Roadha Mihaaru

ޓީއެމްއޭ ގަންނަން ބްލެކްސްޓޯނުން 200 މިލިއަން ޑޮލަރު ލޯނެއް ނަގަނީ

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަަރު ޓީއެމްއޭ ގަންނަން ބްލެކްސްޓޯނުން 200 މިލިއަން ޑޮލަރު (3.1 ބިލިއަން ރުފިޔާ) ގެ ލޯނެއް ނެގުމުގެ މަސައްކަތް ފަށައިފި އެވެެ.

ޓީއެމްއޭ ގަންނަން ބްލެކްސްޓޯނުން 200މިލިއަންގެ ލޯނެއް
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

27 މާޗް 2025

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަަރު ޓީއެމްއޭ ގަންނަން ބްލެކްސްޓޯނުން 200 މިލިއަން ޑޮލަރު (3.1 ބިލިއަން ރުފިޔާ) ގެ ލޯނެއް ނެގުމުގެ މަސައްކަތް ފަށައިފި އެވެެ.

"ދަ މެލޭޝިއަން ރިޒާވް" ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުން އެ ލޯނު ނަގަން ޖަރުމަނުގެ ޑޮއިޗޭ ބޭންކުން ވެސް ބައިވެރިވާން މިހާރު ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

އެމެރިކާގެ މަޝްހޫރު އިންވެސްޓްމެންޓް މެނޭޖްމެންޓު ކުންފުނި، ބްލެކްސްޓޯނުން އަންނަނީ އެ ލޯނު ނެގުމަށް ބައެއް ބޭންކްތަކާއި ޕްރައިވެޓް ކްރެޑިޓް ފަންޑުތަކާ އެކު މަޝްވަރާތައް ކުރަމުންނެވެ. އެ ލޯނު ނެގުމަށް ހަމަޖެހިފައިވަނީ 10 ޕަސެންޓަށް ވުރެ ކުޑަ އިންޓްރެސްޓް ރޭޓެއްގަ އެވެ.

ބްލެކްސްޓޯނުން ޓީއެމްއޭ ގަންނަން ނިންމާފައިވަނީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) އަށްވުރެ ކުޑަ އަގެއްގަ އެވެ.

ޓީއެމްއޭގެ މައި ހިއްސާދާރު ކާލައިލް ގްރޫޕުން މިދިޔަ ޑިސެމްބަރު މަހުން ފެށިގެން އެކުންފުނި ވިއްކާލުމުގެ މަސައްކަތް ފެށި ކަމަށް ދުނިޔޭގެ މަޝްހޫރު އެއް ނިއުސް އެޖެންސީން، ބްލޫމްބާގް ނިއުސް އިން ރިޕޯޓުކޮށްފައިވެ އެވެ. މީގެ ކުރިން 2022 ވަނަ އަހަރު ވެސް ޓީއެމްއޭ ވިއްކާލުމަށްޓަކައި ކާލައިލް އިން މަސައްކަތް ކުރި އެވެ. އެކުންފުނި ވިއްކާލަން ނިންމި އިރު ކުންފުނީގެ އަގު 700 މިލިއަން ޑޮލަރު (10.8 ބިލިއަން ރުފިޔާ) އަށް އަރާކަމަށް ބުނެފައިވެ އެވެ.

ޓީއެމްއޭގެ 305 މިލިއަން ޑޮލަރު (4.7 ބިލިއަން ރުފިޔާ)ގެ ލޯނު ދެއްކުމުގައި އުނދަގޫތައް ކުރިމަތިވިއިރު ދަރަނި ރީސްޓްރަކްޗާކޮށް، ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ ކާލައިލް އިން ގަނެފައިވަނީ 2021 ވަނަ އަހަރު އެވެ. ޓީއެމްއޭއަށް ނުދެއްކުނު ލޯނަކީ އެ ކުންފުނީގެ އޭރުގެ މެޖޯރިޓީ ހިއްސާދާރު ބެއިން ކެޕިޓަލް އިން 2017 ވަނަ އަހަރު ގަތުމަށް ނެގި ލޯނެކެވެ.

އަނެއްކާ ވެސް ބްލެކްސްޓޯނުން ޓީއެމްއޭ ގަތުމުގެ މަސައްކަތް ފެށި އިރު އެކުންފުނިން މީގެ ކުރިން ވެސް ޓީއެމްއޭ ހިންގާފައިވެ އެވެ. އެކަމަކު 2017 ގައި ބްލެކްސްޓޯނުން ވަނީ 500 މިލިއަން ޑޮލަރަށް އެމެރިކާގެ ބެއިން ކެޕިޓަލް އާއި ޗައިނާގެ ޓެންޕަސް ގްރޫޕް ކޯ އަށް ވިއްކާލި އެވެ.

ޓީއެމްއޭ 1993 ވަނަ އަހަރުން ފެށިގެން ހިދުމަތް ދެމުން އަންނަ އިރު އެކުންފުނީގެ ސީޕްލޭން ފްލީޓުގައި މި ވަގުތު 65 ބޯޓު ހިމެނެ އެވެ. އެ ކުންފުނިން އަންނަނީ ރާއްޖޭގެ އެންމެ ލަގްޒަރީ ރިސޯޓުތަކަށް ވެސް އެ ހިދުމަތްދެމުންނެވެ. ރާއްޖޭގެ 80 ރިސޯޓަކަށް ޓީއެމްއޭ އިން މިހާރު ދަތުރުކުރެ އެވެ. އަދި ދުވާލެއްގެ މައްޗަށް 400 ފްލައިޓު އަޅަ އެވެ.