Roadha Mihaaru
ޔާމީން ދައްކާ ކެންޑިޑޭޓާ މެދު ގޮތެއް ނިންމުން ސެނެޓަށް

ޔާމީން ދައްކަވާ ކެންޑިޑޭޓާ މެދު ގޮތެއް ނިންމުން ސެނެޓަށް ދޫކޮށްލަނީ

02 އޯގަސްޓް 2023

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ބަންދުވެއްޖެ ހާލަތެއްގައި އެ މަނިކުފާނު ދައްކަވާ ކެންޑިޑޭޓާއި ރަނިންމޭޓާ މެދު ގޮތެއް ނިންމުން ޕީޕީއެމް/ޕީއެންސީގެ ސެނެޓަށް ދޫކޮށްލަން އެ ދެ ޕާޓީގެ ލީޑަޝިޕުން ޔާމީނަށް ހުށަހަޅަން މިއަދު ފާސްކޮށްފި އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ބަންދުވެއްޖެ ހާލަތެއްގައި އެ މަނިކުފާނު ދައްކަވާ ކެންޑިޑޭޓާއި ރަނިންމޭޓާ މެދު ގޮތެއް ނިންމުން ޕީޕީއެމް/ޕީއެންސީގެ ސެނެޓަށް ދޫކޮށްލަން އެ ދެ ޕާޓީގެ ލީޑަޝިޕުން ޔާމީނަށް ހުށަހަޅަން މިއަދު ފާސްކޮށްފި އެވެ.

އެ ދެ ޕާޓީގެ ރައީސުންނާއި ނައިބު ރައީސުންގެ އިތުރުން ރައްޔިތުންގެ މަޖިހުގައި ތިއްބަވާ އެ ކޯލިޝަންގެ 8 މެމްބަރުން ހިމެނޭ ލީޑަޝިޕުން އެގޮތަށް ނިންމީ މިއަދު ބޭއްވި ބައްދަލުވުމުގަ އެވެ.

ޔާމީން ބޭނުންފުޅުވާ ކެންޑިޑޭޓާއި ރަނިންމޭޓާ މެދު ޖޮއިންޓް ސެނެޓުން ގޮތެއް ނިންމަން ޔާމީނަށް ހުށަހަޅަން ލީޑަޝިޕުން ފާސްކުރިއިރު، ޕީއެންސީން ބޭނުންވާ ގޮތެއް އެ ޕާޓީން އަމިއްލަ އަށް ނިންމަން އެ މަނިކުފާނު ދެ ފަހަރަށް ދޫކޮށްލެއްވި ކަމަށް ވެ އެވެ.

ފުރަތަމަ ވެސް ޔާމީން ބޭނުންފުޅުވީ، ޕީއެމް/ޕީއެންސީން ބޭނުންވާ ކެންޑިޑޭޓާއި ރަނިންމޭޓް އެ ޕާޓީގެ ލީޑަޝިޕުން އަމިއްލަ އަށް ކަނޑައެޅުމަށެވެ. ނަމަވެސް ޕާޓީން ނިންމީ ކެންޑިޑޭޓާއި ރަނިންމޭޓް ކަނޑައެޅުން ޔާމީނަށް ދޫކޮށްލާށެވެ. އެކަމަކު، އެ ނިންމުން ގަބޫލުފުޅު ނުކުރައްވައި ދެން ޔާމީން އެދިވަޑައިގަތީ ޕީއެންސީގެ ސެނެޓުން ގޮތެއް ނިންމާށެވެ.

އެހެންވެ، ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕުން މިއަދު ބައްދަލުކޮށް އަނެއްކާ ވެސް ނިންމީ، އެމަނިކުފާނަށް ވާދަނުކުރެވިއްޖެ ހާލަތެއްގައި ޕީއެންސީން ނުކުންނަވާނެ ކެންޑިޑޭޓަކާއި ރަނިންމޭޓާ މެދު ޔާމީން އަމިއްލަފުޅަށް ފުރަތަމަ ގޮތެއް ނިންމެވުމަށެވެ. އެކަމަކު، މި ފަހަރު ލީޑަޝިޕުން ޔާމީނަށް ހުށަހަޅަން އިތުރަށް ފާސްކުރީ ޔާމީން ބޭނުންފުޅުވާ ކެންޑިޑޭޓާއި ރަނިންމޭޓާ މެދު ގޮތެއް ނިންމުން ޕީޕީއެމް/ޕީއެންސީގެ ޖޮއިންޓް ސެނެޓަށް ގެންގޮސް ގޮތެއް ކަނޑައެޅުމަށެވެ.

"ރައީސް ޔާމީން ބޭނުންފުޅުވާ ކެންޑިޑޭޓާއި ރަނިންމޭޓާ މެދު ޖޮއިންޓް ސެނެޓްގައި ބަހުސްކޮށްފައި ގޮތެއް ނިންމަން ރައީސް ޔާމީނަށް ހުށަހަޅަން ލީޑަޝިޕަށް އެއްބަސްވީ. ރައީސް ޔާމީން އެ ގޮތަށް އެއްބަސްވެވަޑައިގަންނަވާ ނަމަ އެ ގޮތަށް ދާނީ،" މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވި އެވެ.

ގާނޫނީ ޝަރުތެއް އުނިވުމުން ޔާމީންގެ ނަން އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަނެ ބޭރުކޮށްލި މައްސަލަ ޕީޕީއެމުން މިހާރު ވަނީ ސުޕްރީމް ކޯޓަށް ވައްދައިފަ އެވެ.

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ޝައުގުވެރިވާ މީހުންގެ ކެންޑިޑެސީ ފޯމު ހުށަހެޅުމުގެ ފަހު ދުވަހަކީ އަންނަ ހޯމަ ދުވަހެވެ. އޭގެ ކުރިން ގޮތެއް ނިންމުމުގެ ހައްސާސްކަން ބޮޑުވެފައިވާއިރު ޕީޕީއެމްގެ ސެނެޓްގައި އެ މައްސަލާގައި މަޝްވަރާ ނުކުރާތީ ވެސް ސެނެޓްގެ ބައެއް މެމްބަރުންގެ މެދުގައި ނުތަނަވަސްކަން ވަރަށް ބޮޑެވެ. އޭގެ ޒުވާބެއް ސެނެޓްގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕްގައި ވެސް ރޭ ވަރަށް ހޫނުކޮށް ދިޔަ އެވެ.