތަޅުމުން ނެރުމުގެ އިތުރަށް އިދިކޮޅަށް ނިސްބަތްވާ އިތުރު ނުވަ މެމްބަރަކު ވެސް މަޖިިލީހުގެ ތަޅުމަށް ވަނުމުގެ ފުރުސަތު ނުދީ ކަމަށެވެ. އެހެންވެ، އެ މެމްބަރުންގެ އިމްތިޔާޒަށް އަރައިގަތުމަށް ފަހު، އެ ދެ ބިލް ފާސްކުރި ކުރުމުގެ ސައްހަކަމާ މެދު ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ގާނޫނު އަސާސީ އަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހުން ފާސްކުރީ ބިލް ހުށަހެޅިއިރު، އިސްލާހު ހުށަހަޅާފައި ނެތް މާއްދާއަކަށް ބަދަލު ގެންނަ ގޮތަށް ކަމަށާއި އެއީ މަޖިލީހުގެ ގަވާއިދާއި ސުޕްރީމް ކޯޓުގެ ލަފައާ ޚިލާފަށް ކުރި ކަމެއް ކަމަށް ވެސް އެ ސިޓީގައިވެ އެވެ. އަދި އާންމު މަސްލަހަތާ ގުޅުންހުރި އެފަދަ ކަންކަމުގައި ބާ ކައުންސިލުން ދެކޭ ގޮތެއް ހާމަކުރެވިދާނެ ކަމަށް ގާނޫނީ ފަންނުގެ ގާނޫނުގައި ބަޔާން ކޮށްފައިވާތީ އެކަންކަމާ މެދު ބާ ކައުންސިލުން ދެކޭ ގޮތެއް ހާމަކޮށްދޭން އެދޭ ކަމަށް ވެސް އެ ސިޓީގައިވެ އެވެ.

ގާނޫނީ ފަންނުގެ ގާނޫނު އޮންނަ ގޮތުން އާންމު މަސްލަހަތާ ގުޅުންހުރި ކަންކަމުގައި ބާ ކައުންސިލްގެ ވިސްނުން ހާމަ ކުރެވިދާނެ އެވެ. އެކަމަކު މިހާތަނަށް އެފަދަ ކަމަކާ ގުޅޭގޮތުން އެ ކައުންސިލުން ދެކޭ ގޮތެއް ހާމަކޮށްފައެއް ނުވެ އެވެ.

ޝިޔާމްގެ ނަން އިއްވައި މަޖިލީހުން ތަޅުމުން ނެރުމުގައި އަމަލު ކުރި ގޮތާ މެދު ބާ ކައުންސިލްގެ ލަފައަކަށް އެދުނުއިރު، އޭނާ މަޖިލީހުން ނެރުމުގައި ހަމަނުޖެހުން ހިންގި މައްސަލަ ފުލުހުން ވެސް މިހާރު ދަނީ ބަލަމުންނެވެ. އަދި އެ މައްސަލަ ބަލާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ބައެއް މެމްބަރުން ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.