Roadha Mihaaru
ފައިސާ ޗާޕުކޮށް، ސަރުކާރު ހިފެހެއްޓުން ނުރައްކާ:ސައީދު

ފައިސާ ޗާޕުކޮށްގެން ސަރުކާރު ހިފެހެއްޓުމަކީ ނުރައްކަލެއް: ސައީދު

09 އޯގަސްޓް 2020

މަހަކު އެއް ބިލިއަން ރުފިޔާ ޗާޕުކޮށްގެން މި ސަރުކާރު ހިފަހައްޓަން، މަރުކަޒީ ބޭންކް އެމްއެމްއޭ އިން ފައިސާ ދޫކުރުމަކީ ނުރައްކަލެއް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މަހަކު އެއް ބިލިއަން ރުފިޔާ ޗާޕުކޮށްގެން މި ސަރުކާރު ހިފަހައްޓަން، މަރުކަޒީ ބޭންކް އެމްއެމްއޭ އިން ފައިސާ ދޫކުރުމަކީ ނުރައްކަލެއް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ހަތަރު މަހު ސަރުކާރުން ހަތަރު ބިލިއަނެއްހާ ރުފިޔާ، އެމްއެމްއޭ އިން އޯވާޑްރޯކުރި ޚަބަރު ޓްވީޓް ކުރައްވައި މާވަށު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ސައީދު ވިދާޅުވީ، މިއީ ދިމާވާނެ އެންމެ ބޮޑު ނުރައްކާ ކަމަށެވެ. އަދި ރާއްޖެގެ އިގުތިސާދު އޮތީ ވަރަށް ހާލުގައި ކަމަށް ސައީދު ވިދާޅުވި އެވެ.

"ޑޮލަރުގެ އަގު 19ރ. އަށް އުފުލިއްޖެ. ބާޒާރުގެ އަގުތައް ބޮޑުވެއްޖެ. ރައްޔިތުންގެ ޖީބު ހުސްވެއްޖެ. މިކަން ހުއްޓުވަން ޖެހޭ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްއެމްއޭ ޓެގް ކުރައްވައި، އިިދިކޮޅު ޕީއެންސީގެ ނައިބު ރައީސް ސައީދު ވިދާޅުވި އެވެ.

ސައީދު ކުރެއްވި ޓްވީޓް

އެމްއެމްއޭއިން އާންމުކޮށްފައިވާ މިދިޔަ މަހުގެ ބެލެންސް ޝީޓުގައި "ސަރުކާރަށް ދޫކޮށްފައިވާ ފައިސާ" ގެ ގޮތުގައި ހަތަރު ބިލިއަން ރުފިޔާ ހިމެނުނު އިރު މިއީ ދައުލަތަށް އެވަރުގެ އާމްދަނީއެއް ނުލިބި އެކަމަކު އެމްއޭއޭ އިން ސަރުކާރުގެ ހަރަދުތައް ހަމަޖައްސައިދޭން ދިން ފައިސާ އެވެ.

އޯވާޑްރޯ ކުރާ ފައިސާ ބޭނުންކުރަނީ ސަރުކާރުގެ ރިކަރެންޓް ހަރަދުތަކާއި މިވަގުތަށް ކުރަން ޖެހޭ އެހެނިހެން ހަރަދުތައް މެނޭޖް ކުރުމަށެވެ.

އޯވާޑްރޯކުރަނީ ޕަބްލިކް ބޭންކް އެކައުންޓް (ޕީބީއޭ) އިން ކަމަށް ވިޔަސް، އެ އެކައުންޓްގައި ދައުލަތުގެ އެވަރުގެ އާމްދަނީއެއް ނެތެވެ. އެހެންކަމުން މިއީ މަރުކަޒީ ބޭންކުން ފައިސާ ޗާޕްކޮށްގެން އިގުތިސާދުގެ ތެރެއަށް ނެރުމެވެ.

ޕީބީއޭ އިން އެގޮތަށް ފައިސާ ނެގުން 2013 ގައި އޮތީ ހުއްޓާލައިފަ އެވެ. އޭގެ ބަދަލުގައި ޕީބީއޭ ބޭނުންކުރީ ހަމައެކަނި ސަރުކާރުގެ ދަރަނި އަދާކުރާށެވެ.

އެކަމަކު ކޮވިޑާ ގުޅިގެން ރާއްޖޭގެ އިގުތިސާދުގެ މައި ދާއިރާ، ޓޫރިޒަމް މުޅިން ހުއްޓުމަކަށް އައުމުން ދައުލަތަށް އާމްދަނީ ލިބުން ވެސް ވަރަށް ބޮޑު ތަނުން ދަށަށް ދިޔަ އެވެ. އެހެންކަމުން މި ވަގުތު ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން އެމްއެމްއޭއިން ފައިސާ ހޯދުން ނޫން އެހެން މަގެއް ނެތެވެ.

ހަރަދުތައް މެނޭޖްކުރަން ބޭރުގެ މާލީ އިދާރާތަކުންނާއި ގައުމުތަކުން އެހީ ލިބޭތޯ ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން މިހާތަނަށް 189.5 މިލިއަން ޑޮލަރު (2.9 ބިލިއަން ރުފިޔާ) ލިބިފައިވެ އެވެ.