Roadha Mihaaru

ހަމަނުޖެހުންތަކާ ގުޅިގެން އިދިކޮޅުން މާދަމާގެ ޖަލްސާ ބޮއިކޮޓްކޮށްފި

ރައްޔިތުންގެ މަޖިލީހުގައި އެންމެ ފަހުން ބޭއްވި ޖަލްސާގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމްގެ ނަން އިއްވެވުމުން އޭނާ މަޖިލީހުން ނެރުމަށް އެމްޑީޕީގެ ބައެއް މެމްބަރުން އުޅުމުގެ ތެރޭގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ޕީޕީއެމާއި ޕީއެންސީން މާދަމާގެ ޖަލްސާ ބޮއިކޮށްޓްކޮށްފި އެވެ.

ހަމަނުޖެހުންތަކާ ގުޅިގެން އިދިކޮޅުން ޖަލްސާ ބޮއިކޮޓް!
ފަޒީނާ އަހުމަދު
ފަޒީނާ އަހުމަދު

07 ޖޫން 2020

ރައްޔިތުންގެ މަޖިލީހުގައި އެންމެ ފަހުން ބޭއްވި ޖަލްސާގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމްގެ ނަން އިއްވެވުމުން އޭނާ މަޖިލީހުން ނެރުމަށް އެމްޑީޕީގެ ބައެއް މެމްބަރުން އުޅުމުގެ ތެރޭގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ޕީޕީއެމާއި ޕީއެންސީން މާދަމާގެ ޖަލްސާ ބޮއިކޮށްޓްކޮށްފި އެވެ.

އެ ދެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން މިރޭ ނެރުނު ބަޔާނުގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގައި ބައިވެރި ނުވާން ނިންމީ، ގާނޫނީ ޒިންމާ އަދާކުރެވޭނެ، ރައްކާތެރި މާހައުލެއް ނެތުމުން ކަމަށެވެ. އަދި ގާނޫނާ ޚިލާފަށް ޝިޔާމް މަޖިލީހުގެ ތަޅުމުން ނެރުމަށް ކުރި މަސައްކަތުގެ ތެރޭގައި އަނިޔާވެ ހާލުކޮޅު ގޯސްވުމުންނާއި އެ ހަމަނުޖެހުންތަކުގެ ތަހުގީގެއް ފުލުހުން ހިންގަމުން ދިއުމަކީ ވެސް ޖަލްސާގައި ބައިވެރި ނުވާން ނިންމި ސަބަބުތަކެއް ކަމަށް ބަޔާނުގައިވެ އެވެ.

"ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވުމާ ގުޅޭ ގޮތުން ޖޮއިންޓް ޕާޓީގެ ނިންމުން ވަރަށް އަވަހަށް ހާމަކުރާނެ ވާހަކަ ވެސް ދަންނަވަމެވެ،" ޕީޕީއެމާއި ޕީއެންސީގެ ބަޔާނުގައިވެ އެވެ.

ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމަށް އަނިޔާވެގެން އޭޑީކޭ ހޮސްޕިޓަލަށް ގެންދަނީ.

ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމަށް އަނިޔާވެގެން އޭޑީކޭ ހޮސްޕިޓަލަށް ގެންދަނީ.

ކައުންސިލަރުންގެ ދައުރު ހަމަވެ ގާނޫނީ ހުސްކަން ކުރިމަތިވިޔަ ނުދޭން ގާނޫނުއަސާސީ އަށް ހުށަހެޅި އިސްލާހު ފާސްކުރި ޖަލްސާގައި ޝިޔާމްގެ ނަން މަޖިލީހުގެ ރިޔާސަތުން، މަޖިލީސް ރައީސް މުހައްމަދު ނަޝީދު އިއްވެވީ ޖަލްސާގައި ގާނޫނު ޚިލާފު އަމަލުތައް ހިންގަވަނީ ކަމަށް ވިދާޅުވެ އަޑުގަދަ ކުރައްވަން ފެއްޓެވެމުންނެވެ. އޭނާ އަޑުގަދަކުރެއްވީ ގާނޫނުއަސާސީ އިސްލާހުކުރަން އުޅުނު ގޮތާ މެދު ހިތްހަމަޖެހިވަޑައިނުގެންނެވެ.

ޝިޔާމްގެ ނަން އިއްވުމުން، އެމްޑީޕީގެ މެމްބަރުން އޭނާ މަޖިލީހުގެ ތަޅުމުން ބޭރަށް ނެރެން ކުރި މަސައްކަތުގެ ތެރޭގައި ހަމަނުޖެހުން އުފެދި ޝިޔާމަށް އަނިޔާވި އެވެ. އެ އަނިޔާގައި އޭނާގެ މޭ ކަށިގަނޑާއި މައިބަދައިގައި ރެނދުލާފައިވާ ކަމަށް ޝިޔާމް ވަނީ ވިދާޅުވެފަ އެވެ.

އިދިކޮޅު ޕާޓީތަކުގެ ބަޔާނުގައި ބުނެފައި ވަނީ ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ޖަލްސާގައި ޝިޔާމްގެ ނަން، މަޖިލީހުގެ ރައީސް ނަޝީދު އިއްވަވައި އޭނާ ބޭރަށް ނެރެން އަމުރުކުރައްވައި އެމްޑީޕީ މެމްބަރުން ލައްވައި އަމަލުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 65 ވަނަ މާއްދާއާ ޚިލާފަށް ކަމަށެވެ. އަދި ޝިޔާމްގެ ހާލު ބަލަން ތަޅުމުން ނުކުމެވަޑައިގަތް އިދިކޮޅުގެ މެމްބަރުން ވެސް ފަހުން ޖަލްސާގައި ބައިވެރި ނުކޮށް ހައްގެއް ނިގުޅައިގެންފައިވާ ކަމަށް ޕީޕީއެމާއި ޕީއެންސީން ވަނީ ތުހުމަތުކޮށްފަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރަސްމިއްޔާތެއްގައި މަޖިލީސް ރައީސް އަދި އެމްޑީޕީގެ ރައީސް ނަޝީދާއި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމް އަދި ޕީއެންސީގެ ނައިބު ރައީސް ސައީދު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އިލެކްޝަންސް ކޮމިޝަންގެ ރަސްމިއްޔާތެއްގައި މަޖިލީސް ރައީސް އަދި އެމްޑީޕީގެ ރައީސް ނަޝީދާއި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމް އަދި ޕީއެންސީގެ ނައިބު ރައީސް ސައީދު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ދެ ޕާޓީން ބުނެފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ހުރުމަތާއި ގަދަރު ހިފެހެއްޓުމާއި މަޖިލީހުގެ ކަރާމާތަށް އުނިކަމެއް އަތުވެދާނެ ކަމެއް ފާހަގަކުރެވިއްޖެ ނަމަ އެ ކަމެއް ހުއްޓުވުމަކީ މަޖިލީހުގެ ރައީސްގެ ގާނޫނީ ޒިންމާއަކަށް ވި ނަމަވެސް ނަޝީދު އަމަލުކުރެއްވީ ގަވާއިދާ ޚިލާފަށެވެ. އެއާއެކު، ގާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނާ އެއްގޮތަށް މަޖިލީހުގެ ސަމާލަތީ ކަންކަން އިންތިޒާމްކޮށްފައި ނުވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ޖަލްސާގައި ބައިވެރި ނުވާން ނިންމީ މިފަދަ ކަންބޮޑުވުންތަކެއް ހުރެގެން ކަމަށް އިދިކޮޅުން ބުންޏެވެ.

މަޖިލީހުގެ ޖަލްސާގައި ނަން އިއްވާ މެމްބަރުން ނުކުތުމަށް ދެކޮޅު ހަދާނަމަ މީގެ ކުރިން އެ މެމްބަރުން ތަޅުމުން ނެރެމުން އައީ މަޖިލީހުގެ ސެކިއުރިޓީ މެދުވެރިކޮށެވެ. ނަމަވެސް އެ ރޭ ޝިޔާމް މަޖިލީހުން ނެރުމަށް މަޖިލީހުގެ ރައީސް ނަޝީދު މަޖިލީހުގައި ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ މެމްބަރުންނަށް އެންގެވުމުން އެކަމަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.

ޝިޔާމް މަޖިލީހުގެ ތަޅުމުން ނެރުމުގައި އަމަލުކޮށްފައިވާ ގޮތަށް ސަރުކާރު ކޯލިޝަންގެ އެހެން ޕާޓީތަކުގެ މެމްބަރުންނާއި އަމިއްލަ ބައެއް މެމްބަރުންވެސް ވަނީ ފާޑު ވިދާޅުވެފަ އެވެ. އަދި މަޖިލީހުގެ ތަޅުމުގައިވެސް އެފަދަ ގޮތަކަށް ހަމަނުޖެހުން ހިންގުމުން އެކަމުގައި ޖިނާއީ ތަހުގީގެއް ކުރަން ޖެހޭ ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.

މި ހަމަނުޖެހުން ބަލައި އިންސާފުވެރިކަމާ އެކު ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ދެއްވައިފަ އެވެ. މި މައްސަލައިގައި އެމްޑީޕީގެ ޗެއާޕާސަން އަދި މަޖިލީހުގެ މެމްބަރު ހަސަން ލަތީފްގެ ފާޑުވިދާޅުވުން އިމްރާނާއި އަދާލަތަށް އަމާޒުވެ، އެމްޑީޕީ އާއި އަދާލަތު ޕާޓީއާ ދެމެދު ވަނީ ނުތަވަނަސްކަން ވެރިވެފަ އެވެ.