Roadha Mihaaru
ސަަރުކާރުގެ ހުށަހެޅުން ޓީއެމްއޭއަށް ކަމަކުނުދިޔަ!

ސަރުކާރުގެ ހުށަހެޅުން ޓީއެމްއޭއަށް ކަމަކުނުދިޔަ!

11 ފެބުރުއަރީ 2020

އާ ސީޕްލޭން ޓާމިނަލުން ޓީއެމްއޭ އަށް، މިހާރު ވެސް އެ ކުންފުންޏަށް ބިން ދޫކޮށްފައި ހުރި އަގުގައި، ކުރިއަށް އޮތް ދެ އަހަރަށް ބޮޑު ޖާގައެއް ދޭން ސަރުކާރުން ނިންމިޔަސް، އެއީ ހިތްހަމަޖެހޭ ވަރުގެ ސަރަހައްދެއް ނޫން ކަމަށް، ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގައި ޓީއެމްއޭ އިން މިއަދު ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އާ ސީޕްލޭން ޓާމިނަލުން ޓީއެމްއޭ އަށް، މިހާރު ވެސް އެ ކުންފުންޏަށް ބިން ދޫކޮށްފައި ހުރި އަގުގައި، ކުރިއަށް އޮތް ދެ އަހަރަށް ބޮޑު ޖާގައެއް ދޭން ސަރުކާރުން ނިންމިޔަސް، އެއީ ހިތްހަމަޖެހޭ ވަރުގެ ސަރަހައްދެއް ނޫން ކަމަށް، ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގައި ޓީއެމްއޭ އިން މިއަދު ބުނެފި އެވެ.

ޓީއެމްއޭއިން އެދިގެން، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާ އެކު އޮތް ބައްދަލުވުމުގައި އެ ކުންފުނީގެ ސީއީއޯ އޭޔޫއެމް ފައުޒީ ވިދާޅުވީ ޓީއެމްއޭއާ އެކު އެމްއޭސީއެލުން ކުރި މަޝްވަރާތަކުގައި އެއްބަސްވެފައި އޮތީ، އާ ޓާމިނަލުން 19،000 އަކަމީޓަރުގެ ޖާގަ ދޭން ކަމަށެވެ.

ސަރުކާރުން ނިންމާފައި އޮތީ ގާތްގަނޑަކަށް 5،000 އަކަމީޓަރުގެ ޖާގަ ދޭށެވެ. އެއީ ތިރީ ބަޔާ އެކު ހަތަރު ބުރިއަށް ހަދާފައި ހުރި އިމާރާތުގެ އެއް ބުރި އެއްކޮށެވެ.

ޓީއެމްއޭ އިން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި އެ ކުންފުނިން އަމިއްލައަށް ހަދައި، މިހާތަނަށް ހިންގަމުން އަންނަ ޓާމިނަލަށް 18 މިލިއަން ޑޮލަރު (277 މިލިއަން ރުފިޔާ) ހޭދަކުރީ އެމްއޭސީއެލް އިން ދިން ކޮމިޓްމެންޓަށް އިތުބާރުކޮށްގެން ކަމަށެވެ.

ޓީއެމްއޭގެ ޓާމިނަލްއަށް އެވަރުގެ ހޭދައެއް ކޮށްފައި ވަނީ، އެތައް އަހަރެއް ކުރިން ފެށިގެންނެވެ. އަދި މިހާރު ޓީއެމްއޭ އާއި އެމްއޭސީއެލްއާ އެކު ދިގު މުއްދަތުގެ އެއްބަސްވުމެއް ވެސް ހަދާފައެއް ނެތެވެ. އާ ޓާމިނަލްގެ މަސައްކަތް ފެށުމާ އެކު، ޓީއެމްއޭއާ އެކު ހަދަމުން އައީ، އެއް އަހަރު ދުވަހުގެ އެއްބަސްވުން ކަމަށްވެ އެވެ.

އެކަމަކު ފައުޒީ ވިދާޅުވީ އެމްއޭސީއެލް އިން އެއްބަސްވެފައި ވަނީ އާ ޓާމިނަލުން އަކަމީޓަރެއް 10.35 ޑޮލަރުގެ ރޭޓުން 19،000 އަކަމީޓަރު، 15 އަހަރު ދުވަހުގެ މުއްދަތަށް އެ އެއާލައިނަށް ކުއްޔަށް ދޭނެކަމުގެ ޔަގީންކަން ދިން ކަމަށެވެ. އެގޮތަށް ބަޔާންކޮށް އެއްބަސްވުމެއްގެ ދެލިކޮޕީއެއް ތައްްޔާރުކޮށް ޓީއެމްއޭގެ ހިޔާލު ހޯދަން ވެސް އެމްްއޭސީއެލް އިން ފޮނުވި ކަމަށް އޭނާ ވިދާޅުވި އެވެ.

"މީޑިއާގައި އެބަ އޮތް އެމްއޭސީއެލް އާއި އަޅުގަނޑުމެންނާ ދެމެދު އެއްބަސްވުމެއް ނެތޭ. އެކަން އަަޅުގަނޑުމެން ސާފުކޮށްދޭން ބޭނުން. އެއްބަސްވުމެއްގައި ސޮއިކޮށްފައެއްް ނެތް... އެކަމަކު [އެމްއޭސީއެލް] އިން އެއްބަސްވުމެއް ފޮނުވި. އަޅުގަނޑުމެން ސޮއެއް ނުކުރަން،" އޭނާ ވިދާޅުވި އެވެ.

ޓީއެމްއޭގެ އިސް ވެރިންނާ އެކު މާލިއްޔަތު ކޮމިޓީން މިއަދު ބޭއްވި ބައްދަަލުވުމުގައި، ވިލުފުށީ ދާއިރާގެ މެެމްބަރު ހަން އަފީފް ބައިވެރިވެވަޑައިގަންނަވަނީ.

ޓީއެމްއޭގެ އިސް ވެރިންނާ އެކު މާލިއްޔަތު ކޮމިޓީން މިއަދު ބޭއްވި ބައްދަަލުވުމުގައި، ވިލުފުށީ ދާއިރާގެ މެެމްބަރު ހަން އަފީފް ބައިވެރިވެވަޑައިގަންނަވަނީ.

ފައުޒީ ވިދާޅުވީ ފޮނުވި ދެލިކޮޕީގެ އިތުރުން ވެސް އެތައް ސިޓީއެއް އެމްއޭސީއެލް އިން، އެ ޔަގީންކަން ދީ، ފޮނުވާފައިވާ ކަމަށެވެ. އެހެންވީމާ އެމްއޭސީއެލްގެ ކޮމިޓްމެންޓް އެބަ އޮތް ކަމަށް ޓީއެމްއޭއިން ގަބޫލުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާލިއްޔަތު ކޮމިޓީގައި ފައުޒީ ވިދާޅުވީ ޓީއެމްއޭގެ މައިގަނޑު ހިއްސާ އެމެރިކާގެ ބެއިން ކެޕިޓަލް އާއި ޗައިނާގެ ޓެމްޕާސް އިން ގަތުމުގެ ވެސް މައިގަނޑު ސަބަބަކީ އެމްއޭސީއެލް އާއި ސަރުކާރުން ދިން ކޮމިޓްމެންޓް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ބެއިން އިން ބެލީ އެމްއޭސީއެލް އިން ޓީއެމްއޭއަށް 2017 ގައި ފޮނުވި ސިޓީއަށް ކަމަށެވެ.

"ދެން އައީ އެއްބަސްވުމުގެ ދެލިކޮޕީއެއް، ސެޕްޓެމްބަރު 2018 ގައި. އަޅުގަނޑުމެން ކުރި ކަމަކީ އެ އެއްބަސްވުމަށް ކޮމެންޓް ކުރުމަށް ފަހު އަނބުރާ ފޮނުވާލީ. އެެ އެއްބަސްވުމުގައި [ދެލިކޮޕީގައި] އެމްއޭސީއެލް އިން އަޅުގަނޑުމެންނަށް ދީފައި އޮތީ 15 އަހަރުގެ ލީސް،" ފައުޒީ ވިދާޅުވި އެވެ.

އެ ދެލިކޮޕީއަށް ޓީއެމްއޭއިން ދިން ކޮމެންޓްތަކާ މެދު އެމްއޭސީއެލްއާ ސުވާލުކުރެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފައުޒީ ވިދާޅުވީ ކުރީގެ ސަރުކާރުގެ ދުވަސްވަރު 2017 ގައި އެމްއޭސީއެލް އިން އެއްބަސްވި ގޮތަށް އަމަލުކުރަން އޮކްޓޯބަރު 2019 ގައި، އެމްއޭސީއެލްގެ މިހާރުގެ މެނޭޖްމަންޓުން ވެސް އެއްބަސްވި ކަމަށެވެ.

"ދެހާސް ނަވާރަ ވަނަ އަހަރުގެ އޮކްޓޯބަރާ ހަމައަށް ވެސް އެމްއޭސީއެލް އިން އައީ އެ ކުންފުނިން ދިން ކޮމިޓްމެންޓަށް އިތުރު ޔަގީންކަން ދެމުން،" ފައުޒީ ވިދާޅުވި އެވެ.

ޓީއެމްއޭގެ މައިގަނޑު ހިއްސާ އޮންނަ ބެއިން ކެޕިޓަލްގެ މެނޭޖިން ޑައިރެކްޓަރު ޕަރުވިންދަރުސިންގް ވިދާޅުވީ ޓީއެމްއޭއިން ޓާމިނަލް އޮޕަރޭޓްކުރަން ބޭނުންވާ ސަބަބަކީ އެ އެއާލައިން އަކީ މުޅިން ތަފާތު ހިދުމަތެއް ދޭ ކުންފުންޏަކަށް ވާތީ، އެ ނޫން ގޮތަކަށް ހިދުމަތް ދޭން ދަތިވާނެތީ ކަމަށެވެ.

"ޓޫރިޒަމް އިންޑަސްޓްރީއަށް ކާމިޔާބުކަމާ އެކު ޚިދުމަތް ކުރުމަށް ޓަކައި އަަޅުގަނޑުމެން އެދެނީ އެތައް ފަހަރެއްގެ މަތިން ކޮށްފައިވާ މަޝްވަރާތަކުގައި ދީފައިވާ ޔަގީންކަމަށް [އެމްއޭސީއެލް އިން] އިހުތިރާމްކުރަން،" އޭނާ ވިދާޅުވި އެވެ.

އޮޑިޓް ރިޕޯޓާ މެދުގައި ވެސް ކަންބޮޑުވުން

ސީޕްލޭން ޓާމިނަލް ހިންގަން ޓީއެމްއޭއަށް ދީފި ނަމަ އެމްއޭސީއެލް އަށް އަހަރަކު 41 މިލިއަން ޑޮލަރު (632 މިލިއަން ރުފިޔާ) ގެއްލޭނެ ކަމަށް ބުނެފައިވާ އޮޑިޓް ރިޕޯޓަށް ވެސް ފައުޒީ ފާޑުވިދާޅުވި އެވެ. އޭނާ ވިދާޅުވީ އޮޑިޓާ ޖެނެރަލް އެ ރިޕޯޓް އެކުލަވައިލެއްވި އިރު، އެމްއޭސީއެލް އިން ޓީއެމްއޭއަށް ދީފައިވާ ޔަގީންކަމަށާއި، އެ ކުންފުނިން ކުރި ހަރަދަށް ރިއާޔަތް ކުރައްވާފައި ނުވާ ކަމަށެވެ.

އަދި އެ ރިޕޯޓްގައި ބުނެފައިވާ އަދަދަކީ ވެސް ރަނގަޅު އަދަދެއް ނޫން ކަމަށް އޭނާ ވަކާލާތު ކުރެއްވި އެވެ.

"މީހުން ބުނަމުން އަންނަނީ މި ލައުންޖްތަކުން [އަހަރަކު] 47 މިލިޔަން ޑޮލަރު ހޯދޭނޭ. އަޅުގަނޑުމެންނަށް އެނގޭ ލައުންޖްތަކުން ލިބެނީ ކިހާވަރެއް ކަން. މިއީ ކުލި ނުކަނޑާ ޖުމްލަކޮށް ލިބޭ ފައިސާގެ އަދަދު. އެހެންވެ ކަންތައްތައް ސާފުކޮށްދިނުމަށް ޓަކައި އަޅުގަނޑުމެން މިނިވަން އޮޑިޓަރެއް ގެނައިން،" ފައުޒީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޮޑިޓް ރިޕޯޓްގައިވާ އަދަދަށް ފައިސާ ހޯދާ ނަަމަ ކޮންމެ ޕެސެންޖަރެއްގެ އަތުން 100 ޑޮލަރު ނަގަން ޖެހޭނެ ކަމަށާއި އެެއީ ކިހިނެއް އައި އަދަދެއް ކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ޓީއެމްއޭއިން ގެނައި އޮޑިޓް ފާމާ ބެހޭ ގޮތުން ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ސުވާލު އުފެއްދެވި އެވެ. އޭނާ ސުވާލު ކުރެއްވީ އެ ފާމްގައި ފައުޒީގެ ބޭބެއެއް އިސްކޮށް އުޅުއްވާ ކަމަށެވެ. ފައުޒީ ވެސް ވިދާޅުވީ އެއީ ރަނގަޅު ވާހަކައެއް ކަމަށެވެ.

އޮޑިޓް ފާމުގެ އެއް ޕާޓްނަަރަކީ ފައުޒީގެ ބޭބެއަކަށް ވުމުން އެ ކުންފުނިން ހެދި އޮޑިޓް ރިޕޯޓަށް އިތުބާރު ކުރާނީ ކިހިނެއްތޯ، ޓީއެމްއޭއަށް ޓާމިނަލް އެގޮތަށް ދޫކުރަން ކުރިންސުރެ ދެކޮޅުހައްދަވަމުން ގެންދަވާ ޔައުގޫބު ސުވާލުކުރެއްވުމުން، އެ ސުވާލަށް އެންމެ ފުރަތަމަ ޖަވާބު ދެއްވީ ބެއިންގެ އެމްޑީ ޕަރުވިންދަރުސިންގެވެ. އޭނާ ވިދާޅުވީ އީއެންވައިއަކީ ދުނިޔޭގައި ނަންހިނގާ ކުންފުންޏެއް ކަމަށާއި މަސްލަހަތު ފުށުއެރިޔަ ނުދޭނެ ފިޔަވަޅުތަކެއް އެ ކުންފުނީގެ އެތެރޭން އަޅާނެ ކަމަށެވެ.