Roadha Mihaaru
"ނޫވިލު" ސީޕްލޭން ޓާމިނަލުން ސިފަ ވަނީ ރާއްޖޭގެ މޫދު

"ނޫވިލު" ސީޕްލޭން ޓާމިނަލުން ސިފަ ވަނީ ރާއްޖޭގެ މޫދު

07 ޖުލައި 2022

ވެލާނާ އެއާޕޯޓްގައި ހެދި ސީޕްލޭން އާ ޓާމިނަލް، "ނޫވިލު" އިން ހުރިހާ ފަސިންޖަރުންނަށް ހިދުމަތްތައް ދޭން ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ވެލާނާ އެއާޕޯޓްގައި ހެދި ސީޕްލޭން އާ ޓާމިނަލް، "ނޫވިލު" އިން ހުރިހާ ފަސިންޖަރުންނަށް ހިދުމަތްތައް ދޭން ފަށައިފި އެވެ.

އާ ސީ ޕްލޭން ޓާމިނަލް މިއަދު ވްނީ ނޫސްވެރިންނަށް ވެސް ދައްކާލައިފަ އެވެ. އެތަނުގެ ލޮބީ އޭރިއާގެ ހަރަކާތްތައް މަތީ ތިން ބުރީގައި ތިބެ ބަލައިލެވޭނެ އެވެ. ޑިޒައިން ހަދާފައިވަނީ ރާއްޖޭގެ ކަނޑުގެ ކުލަތައް ރަމްޒުކޮށްދޭ، ދިވެހިވަންތަ ސިފަތައް އެކުލެވޭ، އެހެން ނަމަވެސް، އެންމެ ޒަމާނީ އިމާރާތްތަކުގެ ފީޗާތައް ވެސް ހިމެނޭ ގޮތަށެވެ.

ސީ ޕްލޭނަށް ވަންނަ އިރު ޓީއެމްއޭ އާއި މަންޓާ އަށް ހާއްސަ ކައުންޓަރު ދެ ފަރާތުން ފެނެ އެވެ. އަދި އިމާރާތުގެ ދެ ފަރާތުގައި ފަސިންޖަރުންނަށް ހާއްސަ ލިފްޓްތައް ވަނީ ބަހައްޓައިފަ އެވެ. އެ އިމާރާތުގެ ވާތް ފަރާތުގައި އެސްކެލޭޓާ ވެސް ހުއްޓެވެ.

އާ ސީޕްލޭން ޓާމިނަލްގެ ބިޒްނަސް ލައުންޖު. އެ ލައުންޖުން 235 މީހުންނަށް ހިދުމަތް ދެވޭނެ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އާ ސީޕްލޭން ޓާމިނަލްގެ ބިޒްނަސް ލައުންޖު. އެ ލައުންޖުން 235 މީހުންނަށް ހިދުމަތް ދެވޭނެ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އާ ސީ ޕްލޭން ޓާމިނަލްތަކުގެ ބޮޑު ބައެއް ދޫކޮށްފައިވަނީ ރިސޯޓުތަކުގެ ލައުންޖުތަކަށެވެ. މި ވަގުތު ހަ ލައުންޖު ފިޔަވައި އެހެން ހުރިހާ ލައުންޗެއް ވަނީ ރިސޯޓުތަކަށް ވިއްކައިފަ އެވެ. ސީޕްލޭން ޓާމިނަލްގައި ރިސޯޓުތަކުން ލައުންޖުތައް ހަދަމުން އަންނަ އިރު މި ވަގުތު ހަތަރު ރިސޯޓެއްގެ ލައުންޖު އަންނަނީ ބޭނުން ކުރަމުންނެވެ. އެއީ ސޮނޭވާ އާއި އިންޓަކޮންޓިނެންޓަލް އާއި ޖޯލި އަދި ފޯ ސީޒަންސް އެވެ.

އާ ސީޕްލޭން ޓާމިނަލް

55 މިލިއަން ޑޮލަރު: މަޝްރޫއުގެ އަގު

28،000 އަކަމީޓަރު: ހަތަރު ބުރީގެ އާންމު ޖާގައިގެ ބޮޑުމިން

8،836 އަކަމީޓަރު: އެމްއާރުއޯ ފެސިލިޓީ އަށް

100 އަކަމީޓަރު: ވީވީއައިޕީ ބަޔަށް

42 ލައުންޖު: ދެ ލައުންޖު ފިޔަވާ ހުރިހާ ލައުންޖެއް ރިސޯޓުތަކަށް ކުއްޔަށް

އެމްއޭސީއެލްގެ "ވިލު" ބިޒްނަސް ލައުންޖު: 235 ސީޓު

އެމްއޭސީއެލް "ނީރު" ލައުންޖު:315 ސީޓު

އާ ސީޕްލޭން ޓާމިނަލްގައި ފަސިންޖަރުންތަކެއް މަޑުކޮށްލައިގެން

އާ ސީޕްލޭން ޓާމިނަލްގައި ފަސިންޖަރުންތަކެއް މަޑުކޮށްލައިގެން

އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާ ވިދާޅުވީ، ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޝަންސް ހިންގާ ޓާމިނަލް ރަސްމީކޮށް ހުޅުވުން ލަސްވަނީ، ބަލަން ޖެހޭ މިންގަނޑުތައް ބަލައި ޓެސްޓްތައް ކޮށް، ގެންނަން ޖެހޭ ބަދަލުތައް ގެންނަން ކަމަށެވެ.

ސީ ޕްލޭން ޓާމިނަލް ދުވާލެއްގެ މައްޗަށް ބޭނުން ކުރާ މީހުންގެ އަދަދު 4،000 އާއި 6،000 އަށް ދެމެދަށް އަރަ އެވެ. އަދި ލޯ ސީޒަންގައި ދުވާލެއްގެ މައްޗަށް 300 ފްލައިޓް ދަތުރު ކުރާ އިރު ހައި ސީޒަންގައި 600 ފްލައިޓު ދަތުރު ކުރެ އެވެ.

ތޯހާ ވިދާޅުވީ، އާ ޓާމިނަލް ޑިޒައިން ކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދިނީ އެންމެ ޒަމާނީ ހިދުމަތްތައް ދިނުމަށް ކަމަށެވެ.

ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"އަޅުގަނޑުމެން ވަރަށް ބޮޑަށް ބަލާފައި ހުންނާނެ ޕެސެންޖާ އެކްސްޕީރިއަންސް. ވަރަށް ހައި އެންޑް ފަސިންޖަރުންތަކެއް ރާއްޖެ އަށް މިއަންނަނީ. އެ ބޭފުޅުން ރިސޯޓުތަކަށް ވަޑައިގަންނަވާ އިރު މި ލިބޭ އެކްސްޕީރިއަންސް، އެ ހިދުމަތްތައް މި ސީޕްލޭން ޓާމިނަލުން ދެވޭތޯ މި ބަލަނީ،" އޭނާ ވިދާޅުވި އެވެ.

އާ ސީޕްލޭން ޓާމިނަލްގައި މިހާރު ވެސް 100 ވަރަކަށް މުވައްޒަފުން މަސައްކަތް ކުރަމުންދެ އެވެ. ޓާމިނަލްގެ ބޭނުން އަދިވެސް ފުލް ކެޕޭސިޓީގައި ބޭނުމެއް ނުކުރެ އެވެ. ޓެސްޓުތައް ނިންމައި ޓާމިނަލްގެ ބޭނުން ކުރަން ފެށުމުން އާ ސީޕްލޭން ޓާމިނަލްގައި 150 އަށް ވުރެ ގިނަ ވަޒީފާ އުފެދޭނެ ކަމަށް ތޯހާ ވިދާޅުވި އެވެ.

އަންނަ ހަފްތާގައި އާ ޓާމިނަލަށް ޓީއެމްއޭގެ ހުރިހާ މަސައްކަތްތަކެއް ބަދަލުކޮށް، ކުރިއަށް އޮތް ދެތިން މަސް ތެރޭ، ކުރީގެ ސީޕްލޭން ޓާމިނަލް ތަޅާލުމުގެ މަސައްކަތްތައް ފެށޭނެ ކަމަށް އެމްއެމްއޭސީއެލް އިން ބުންޏެވެ.