Roadha Mihaaru
ވަކިބަޔަކަށް ޓާމިނަލް ދޭކަށް ނާންގަން: ޕީޕީއެމް

ސީޕްލޭން ޓާމިނަލް ވަކި ބަޔަކަށް ދޭން ކުރީގެ ސަރުކާރުން އެމްއޭސީއެލްއަކަށް ނާންގާ: ޕީޕީއެމް/ޕީއެންސީ

20 ފެބުރުއަރީ 2020

އާ ސީޕްލޭން ޓާމިނަލް ވަކި އަގެއްގައި ވަކި ބަޔަކަށް ދޭން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެމްއޭސީއެލްގެ ބޯޑަށް އަންގާފައި ނުވާނެ ކަމަށް އޭރު ސަރުކާރު ހިންގި ޕީޕީއެމުން މިރޭ ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އާ ސީޕްލޭން ޓާމިނަލް ވަކި އަގެއްގައި ވަކި ބަޔަކަށް ދޭން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެމްއޭސީއެލްގެ ބޯޑަށް އަންގާފައި ނުވާނެ ކަމަށް އޭރު ސަރުކާރު ހިންގި ޕީޕީއެމުން މިރޭ ބުނެފި އެވެ.

ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ އާ ސީޕްލޭން ޓާމިނަލް ކުއްޔަށް ދޭނެ ބަޔަކު ކަނޑައެޅުމަށް ނުވަތަ އެތަން ކުއްޔަށް ދޭނެ އަގުތަކެއް ކަނޑައަޅަން ވެސް އެމްއޭސީއެލް އަށް ކުރީގެ ސަރުކާރުން އިރުޝާދު ދީފައި ނުވާނެ ކަމަަށެވެ. އެ ޓާމިނަލްއާ ބެހޭ ގޮތުން މިހާރުގެ ސަރުކާރުން ދައްކަމުން އަންނަ ވާހަކަތަކަކީ ސަރުކާރުގެ "ދެއުޅިއެއްނުވާ އިގުތިސާދީ ސިޔާތަށް" ރައްޔިތުންގެ އިތުބާރު ގެއްލިފައި ވާތީ ދައްކާ ވާހަކައެއް ކަމަށާއި އެއީ ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާ ވަކި ގޮތަކަށް އަނބުރައިލަން ދައްކާ ވާހަކައެއް ކަމަށް ވެސް އެބަޔާނުގައި ބުންޏެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން

"ރައީސް ޔާމީނުގެ ސަރުކާރުގައި ތަރައްގީކުރައްވަން ފެއްޓެވި ވެލާނާ އިންޓަނޭޝަަނަލް އެއާޕޯޓްގެ އާ ސީޕްލޭން ޓާމިނަލާ ބެހޭ ގޮތުން، ވަކި ބަޔަކު ހިންގާ ގޮތަށް އެކަން ކުރުމަށް ސަރުކާރުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑަށް އިރުޝާދު ދީފައި ނުވާނެކަމުގައި ދަންނަވަމެވެ،" ބަޔާނުގައި ވެ އެވެ.

އިދިކޮޅުން މިހެން ބުނެފައި މިވަނީ އާ ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް 15 އަހަރު ދުވަހަށް ކުއްޔަށް ދޭން ކުރީގެ ސަރުކާރުން މަސައްކަތް ކޮށްފަައިވާ ކަމަށާއި އެކަން ހުއްޓުނީ މިހާރުގެ ސަރުކާރު އައުމުން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެފައި ވަނިކޮށެވެ.

ސީޕްލޭން ޓާމިނަލް ކުއްޔަށް ދިނުމުގައި އެމްްއޭސީއެލް އިން އަމަލުކޮށްްފައިވާ ގޮތް ބަލަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އަންނަނީ ތަހުގީގެއް ކުރަމުންނެވެ. އެ ތަހުގީގުގައި އެމްއޭސީއެލްގެ ބޯޑުގެ މެމްބަރުންނާ ސުވާލު ކުރި ދުވަހު، އެމްއޭސީއެލްގެ ބޯޑުން ބުނީ ސީޕްލޭން ޓާމިނަލް ޓީއެމްއޭ އަށް 15 އަހަރަށް ކުއްޔަށްދޭން ހުށަހަޅާފައި އޮތްކަން އެނގުނީ މާލިއްޔަތު ކޮމިޓީން އެދިގެން އޮޑިޓާ ޖެެނެރަލް ހަސަން ޒިިޔަތު އެކުލަވައިލެއްވި ރިޕޯޓުން ކަަމަށެވެ.

އެ މުއާމަލާތުގައި އެމްއޭސީއެލްގެ ފަރާތުން ޓީއެމްއޭ އަށް ފޮނުވި ސިޓީތަކުގައި ސޮއިކުރައްވާފައިވާ ޖެނެރަލް މެނޭޖާ ކޮމާޝަލް ހުސައިން ފަޒީލް އެ ސިޓީތައް ފޮނުއްވީ ބޯޑަށް ނުވެސް އެނގި ކަމަށް ބޯޑުގެ ބައެއް މެމްބަރުން ކޮމިޓީގައި ވިދާޅުވި އެވެ. އެކަމަކު މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ފަޒީލް ވިދާޅުވީ ޓީއެމްއޭއާ އެކު ކުރަމުން ދިޔަ މުއާމަލާތްތަކާ ބެހޭ މައުލޫމާތެއް ވިއްޔާ އޭނާ ގެންދެވީ ބޯޑާ ހިއްސާކުރައްވަމުން ކަމަށެވެ.

ޓީއެމްއޭއާ އެކު ކުރަމުން އައި މަޝްވަރާތަކަށް ސަރުކާރުން ސީދާ ގޮތެއްގައި އިރުޝާދެއް އައިތޯ މެމްބަރަކު ސުވާލު ކުރެއްވުމުން ފަޒީލް ވިދާޅުވީ އެފަދަ އިރުޝާދެއް ނުލިބޭ ކަމަށެވެ. އޭނާ ވިދާޅުވީ ޓާމިނަލާ ބެހޭ ގޮތުން އޭރުގެ ސަރުކާރުން ދިން ކަން އޭނާ އަށް އެނގިވަޑައިގަންނަވަނީ އެންމެ އިރުޝާދެއް ކަމަށާއި އެއީ އެމްއޭސީއެލް އިން ހިންގާ ގޮތަށް ޓާމިނަލް ތަރައްގީކުރަން އެންގި އެންގުމެއް ކަމަށެވެ. އެ އިރުޝާދު އޮތީ 2015 ވަނަ އަހަރު ރައީސް އޮފީހުން ފޮނުވި ސިޓީއެއްގައި ކަމަށް ވެސް ފަޒީލް ވިދާޅުވި އެވެ.