Roadha Mihaaru

ބަންކަރިން ހިދުމަތުން މިހާތަނަށް 7 މިލިއަން ޑޮލަރު ލިބިއްޖެ: ސައީދު

އިހަވަންދިއްޕޮޅު ނުވަތަ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި ފެށި އިންޓަނޭޝަނަލް ބަންކަރިން ހިދުމަތުން މިހާތަނަށް 7.5 މިލިއަން ޑޮލަރުގެ އާމްދަނީއެެއް ލިބިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ބަންކަރިން ހިދުމަތުން 7 މިލިއަން ޑޮލަރު ލިބިއްޖެ
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

14 މެއި 2025

އިހަވަންދިއްޕޮޅު ނުވަތަ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި ފެށި އިންޓަނޭޝަނަލް ބަންކަރިން ހިދުމަތުން މިހާތަނަށް 7.5 މިލިއަން ޑޮލަރުގެ އާމްދަނީއެެއް ލިބިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ޕީއެންސީ ހަރުގެ ޖަލްސާގައި މިރޭ ސައީދު ވިދާޅުވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 18 ވަނަ ދުވަހު ފެށި ބަންކަރިންގެ ހިދުމަތަށް މިހާތަނަށް 7.4 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށެވެ. އެއީ 114 މިލިއަން ރުފިޔާ އެވެ.

"ގާތްގަނޑަކަށް ފަސް މަހާ ދުވަސްކޮޅެއް މިވީ [ބަންކަރިން ހިދުމަތަށް]. ކުޑައެއް ނޫނެއް ނޫންތޯ [7.4 މިލިއަން ޑޮލަރު]،"

ސަައީދު ވިދާޅުވި ގޮތުގައި އެ ހިދުމަތަށް ލިބުނު 7.4 މިލިއަން ޑޮލަރުގެ 95 ޕަސެންޓް އާމްދަނީ ލިބުނީ ރާއްޖެއަށް މުޅިން އަލަށް ގެނައި ލޯ ސަލްފާ ބަންކަރިން މެދުވެރިކޮށެވެ.

"މި ދެންނެވީ ވީއެލްއެސްއެފްއޯ ކިޔާ ޕްރޮޑަކްޓެއް ދިވެހިރާއްޖެއަށް މުޅިން އަލަށް. ލޯ ސަލްފާ އޭ ކިޔާ، ދިވެހިރާއްޖެއަށް ދުވަހަކު ވެސް ގެނައި އެއްޗެއް ނޫން. މުޅިން އަލަށް ގެނެސް މި ދެންނެވި 7.4 މިލިއަނުގެ 95 ޕަސެންޓަކީ ވީއެލްއެސްއެފްއޯ ބަންކާ ކޮށްގެން ހޯދި ފައިސާ." ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބަންކަރިންގެ ހިދުމަތުގެ ޑިމާންޑް އިތުރުވަމުން އަންނަ ކަމަށާއި ސަރުކާރުން ދަނީ އެކަމާ ގުޅޭ ގާނޫނުތަކާއި ދައުލަތުގެ ތެރެއިން އިންތިޒާމުތައް ރަނގަޅު ކުރުމަށް ވެސް މަސައްކަތް ކުރަމުން ކަމަށެވެ.

އިހަވަންދިއްޕޮޅު ޒޯންގައި އޮފްޝޯ ބަންކަރިންގެ ހިދުމަތް ދެނީ އެމްޕީއެލްއާ ގުޅިގެންނެވެ. ބަންކަރިން ހިދުމަތުގެ ދަށުން ބޯޓްތަކަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނީ ސީދާ އެސްޓީއޯއިންނެވެ.

އޮފްޝޯ ބަންކަރިން ހިދުމަތް ދެނީ ދެ ބޯޓާ އެކުގަ އެވެ. އެެއީ 3،258 ޓަނުގެ އެމްޓީ މެރިން އޭންޖަލް އާއި 3،929 ޓަނުގެ އެމްޓީ މެރިން ބެލާ އެވެ. އެ ދެ ބޯޓު ބަނދެފައިވަނީ ސަލާމަތީ ގޮތުންނާއި ރައްކާތެރިކަމުގެ ގޮތުން ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފުރިހަމައަށް ފެތޭ ގޮތަށް ކަމަށް އެސްޓީއޯ އިން ބުނެ އެވެ.

އެސްޓީއޯ އިން މި ވަގުތަށް ފޯރުކޮށްދޭނީ ޑީސަލާއި ލޯ ސަލްފާ ފިއުލް އެވެ. އޭގެ ތެރެއިން ޑީސަލް ފޯރުކޮށްދޭނީ ޔޮޓްތަކާއި ލަގްޒަރީ ބޯޓުތަކަށެވެ. ކާގޯ ބޯޓުތަކާއި އެ ނޫން ކޮންޓެއިނަރު ބޯޓުތަކަށް ފޯރުކޮށްދެނީ ލޯ ސަލްފާ ފިއުލް އެވެ.